ޙަޤީޤީ ހާދިސާ!: ފްލައިޓުން ނުފުރުމުން މިސްކިތަށް އަރާ އަޅުކަންކުރި އަންހެނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޙަޤީޤީ ހާދިސާ!: ފްލައިޓުން ނުފުރުމުން މިސްކިތަށް އަރާ އަޅުކަންކުރި އަންހެނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ!: މުފްތީ މެންކް

ތިމާ އެދޭ ކަމެއް ހިންމަވައި ދެއްވަވައިފިނަމަ އަލްޙަމްދުލިﷲ ކިޔާށެވެ. ތިމާގެ ހިތް ނުއެދޭ ކަމެއް މެދުވެރިވެއްޖެ ނަމަ 2 ފަހަރު އަލްހަމްދުލިﷲ ކިޔާށެވެ. ކަންކަން ތިމާ އެދޭ ގޮތަށް ހިންމަވައި ދެއްވަވަނީވެސް އަދި ހިތް ނުއެދޭ ގޮތަށް މެދުވެރިކުރައްވަވަނީވެސް ހަމަ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ﷲ ތަޢާލާއެވެ. 

މިކިޔައިދެނީ އެކަމުގެ ފުރިހަމަ ހެކި ލިބިގެންދާ ހާދިސާއެއްގެ ވާހަކައެވެ. 

ސީރިޔާގެ ރިފިޔުޖީންގެ ތެރެއިން އަންހެނަކަށް އެމެރިކާއަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. ދަތުރުގެ ޓްރާންސިޓް ބަނދަރެއްގައި އޭނާގެ މޫނު ބުރުގާ ނަންގުވައި ފޮޓޯއެއް ނަގަން އިމިގްރޭޝަނުން ބޭނުންވި މައްސަލައެއް ކުރިމަތިވިއެވެ. އޭނާ އެކަމަށް ދެކޮޅު ހެދުމުން ހިނގައި ދިއަ ލަސްވުމެއްގެ ތެރެއިން ފްލައިޓް ފުރީ އޭނާ ނުލައެވެ. 

އޭނާ އެކަމަކަށް ކަންބޮޑެއް ނުވެއެވެ. ﷲ ތަޢާލާ މިންވަރު ކުރެއްވެވި ގޮތް ކަމަށް ޔަޤީންކޮށް ޝުކުރުވެރިވެ ޝަކުވާ ކުރަން ކައުންޓަރުތަކަށް ދުވުމުގެ ބަދަލުގައި އަވަހަށް ދިއައީ ނަމާދުކުރާ ތަނަށެވެ. ނަމާދުކޮށް ދަތުރު އަމާންކޮށް ދެއްވެވުން އެދި ދުޢާކޮށްފައި އަދި ކީރިތި ޤްރްއާން ކިޔަވައިލަންވެސް ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ނުކުމެގެން ގޮސް ކައުންޓަރުގައި ހުއްޓި ދަތުރާއިމެދު ސުވާލުކުރުމުން އެތަނުގައި ތިބި މީހުން ބުނީ އެމީހުން އޭނާ ހޯދާތާ ކިތަންމެ އިރެއް ވެއްޖެ ކަމަށެވެ. 

އެމީހުން ބުނީ ފްލައިޓް ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފްލައިޓަށް މައްސަލައެއް ކުރިމަތިވެ ފްލައިޓް ވެއްޓި ގިނަ ބައަކު މަރުވެފައިވާ ކަމަށެވެ. އޭނާއަށް ނުފުރުނީ ނަޞީބަކުން ކަމަށާއި ބައިގަޑިއެއްހައިއިރުގެ ތެރޭގައި ބޯޑްކުރަން ފަށާ ފްލައިޓަކުން އޭނާއަށް ދަތުރުކުރެވޭނެ ގޮތް ހަމަ ޖައްސައިދީފައިވާ ކަމަށެވެ. 

ކަމެއް ތިމާ ނުއެދޭ ގޮތަށް މެދުވެރިވެއްޖެ ނަމަ އަހަރެމެންނަށް ހީވަނީ ކަންކަން ގޯސްވީ ކަމަށެވެ. އެއީ އެކަމުގައި ފޮރުވިފައިވާ މޮޅު ގޮތް ނުވަތަ ފައިދާ އަހަރެމެންނަށް ނުއެނގޭތީއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދިރިއުޅޭ ހަމަ އެކަކަށްވެސް އެއްވެސް ދެރަގޮތެއް ﷲ ތަޢާލާ މެދުވެރިއެއް ނުކުރައްވަވާނެއެވެ. ކަންކަން މިންވަރު ކުރެއްވެވުމުން އެއީ އިމްތިޙާނަކަށްޓަކައި މިންވަރު ކުރެއްވެވި ކަންކަން ކަން އަހަރެމެންނަށް ނުއެނގެނީއެވެ. ﷲ ތަޢާލާ އެކަން އެންމެ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ. 

މިހާދިސާގައި ފްލައިޓުން ނުފުރުމަކީ އެއަންހެނާއަށް ބޭނުންވާނެ ގޮތެއް ނޫނެވެ. ނަމަވެސް އޭނާއަށް އެ ގޮތް މެދުވެރި ކުރެއްވެވީއެވެ. އެ ގޮތް މެދުވެރި ކުރެވެވުން ވެގެން ދިއައީ އޭނާއަށް ލެއްވެވި ކޮން ފަދަ ބޮޑު ހެޔޮ ރަޙްމަތަކަށް ހެއްޔެވެ؟ ހަމަ ކޮންމެ ކަމެއްގެ ފަހަތުގައި މިފަދަ ކަންތައް ފޮރުވިފައި ހުންނާނެއެވެ. އަހަރެމެންނަށް ހަމަ ނުއެނގެނީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން