ނަމާދު ކުރަމުންދާއިރު ނުބައި ޚިޔާލު ތައް އައުމުން ހަދަންވީ ގޮތް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ނަމާދު ކުރަމުންދާއިރު ނުބައި ޚިޔާލު ތައް އައުމުން ހަދަންވީ ގޮތް!: ޑރ. އިޔާޟް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ވަސްވާހަކީ ޝައިޠާނާ އިންސާނާގެ މައްޗަށް ބާރުގަދަވެގަތުމުގެ ސަބަބުން އުފެދޭ ބައްޔެކެވެ. ނުވަތަ ހަވާނަފުސަށް (ހިތްއެދޭހާ ކަންތަކަށް) މީހާގެ ހިތް ލެބުމުންދިމާވާ ކަމެކެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް ހަދަންއޮތް އެންމެބާރުގަދަ ބޭހަކީ ތިމާގެ އީމާންކަންވަރުގަދަ ކުރުމެވެ. 

މާތް ﷲގެ ޛިކުރުކުރުން ގިނަކޮށް، ހެޔޮކަންތައް ގިނަކޮށް، ކުރެވިފައިވާ ފާފަތަކަށް ތައުބާވާންވީއެވެ. އަދި މިފަދަ ނޭދެވޭކަންތައްތަކުން ސަލާމަތް ކޮށްދެއްވުމަށްއެދި ގިނަގިނައިން މާތްﷲގެ ހަޟުރަތުގައި ދުޢާ ދަންނަވަންވީއެވެ. އެކަލާނގެއީ އަޅުތަކުންގެ ދުޢާ އައްސަވާވޮޑިގެންވާ، ދުޢާ އިޖާބަކުރައްވަވާ އިލާހެވެ. ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ. 

(أَمَنْ يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ) النمل/62

 މާނައީ: "ނުވަތަ ދަތި އުދަނގޫ ހާލު ޖެހިފައިވާމީހާ ދުޢާކުރާހިނދު އެމީހާގެދުޢާ އިޖާބަކުރައްވާ އަދި އެދަތި އުނދަގޫހާލުގެ ނުބައިކަން ކަޝްފުކުރައްވާ އަދި ކަލޭމެންނަކީ ދުނިޔޭގެވެރިކަމާއި އިމާމަތުވާރުތަވާ މިލްކެއްގެގޮތުގައި ލިބެނިވި ބައެއްކަމުގައި ލެއްވި ރަސްކަލާނގެ ރަސްކަންފުޅުހެއްޔެވެ؟" 

އެހެންކަމުން ވަސްވާސްގެ އުދަގޫ ތަހައްމަލުކުރަންޖެހިފައިވާމީހާ ހެނދުނާއި ހަވީރުގެ ދުޢާތައް ބަރާބަރަށްކިޔައި، ނިދަންއޮށޯތުމުގެ ކުރިން ކިޔަންޖެހޭ ދުޢާތައްކިޔައި، އަދި ކެއުމާއި ބުއިމުގެ ކުރިންނާއި ފަހުންކިޔަންޖެހޭ ދުޢާތަކަށްފަރުވާތެރިވެ ރައްކާތެރިވުން މުހިއްމުކަންބޮޑެވެ. މިކަންތައްތަކަށް އަހައްމިއްޔަތުކަން ދެވިއްޖެނަމަ އިންޝާ ﷲ ޝައިޠާނީ ވަސްވާސްތަކުން ސަލާމަތްވެވޭނެއެވެ.

ވަސްވާސްތަކުން ދުރުހެލި ވުމަށްޓަކައި ކުރެވިދާނެ އަނެއްކަމަކީ އެފަދަ ކަންތަކާއި ދެކޮޅަށް ތިމާގެ ނަފުސު ވަރުގަދަ ކުރުމެވެ. އެބަހީ އެފަދަޚިޔާލާއި ފިކުރުތައް ސިކުނޑިއަށް އައިކަމުގައިވީ ނަމަވެސް އެކަމަށް ވިސްނުން ނުބަހައްޓާ އެހެންކަމަކާއި މެދު މީހާގެ ޚިޔާލު ގެންގުޅުމެވެ.

އެއްދުވަހަކު އަސްޙާބު ބޭކަލަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހައްވަޑައިގެން ނަމާދުގައު ހުންނައިރު ވަސްވާސްވަންނަ ކަމުގެ ޝަކުވާ ކުރެއްވިއެވެ. އެހިނދު ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ. "އެއީ "خَنْزَبٌ" އޭ ކިޔުނު ޝައިޠާނެއްގެ ވަސްވާހާއި އުދަނގޫތަކެވެ. މިފަދަކަމެއް ކުރިމަތިވެއްޖެނަމަ އަޢޫޛުކިޔައި ވާތްފަރާތައް ތިންފަހަރު ފުމެލާށެވެ. " 

އަދިހަމަ އެހެންމެ މިފަދަ ކަންކަމުން ދުރުވުމަށްޓަކައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވިމަގުން ހިނގުމާއި އެކަލޭގެފާނު އެންގެވި ގޮތަށް ނަމާދުގެ އަޅުކަން އަދާކުރުމަށް ސަމާލުވާން ވާނެއެވެ. ހަމަ އެހެންމެ ފިރިހެން ބޭފުޅުން ޖަމާޢްތަށް މިސްކިތަށް ހާޒިރުވުމާއި ސަފުތައް ތަރުތީބުކުރުމުގައި އިސްކަން ދިނުމަކީވެސް ޝައިޠާނާގެ އުނދަގުތަކުން ދުރުކޮށްދޭނެ ކަމެކެވެ. والله أعلم

- ޑރ. މުޙަމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން