ޝައިޠޯނާ އެންމެ ބޮޑަށް މާޔޫސްކޮށްލަން ބޭނުންހެއްޔެވެ؟ ބާރު އޮތީ ދެމަފިރިންގެ އަތްމަތީގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޝައިޠޯނާ އެންމެ ބޮޑަށް މާޔޫސްކޮށްލަން ބޭނުންހެއްޔެވެ؟ ބާރު އޮތީ ދެމަފިރިންގެ އަތްމަތީގައެވެ!

ތިމާގެ ބައިވެރިޔާގެ ކިބައިން ނަމަވެސް އަދި އެހެން މީހެއްގެ ކިބައިން ނަމަވެސް ތިބާ ހިތް ހަމަނުޖެހޭ ފަދަ ކަމެއް ފެނިއްޖެ ނަމަ ނުވަތަ އެފަދަ ބަހެއްގެ އަޑު އިވިއްޖެ ނަމަ ފުރަތަމަ ކަމަކަށް ކެތްތެރިވެލާށެވެ! ރުޅި ކޮންޓްރޯލްކުރާށެވެ! 

ކޮންމެ މީހަކު ނަމަވެސް ނުބައި ބަހެއް ބުނާނީ ތިބާ ރުޅިއެރުވުމަށެވެ. އޭނާ އެކަން އެކުރަނީ ޝައިޠޯނާގެ ބަހަށް ހެއްލިހުރެއެވެ. ޝައިޠޯނާގެ ބައިވެރިއަކަށްވެގެން ހުރެއެވެ. ވީމާ ޝައިޠޯނާގެ އެމަޅީގައި ޖެހި ތިބާ ރުޅި އިސްކޮށްފިނަމަ ޝައިޠޯނާ ރޭވި ރޭވުން ކާމިޔާބުވީއެވެ! ރުޅީގެ މައްޗަށް ނަފްސް ކޮންޓްރޯލްކޮށް ﷲ ތަޢާލާއަށް ބިރުވެތިވެ ރުޅި އައުން ދޫކޮށްލައިފިނަމަ ޝައިޠޯނާގެ ރޭވުން ފޭލްވާނެއެވެ. ޖެހޭނީ ލަދުވެތިވެގެންހުރެ އެނބުރި ދާށެވެ! 

ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވައި މައްސަލަތައް ޖެއްސުވުމަކީ ޝައިޠޯނާ ކުރަން އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމުގައި އަބަދުވެސް ބުނަމެވެ. އެއީ ހަމަ އެކަން އޮތް ގޮތެވެ. ވީމާ ޝައިޠޯނާ އުފައްދުވާ ފިތުނައިގައި ނުޖެހި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަކީ ޝައިޠޯނާ އެންމެ ބޮޑަށް މާޔޫސްވާނެ ކަންތަކެވެ!  

ކަމެއް ކުރިމަތިވާއިރަށް ރުޅި އިސްކޮށް ތިމާގެ މޮޅުކަން ދައްކަން މަސައްކަތްކުރަނީ އެމީހުންގެ ހިތް ބޮޑާކަމާއި ކިބުރުވެރިކަމުން އަދި ޙަސަދަވެރިކަމުން ފުރިގެންވާ މީހުންނެވެ. އެމީހުންނަށް އެވަނީ ﷲ ތަޢާލާގެ އެންގެވުން ވެސް އޮޅިފައެވެ. ނުވަތަ ޤަބޫލުވެސް ނުކުރަނީއެވެ. 

މުސްލިމުން ވާންޖެހޭނީ އަނެކާ އާއިމެދު ހިތްހަމަނޖެހޭ ކަމެއް ކުރިމަތިވި ނަމަވެސް އެކަމަކަށް މަޝްވަރާކޮށް ކަންކަން ޙައްލުކުރަން މަސައްކަތްކުރާ ބައަކަށެވެ. ރުޅި އައިސް ދުލުން ނުބައި ބަސްތައް ބުނާބައަކަށްވެގެން ނުވާނެއެވެ. ދުލުން ބުނެވޭ ކޮންމެ ނުބައި ބަހަކީ ކުރެވޭ ފާފައެކެވެ. 

ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނުގައި ތިބާ ހުއްޓި ހުންނައިރު ތިބާ އާއިއެކު ތިބާކުރި ހެޔޮ ޢަމަލުަތަކާއި ނުބައި އަމަލުތައްވެސް ފުނިފުންޏަށް ހުންނާނެއެވެ. ކުރެވުނު ހެޔޮ އަމަލުތަކަށްވުރެ ކުރެވުނު ފާފައިގެ ފުނި ބޮޑުވެއްޖެ ނަމަ ސަލާމަތަކީ ކޮބައިހެއްޔެވެ؟ ވީމާ ދުލުން ބުނެވޭ ކޮންމެ ބަހަކާއިމެދުވެސް ރައްކައުތެރިވާންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން