ދަރު އަނދައި ނިމި ދެއްޔަށްވުމުން ހުންނަނީ ކަޅުކުލައިގައި ނޫން ހެއްޔެވެ؟ ނަރަކައިގައި މީސްތަކުން އަނދައިގެންދާއިރުވެސް ހަމަ އެގޮތަށް ކަޅުކުލައަށް ބަދަލުވެގެންދާނެއެވެ. ނަމަވެސް ވަރަށް ބޮޑު ތަފާތެއް ވެއެވެ. ދަރު އަނދައި ނިމެއެވެ. ދެލިގަނޑަކަށް ބަދަލުވެ އަލިފާންގަނޑު ނިވިގެންދެއެވެ. ނަރަކައިގައި އޮތީ އަލިފާނުގައި އަނދައަނދައި މޫނު ވަތަށް އޮތުމެވެ. ހަށިގަނޑުގައި ލައްވަވާ ބޯ ހަންގަނޑު އަނދައިގެންދާއިރަށް އައު ހަންގަނޑެއް ލައްވަވައެވެ. އަނދައި ނުމުމެއް ނެތެވެ. މާތް ﷲ ނަރަކައިން ސަލާމަތް ކުރެއްވެވި އަޅަކަށް މެނުވީއެވެ.
ވީމާ ޝައިޠާނާ އުފައްދުވާ ފިތުނަތަކުގެ ޝިކާރައަކަށް ނުވާށެވެ! ޢާއިލާގެ މީހުންނަށްވެސް އަދި އެހެން މީހަކަށް ވިއަސް އެއްވެސް ގެއްލުމެއް ނުދޭށެވެ. އެހައި ފަސޭހައިން ކަންކަމުގައި ރުޅި އާދެވެނީ ފިތުނައިގެ ސަބަބުން އުފެދޭ ހަސަދަވެރިކަމުންނެވެ. ވީމާ އެކަމުން ސަލާމަތްވާށެވެ! ރުޅި އަންނަ ފަދަ ކަމެއް ކުރިމަތިވި ނަމަވެސް ކެތްތެރިވެ އަޢޫޛް ކިޔައި ވައަތްފަރާތަށް 3 ފަހަރު ހިކިކުޅު ޖަހައި އިބިލީސް ފައްސައިލާށެވެ. އެއަށްފަހު ހަމަޖެހިލައިގެން ހުރެ ވިސްނައިލާށެވެ. އެންމެ ރަނގަޅު ގޮތަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކްރްކުރުމެވެ. ވުޟޫކޮށް އަޅުކަމެއް ކުރުމެވެ. އެއިރުން މަކަރުވެރި ޢަދާވާތްތެރި ޝައިޠާނާއަށް ކައިރިއެއް ނުވެވޭނެއެވެ.
އިބިލީހުގެ އެންމެ ބޮޑު ނުރައްކަލަކީ ޢަދާވާތްތެރިކަމެވެ. ކީރިތި ޤްރްއާނުގައި 88 ފަހަރު އެކަމަށް ސަމާލުވާން އިންޒާރު ދެއްވަވާފަވަނީ އިބިލީހުގެ ހުރި ޢަދާވާތްތެރިކަން ބޮޑުކަމުންނެވެ. އިބިލީހަކީ މީސްތަކުންނަށް ހުރި އެންމެ ބޮޑު އަދާވާތެރިޔާ ކަމުގައި ބަޔާން ކުރައްވަވައި އެއްވެސް ގޮތަކަށް، އެއްވެސް މިންވަރަކަށް އިބިލީހާއި ގާތް ނުވުމަށް، އިބިލީހުގެ ވަސްވާސްތަކަށް އެއްވެސް ވަރަކަށް ނުހެއްލުމަށް ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވަނީ މީސްތަކުންނަށް އެކަމުގެ ސަބަބުން ލިބެން ހުރި ގެއްލުމުގެ ބޮޑުކަމުންނެވެ.
ނިކަން ވިސްނައިބަލާށެވެ. ޔޫސުފްގެފާނު ފެންވަޅަށް ވައްޓައިލި އަޚުންނަށް މަޢާފް ދެއްވަވައި ވިދާޅުވި ބަސްފުޅެވެ. ހަމަ ކަށަވަރުން އެކަން ހިނގައިދިއައީ ޝައިޠާނާގެ ހުރި ޢަދާވާތްތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވި ބަސްފުޅެވެ.
ޙަޤީޤަތަކީ ކޮންމެ ޢާއިލާއަކަށްވެސް ނުފޫޒު ފޯރުވަން އިބިލީސް މަސައްކަތްކުރާނެ ކަމެވެ. ފިތުނަ އުފައްދުވައި ބައިބައިކުރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމެވެ. ވީމާ އެކަމަށް ތިބެން ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. މިސާލަކަށް ކުރިމަތިވާ ކަމެއްގައި ޢާއިލާގެ މެދުގައި ވާހަކަ ދެއްކުން މަދުވެދާނެއެވެ. ކޮންމެވެސް ބައަކު ވާހަކަ ނުދައްކައި ތިބެންވެސް ފަށައިފާނެއެވެ. މެދުވެރިވާ ކުދިކުދި ކަންކަން ހޫނުވެ ބޮޑެތި މައްސަލަތަކަށް ބަދަލުވާން ފަށައިފާނެއެވެ. މިފަދަ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ޔަޤީން ކުރަންވީ އިބިލީސް ޢާއިލާގެ ތެރެއަށް ވަދެގެންފިކަމެވެ. އިބިލީހުގެ ހީލަތްތެރިކަމާ ފިތުނައިން މިންޖުވުމަށް އަވަހަށް ގަދައަޅައި މަސައްކަތްކުރަން ފާށާށެވެ.
އިބިލީހުގެ ހަމައެކަނި މަސައްކަތަކީ މީސްތަކުން ނަރަކައަށް ގެންދިއުމެވެ. އޭނާ ހޭބޯ ނާރައި ކުރާ މަސައްކަތަކީ އޭނާއާއިއެކު ވީހައި ގިނަ ބައަކު ނަރަކައަށް ގެންދަން ކުރާ މަސައްކަތެވެ. ޢާއިލާތަކުގެ މެދުގައި ފިތުނަ އުފެއްދުމަކީވެސް ހަމަ މީސްތަކުން ނަރަކައަށް ގެންދަން ކުރާ މަސައްކަތެވެ. އެކަމަށް ހޭލުންތެރި ނުވެއްޖެނަމަ ޢާއިލާގެ މެދުގައި ބޮޑެތި ފިތުނަތައް އުފެދި ހަސަދަވެރިކަން އިތުރުވެ ގިނަބައަކު ކުރާ ހެޔޮ އަމަލުތައް، އަލިފާން ދަރު އަންދައި ހުސްކުރާ ފަދައިން އަންދައި ހުސްކޮށްލާނެއެވެ. އެކަމުގެ ސަބަބުން ނަރަކައަށް ދާންޖެހުން ވަރަށް ގާތެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން