ކޮންމެހެން ސަމާލުވާންޖެހޭ ކަމެއް!: ކައިވެންޏަށްފަހު ބައިވެރިޔާގެ ސިފަ ބަދަލުވަނީއެއް ނޫނެވެ! އަޞްލު ސިފަ ހާމަވަނީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކޮންމެހެން ސަމާލުވާންޖެހޭ ކަމެއް!: ކައިވެންޏަށްފަހު ބައިވެރިޔާގެ ސިފަ ބަދަލުވަނީއެއް ނޫނެވެ! އަޞްލު ސިފަ ހާމަވަނީއެވެ!

ގިނަ ބައަކު އެންމެ ގިނައިން ކުރާއެއް ޝަކުވާއަކީ "ކައިވެންޏަށްފަހު އަނބިމީހާ ނުވަތަ ފިރިމީހާ ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މިހާރު ފެންނަނީ ކުރިން އޭނާގެ ކިބައިން ފެނުނު ސިފަތަކެއް ނޫނެވެ. މުޅިން ތަފާތު ސިފަތަކެކެވެ. ފެންނަނީ މުޅިން އެހެން މީހެކެވެ." މިފަދަ ޝަކުވާތަކެވެ. 

ޙަޤީޤަތުގައި މިވާގޮތަކީ ކައިވެންޏަސްފަހު މީހުން ބަދަލުވަނީއެއް ނޫނެވެ. ކައިވެންޏަށްފަހު މީހާގެ އަސްލު ސޫރަ ފެންނަނީއެވެ. އަސްލު ސިފަތައް ައުޅުވެގެންދަނީއެވެ. ކައިވެނީގެ ކުރިން އޭނާ އެދެއްކީ އޭނާގެ ޙަޤީޤީ ސިފައެއް ނޫނެވެ. ކައިވެނިކުރުމުގެ ބޭނުމުގައި ސިފައ އޮޅުވާލައިގެން ދެއްކީއެވެ. 

ވީމާ ކައިވެނީގެ ކުރިން އެދައްކާ ސިފަތަކަށް އެހައިބޮޑަށް އިތުބާރުނުކުރާށެވެ! މީހާގެ ޙަޤީޤީ ސިފަ ފެންނާނީ އެމީހަކާއިއެކުގައި ދިރިއުޅުމުންނެވެ. ވިޔަފާރިކުރުން ފަދަ މުޢާމަލާތުތައް ކުރުމުންނެވެ. އިތުބާރުކުރަންޖެހޭ ކަންކަން ކުރިމަތިވުމުންނެވެ. ޚާއްޞަކޮށް އެމީހަކަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް، އުނިކަމެއް ލިބިދާނެ ފަދަ ކަމެއް ކުރިމަތިވުމުންނެވެ. ވަކިން ޚާއްޞަކޮށް ހިތްހަމަނުޖެހޭ ފަދަ ކަމެއް މެދުވެރިވުމުންނެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ބައިވެރިޔާގެ އަސްލު ސިފަ ތަފާތުވުމުގެ މައްސަލަ މިހައިބޮޑުކަމަށް ވެގެން މިދަނީ އިސްލާމް ދީން ހުއްދަނުކުރި ނަމަވެސް މިޒަމާނުގައި ކައިވެނީގެކުރިން ގުޅުންތައް ހިންގާތީއެވެ. ގުޅުންތައް ހިންގަން ބޭނުންވެގެން ދެއްކި ސިފައާއި މީހާގެ ޙަޤީޤީ ސިފަ ތަފާތުވަނީއެވެ. ކައިވެނިކުރެވި ބައިވެރިޔާއަކީ އަމިއްލަ މިލްކެއްކަމަށްވުމުން ކުރިން ނުދައްކައި ފޮރުވައިގެން އުޅުނު ސިފަތައް ހާމަވެގެންދަނީއެވެ. 

ޙައްލަކީ ކައިވެނީގެކުރިން އަތުލައިގަންނަން ޖަހާދަލުގައި ނުޖެހި ސަލާމަތުން ހުރުމެވެ. އެދަލުގައި ޖެހެވިއްޖެނަމަ ހުރިހާ ކަމަކުން ކޮޅުކެހިލިބޭނެއެވެ. ދުނިޔޭގައިވެސް މައްސަލަތައް ކުރިމަތިވާނެއެވެ. އަދި އާޚިރަތް ދުވަހުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ވީމާ ކައިވެނީގެކުރިން ބަލަންވީ އަބަދުވެސް ބުނަމުންމިދާ ފަދައިން ރަސޫލް (ޞޢވ)ގެ ހަދީޘްފުޅުގައިވާ ކަންކަމަށެވެ. ދީންވެރިކަމަށެވެ. ތަްްވާވެރިކަމާއި އަޚްލާޤަށެވެ. 

އިތުރަށް މިޒަމާނުގައި ބަލަންވީ އަނބިމީހާ ގޮވައިގެން ދިރިއުޅުމުގެ ހިތްވަރުއެބަހުރިތޯއެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަން ޝައުޤުވެރިކަންހުރިތޯއެވެ. އަނބިންގެކިބައިން ބަލަންވީ ގެވެހި ދީނީ ދިރިއުޅުމަކަށް ޝައުޤުވެރިކަން ހުރިތޯއެވެ؟ އެކަންކަމަށް ޝައުޤވެރިކަން ހުރިނަމަ ދެން އިތުރަށް ބޭނުންވާ ކަންކަން ދަސްކޮށްދެވިދާނެއެވެ. 

ޝަރުޠުތަކަށް ބަލައިގެން ކައިވެނިކޮށްފިނަމަ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބިގެންދާނެއެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން