ޙަޤީޤީ ހާދިސާ: އަނބިމީހާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާއިރު ރޮއްވާފަ ފޯނާއެކު ވަގުތު ހޭދަކުރާ ފިރިއަކާއެކުގަ ދިރިއުޅެވޭނީ ކާކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޙަޤީޤީ ހާދިސާ: އަނބިމީހާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާއިރު ރޮއްވާފަ ފޯނާއެކު ވަގުތު ހޭދަކުރާ ފިރިއަކާއެކުގަ ދިރިއުޅެވޭނީ ކާކަށްތަ؟

އަހަރެމެން ދެމަފިރިންވެސް ނިޞްބަތްވަނީ ހަމަ މާލެ އަތޮޅު ރަށަކަށެވެ. އަހަރެންގެ ފިރިމީހާ ވަޒީފާ އަދާކުރަނީ މާލޭގައެވެ. އަހަރެންގެ ގާތަށް އާދެވެނީ ގިނަވެގެން އަހަރަކު 3 ފަހަރުއެވެ. އާދެވޭ ކޮންމެ ފަހަރަކުވެސް ހޭދަކުރެވެނީ 5،7 ދުވަހެވެ.

ފިރިމީހާއަށް ރަށަށް އާދެވޭ ކަމުގެ ޚަބަރަކީ އަހަރެންނަށް ލިބޭ އެންމެ އުފާވެރި ޚަބަރެވެ. ކެތްތެރިކަމެއް ނެތި އެދުވަހަށް އިންތިޒާރުކުރަމެވެ. އަންނަ ދުވަހުގެ އެ ވަގުތަށް ފެންވަރައި އަތުގައި އޮންނަ އެންމެ ރީތި ހެދުންވެސް ލަމެވެ. އަދި އެރޭގެ ނިދުމުގެ ވަގުތައް ވަކިން ފުރިހަމައަށް ފެންވަރައި ތައްޔާރުވަމެވެ. 

ނިދަނީ 8 ފޫޓު ހުރި ބޮޑު އެނދެއްގައެވެ. އެނދުގައި އޮށޯވެވުމާއިއެކު އަހަރެންގެ ހުރިހާ ސަމާލުކަމެއް ދެނ ފިރިމީހާ އަހަރެންނަށް ސަމާލުކަން ދޭނެ ވަގުތަކަށެވެ. ނަމަވެސް ފިރިމީހާ އޮށޯތުމާއިއެކު ސަމާލުކަން ދެނީ ފޯނަށެވެ. ގިނަ ރޭރޭ ނިދެނީ އެކަމާއި ހިތްދަތިވެ ހިތުން ރޮވެމުންދަނިކޮށެވެ. 

އަހަރެން އޮންނަނީ އަހަރެންގެ ހުރިހާ ސަމާލުކަމެއް ފިރިމީހާއަށް ދީގެން އޭނާގެ އިންތިޒާރުގައިކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ. ބައެއް ފަހަރު ކެތްނުކުރެވިގެން ގޮވައިވެސްލަމެވެ. ވާހަކަދައްކަން ފަށަން މަސައްކަތްވެސް ކުރަމެވެ. ފިރިމީހާގެ ޖަވާބަކަށްވަނީ "މިބާއްވަނީ!" އެވެ. އެކަމަކުވެސް ބޭއްވޭތަނެއް ނާދެއެވެ. 

އަހަރެން ކުރަން ބޭނުންވާ ސުވާލަކީ އަނބިމީހާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާއިރު އެކަން އެނގިހުރެމެ ރޮއްވާފައި ފޯނާއިއެކު ވަގުތު ހޭދަކުރާ ފިރިއަކާއެކުގައި ދިރިއުޅެވޭނީ ކާކަކަށްހެއްޔެވެ؟ މިހާލަތުގައިވެސް ޖެހޭނީ ހަމަ ކެތްތެރިވާން ހެއްޔެވެ؟ ޔަޤީންވާ ކަމަކީ ފިރިމީހާ އަހަރެންނަށް ސަމާލުކަން ދޭން ނުޖެހޭނެ ކިތަންމެ ކުޑަކަމެއްވެސް ދިރިއުޅުމުގައި ހ=މެދުވެރިވެފައި ނެތްކަމެވެ. ފިރިމީހާ އެފަދަ ޝަކުވާއެއް ކޮށްފައި ވެސް ނެތް ކަމެވެ. 

މިއަދުނޫހަކީ ޒަވާޖީ ޙަޔާތާއިބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް ޝާއިޢުކުރާ ނޫހަކަށްވާއިރު އެލިޔޔުންތައް ކިޔާ އަހަރެން ފަދަ ކިޔުން ތެރިންގެ ކިބައިން މިއެދެނީ މިކަމަށް ޙައްލެއް ލިބިދާނެ ކަމަށް ފެންނަ ގޮތެއް ބުނެދިނުމަށެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން