ޢާއިލާގެ ތެރޭގައިވެސް އަދި އެހެން ގޮތަކުން ނަމަވެސް ކަމެއް މެދުވެރިވެ ކިރާ ޝައްކެއްވާއިރަށް ސިހުރުވެރިންގެ ގާތަށްގޮސް ޝިރުކުގެ ޢަމަލުތައް ކުރުން ގިނަވަމުން މިދަނީ ބިރުގަންނަންޖެހޭ މިންވަރަށެވެ.
ސިހުރުވެރިންނަށް ޣައިބުގައިވާ ކަންކަން ބުނެދޭކަމަށްވަނީ އެމީހުންނާއި ގުޅިފައިވާ ޖިންނި ޝައިޠޯނުންނެވެ. ޖިންނި ޝައިޠާނުންނަށް ޣައިބު އެނގޭކަމަށް ޤަބޫލުކޮށް ގިނަ ބައަކު ޝިރުކުރުމުގެ ތެރެއަށް ވެއްޓިގަންނަމުންދާއިރު ޖިންނިންނަށް ޣައިބު ނުއެނގޭ ކަމުގެ ހެކި ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ދައްކަވައިފައެވެ.
އެކަން އެންމެ ބޮޑަށް މީސްތަކުންގެ ލޯތަކަށް ދެއްކެވި އެއް ހާދިސާއަކީ ސުލައިމާންގެފާނު އަވަހާރަވި ހާދިސާއެވެ. ސުލައިމާނުގެފާނުގެ ފުރާނަފުޅު ﷲ ތަޢާލާ ގެންދެވުމުން އެކަމެއް ޖިންނިންނަކަށް ނުއެނގުނެވެ. ޖިންނިން މަސައްކަތްކުރާތަން ބައްލަވަން ސުލައިމާނުގެފާނު ހުންނެވި ކަމަށް ހީކޮށް ސުލައިމާންގެފާނު ޖިންނިންނާއި ހަވާލު ކުރެއްވެވި މަސައްކަތް ޖިންނިން ދިއައީ ކުރަމުންނެވެ. މަސައްކަތް އަވަހަށް ނިންމަން އަވަދި ނެތި ބުރަކަމާއިއެކު މަސައްކަތް ކުރަމުންނެވެ.
ސުލައިމާނުގެފާނު އަވަހާރަވިކަން ޖިންނިންނަށް އެނގުނީ ފަނިފަކުސަ ސުލައިމާނުގެފާނުގެ އަސާކޮޅު ކަމުން ގޮސް އެ އަސާކޮޅު ބިނދި ސުލައިމާނުގެފާނު ވެއްޓިވަޑައިގަތުމުންނެވެ. ޖިންނި ޝައިޠާނުންނަށް ޣައިބުއެނގޭނަމަ ނުވަތަ ހިނގާ ހުރިހާ ކަމެއް އެނގޭނަމަ ސުލައިމާނުގެފާނު އަވަހާރަވުމުން އެކަން ނުއެނގުނީ ކީއްވެގެން ހެއްޔެވެ؟ މިއީ ކީރިތި ޤްރްއާނުން އެނގެން އޮތް ޙަޤީޤަތެކެވެ.
ވީމާ ސިހުރު ހަދާ މީހުން ގާތަށް ގޮސް އެމީހުންނަށް ޖިންނި ކިޔައިދޭ ވާހަކަތައް އެއީ ތެދުކަމަށް ޤަބޫލު ނުކުރާށެވެ. ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް ޣައިބެއް ނުއެނގޭނެއެވެ. އަދި ދުނިޔޭގައި ހިނގާހައި ކަމެއްވެސް ނުއެނގޭނެއެވެ. އެނގޭ ކަމަށް ކޮންމެ މީހަކު ބުނި ނަމަވެސް، ޖިންނި ޝައިޠާނުން ބުނި ނަމަވެސް އެހަދަނީ ކަނޑައެޅިގެން ވަރަށް ބޮޑު ދޮގެކެވެ. ވީމާ އެމަޅީގައި ޖެހި ﷲ ތަޢާލާއަށް ޝަރީކުކުރާ މީހުންގެ ތެރޭގައި ނުހިމެނޭށެވެ!
- މުފްތީ މެންކުގެ ދަރުސަކުން