މިކަމުގައި އަންހެނެއް އަދި ފިރިހެނެއް ނެތެވެ. ކޮންމެ މީހެއްގެ ކުރިމަތީގައިވެސް އެންމެ މަތިވެރިވާންޖެހޭނީ އަންހެނުންގެ މަޤާމެވެ. އެކަން އެންމެ ބޮޑަށް އެނގިގެންދާ އެއް ސަބަބަކީ އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް ދުނިޔެއަށް އުފަންވަނީ މައިމީހާގެ ބަނޑުންނެވެ. ވީމާ ކޮންމެ މީހެއްގެވެސް މައަކު ހުންނާނެއެވެ.
އެންމެ ބޮޑަށް ހެޔޮކޮށް ހިތަން ޖެހޭނީ ކާކަށް ކަމާއިމެދު ދެންނެވުނު ސުވާލަށް ވިދިވިދިގެން 3 ފަހަރު މައިމީހާއަށް ކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން މައިމީހާއަށްވުރެ މަތީ މަޤާމެއް ދެވިގެންވާނީ ކާކަށް ހެއްޔެވެ؟ ހަމަ ޔަޤީނުން މަންމައަކީ އަންހެންކެވެ.
މިޙަދީޘްފުޅުން އެނގިގެން މިދަނީ އަންހެނުންވެސް އަދި ފިރިހެނުންވެސް އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ މައިމީހާއަށް ކަމެވެ. އަނހެނަކުވިއަސް ފިރިހެނަކުވިއަސް މައިންނަށް ހެޔޮކޮށް ހިތައި އޯގާތެރިވާންޖެހޭނެއެވެ. އެއީ ސުވަރުގެ ލިބުމަށް ވެސް އޮތް އެންމެ ފަހި އެއް މަގެވެ.
އަނބިންނަށް ހެޔޮކޮށް ހިތައި، އެކަނބަލުންގެ ކަންކަން ރަނގަޅު ގޮތުގައި ބަލަހައްޓައި އެކަނބަލުންނަށް އެހީތެރިވެދީ އެކަނބަލުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ހަމައެއާއިއެކު އަނހެން ދަރިން ލިބުމުން ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކޮށް ޢިއްފަތްތެރިކަމާއިއެކު ފިރިއަކާއި ޙަވާލުކުރެވުމަކީ ސުވަރުގެ ލިބުމަށް އޮތް މަގެކެވެ.
"އަންހެނުންނަށް އިހްތިރާމްކުރަން ދަސްކޮށްދޭން ޖެހެއެވެ. އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޤަދަރު އެއީ ކޮންމެ ޙާލަތެއްގައިވެސް މަތިވެރި ޤަދަރެކެވެ. އަންތބަކަށް ވިޔަސް އަންހެން ދަރިއަކަށްވިއަސްވެސް، އަންހެނަކަށްވިޔަސް، ދައްތަ، ކޮއްކޮއަކަށްވިޔަސް އަދި މަންމަކަމުގައިވީނަމަވެސްމެއެވެ" ޢިލްމުވެރިން މިފަދަ ބަސްފުޅުތައް ވިދާޅުވެފައިވަނީ މި ބަޔާންކުރި ކަންކަމަށް ރިޢާޔަތްކުރައްވަވައެވެ.
އިސްލާމް ދީނުގައި އަންހެނުންގެ މަޤާމަކީ މަތިވެރި މަޤާމެއްކަން އެނގިގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އިސްލާމް ދީނުގައި އަންހެނުންނަށް މަޤާމެއް ނެތްކަމަށް ބުނަނީ މިކަންކަން ނުއެނގޭތީއެވެ. އަންހެނުންނަށް ޙައްޤު މަޤާމު ނުލިބޭ އެއްވެސް ކަމެއް ނެތެވެ. އެ މަޤާމް މީހަކު ނުވަތަ ބައަކު ނުދިނުމަކީ އިސްލާމް ދީނުގެ މައްސަލައެއް ނޫނެވެ. އެއީ އެބައެއްގެ ޖާހިލުކަމެވެ!
ރަސޫލް (ޞޢވ) ދެއްވެވި ޙައްޖު ޚުޠުބާގައި އަންހެނުންގެ ޙައްޤުތައް ބަޔާންކުރައްވަވައި ދެއްވެވި މިންވަރާއި އަނހެނުންނަށް ހެޔޮކޮށް ހިތަން ވަޞިއްޔަތް ކުރެއްވެވި މިންވަރު މިބުނި ބަސްތަކުގެ ދަލީލަކަސް ފުދޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން