ދެމަފިރިން އެކުގައި ތިބޭ ވަގުތުތަކުގައި ގުޅާ ކޯލުތައް ނުނެގުމަކީ ގިނަބައަކު ކުރާ ކަމެކެވެ. ނަމަވެސް އެއީ ރަނގަޅުގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ ނަގައި ޖަވާބުދިނުމެވެ. ދެމަފިރިން އެކުގައި ތިބޭ ވަގުތުތަކުގައި އަންނަ ފޯނުތައް ނަގައި ޖަވާބުދޭށެވެ! ޖަވާބުނުދިނުމަކީ އަނެކާގެ ހިތުގައި ޝައްކުތައް އުފެދިދާނެ ކަމެވެ. ޖަވާބު ދިނުމަކީ އިތުބާރު ބޮޑުވާނެ ކަމެކެވެ.
ނަމްބަރު އޮޅިގެން ގުޅާ މީހުން ފިޔަވައި ކޮންމެ މީހަކުވެސް ގުޅާނީ ކޮންމެވެސް ބޭނުމަކުއެވެ. ވީމާ ފޯނުނަގައި ޖަވާބު ނުދޭނަމަ ތަކުރާރުކޮށްވެސް ގުޅާނެއެވެ.
ބައެއް މީހުން ދެމަފިރިން އެކުގައި ތިބޭ ވަގުތުތަކުގައި އަންނަ ކޯލްތަކަށް ޖަވާބު ނުދެނީ ދެމަފިރިން އެކުގައި ހޭދަކުރަން ލިބޭ ވަގުކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކަމަށްވެދާނެއެވެ. އެހެންކަމަށްވާނަމަ އެކަން ޙައްލުކުރެވޭނެ ގޮތްތައް މިހާރުގެ ފޯނުތަކުގައި އެބަހުއްޓެވެ. އެވަސީލަތްތަކުގެ ބޭނުން ހިފުމަކީ މައްސލައެއް ނޫނެވެ.
ދެމަފިރިންގެ މެދުގައި ގިނަ ފަހަރު އިތުބާރު ގެއްލެނީ މާބޮޑެތި ކަންކަން މެދުވެރިވެގެނެއްވެސް ނޫނެވެ. ވަރަށް ކުދިކުދިކަންކަމުގެ ސަބަބުން ހިތުގައި އުފެދެންފަށާ ޝައްކުތަކުގެ ސަބަބުންނެވެ. ވީމާ ޒަވާޖީ ޙަވާތް އުފާވެރިކަމާއިއެކު ކާމިޔާބުކުރަން ބޭނުންނަމަ އަނެކާގެ ހިތުގައި ޝައްކު އުފެދިދާނެ ކަމެއްވެސް ނުކުރާށެވެ!
- އަލަފްގެ ވިސްނުން