އެދޭ ކަންކަން ޙާޞިލު ނުވާނަމަ ވިސްނާލަންޖެހޭ ދިހަ ކަމެއް! - ކައިވެނިކުރަން ވާ ވަޢުދު ނުފުއްދުން ވެސް ހިމެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އެދޭ ކަންކަން ޙާޞިލު ނުވާނަމަ ވިސްނާލަންޖެހޭ ދިހަ ކަމެއް! - ކައިވެނިކުރަން ވާ ވަޢުދު ނުފުއްދުން ވެސް ހިމެނޭ!

ދިރިއުޅެން ކުރާ މަސައްކަތުގައި ކުރިއެރުން ނުލިބޭނަމަ، ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނަމަ ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ހިތާމަކުރާނެއެވެ. ކަންބޮޑުވާނެއެވެ. އެހާލަތުގައި ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ ކޮންމެވެސް މީހަކު ތިމާގެ ކަންކަމަށް ހުރަސްއަޅާތީ ކަމަށެވެ. ކޮންމެވެސް މީހަކު ހެދި ސިހުރަކުން ނުވަތަ އެސްފީނާއަކުން ކަމަށެވެ! 

ނަމަވެސް ގިނަފަހަރު އެކަން އެގޮތަށް މެދުވެރިނުވެވެސްދާނެއެވެ. އެކަންކަން މެދުވެރިވަނީ ތިމާގެ އަމިއްލަ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެގޮތުން ޗެކްކޮށްލަން ނުވަތަ ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.

1 ތިމާ އެހެން މީހަކަށް އަދާކުރަންޖެހޭ ޙައްޤެއް އަދާނުކުރެވިވޭތޯ ރަނގަޅަށް ހަނދާންކުރާށެވެ! އެއީ ކިތަންމެ ކުޑަކުޑަކަމެއް ނަމަވެސް އަވަހަށް އެކަންތައް ފުރިހހަމަކުރާށެވެ! 

2 މީހެއްގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމެއް ކުރެވިފައިވާނަމަ މާފަށް އެދެން އަވަސްވެގަންނާށެވެ!

3 އަނބިދަރިންނާއި މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތަކާއި ރަޙިމުގެ ގުޅުން ދެމެހެއްޓޭވަރަށް ވިސްނައިލާށެވެ! 

4 ތިމާއަކީ ދުވާލަކު 6 ނަމާދު ކުރެވޭ މީހަކަށްވާށެވެ! މިބުނީ ދަމުނަމާދާއިއެކުގައެވެ. 

5 ތިމާއަކީ އެއްވެސް ފާފައެއް ކުރެވޭ މީހަކު ނަމަ އެކަންކުރުން ވަގުތުން ހުއްޓައިލާށެވެ! 

6 އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް އެއްވެސް މީހަކާއި ކައިވެނިކުރަން ވަޢުދެއްވެފައި އެކަން ނުކުރެވި އޮތްނަމަ ޙިތްޙަލާލު ހޯދާށެވެ! ނުވަތަ ވައުދުވީފަދައިން ކައިވެނިކުރާށެވެ! ނޫންނަމަ ވޭން ލިބުނު މީހާ އަބަދުވެސް ބަދުދުޢާކުރުންމަތީގައި ދެމިހުރެދާނެއެވެ! މިއީ ވަރަށް ގިނަ ބައަކު ސަމާލުކަން ނުވެސްދޭ ބޮޑު ކުށެކެވެ! 

7 ފުދުންތެރިކަން ހުރިނަމަ ޞަދަޤާތްކުރުން ގިނަކުރެވޭ މިންވަރު އިތުރުކުރާށެވެ! 

8 ސުންނަތް ނަމާދުތައް ކުރުން ގިނަކޮށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ!

9 ދުވަހުގެ ކާމިޔާބީ ގުޅިފައިވާ ފަތިސްނަމާދު ޖަމާއަތުގައިކުރަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ އަގުހުރި ފަތިސް ނަމާދުގެ އިހުސުންނަތުގެ ދެރަކްޢަތަށް ރައްކައުތެރިވާށެވެ! 

10 އަޚްލާޤް ރިވެތި މީހަކު ކަމުގައިވާށެވެ! ކެތްތެރިކަމާއި ރުޅި އިސްނުކުރުމަށް އަދި ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް ދޮގު ނުބުނުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ!  

މި 10 ކަންތައް އެމީހެއްގެ ކިބައިގައި ފުރިހަމަވެފައި ހުރެއްޖެ ނަމަ އެމީހަކު އެދޭ ކަންކަން ފުރިހަމަވުމަށް ﷲ ތަޢާލާ މަގުދައްކަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން