ރިޒްޤް ތަނަވަސްވުން އެދި ކުރެވިދާނެ ބައެއް ކަންކަން! - ޚަރަދުކުޑަކުރަން އަނބިންކުރާ މަސައްކަތަކީ ހާސް ދޮރު ހުޅުވިގެންދާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ރިޒްޤް ތަނަވަސްވުން އެދި ކުރެވިދާނެ ބައެއް ކަންކަން! - ޚަރަދުކުޑަކުރަން އަނބިންކުރާ މަސައްކަތަކީ ހާސް ދޮރު ހުޅުވިގެންދާ ކަމެއް!

މިއަދު މިބުނެދެނީ ރިޒްޤް ތަނަވަސްވުމަށް މަގުފަހިވާ އިތުރު ބައެއް ސަބަބުތަކެވެ. އަތަށް ލިބޭ ފައިސާ އިތުރުވެ ތިމާއަށް ރިޒްޤް ތަނަވަސްވާ ބައެއް ގޮތްތަކެވެ. 

ތިމާއަށް ލިބޭ ފައިސާ ހެޔޮ ގޮތުގައި ޚަރަދުކޮށް ދިރިއުޅުން ހަމަޖައްސައިދޭ އަނބިން އެކޮށްދެނީ ކޮން ކަމެއްކަން ވަޒަންކުރަނީ މަދު ބައެކެވެ. ނަމަވެސް ޙަޤީޤތަކީ އެފަދަ އަނބިން ޚަރަދުތައް ކުޑަކޮށް ދެކޮޅު ޖައްސަން އެކުރާ މަސައްކަތުގެ ސަބަބުން ރިޒުޤް އިތުރުވުމަށް ހާސް ދޮރު ހުޅުވިގެންދާ ކަމެވެ. 

ރަނގަޅަށް އަޑުއަހާށެވެ! އެމީހުން އެކުރާ މަސައްކަތުން ޢާއިލާއަށް ރިޒްޤް ތަނަވަސްވެގެން ދެއެވެ. އެއް ގޮތަކީ ފައިސާ އިސްރާފް ނުކުރުމުން ތަކެތި ގަންނާނެ ފައިސާ އަތުގައި އިތުރުވުމެވެ. ދެވަނަ އަދި އެންމެ މުހިންމު ކަމަކީ އިސްރާފް ނުކުރުމުން އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމެވެ. ﷲ ތަޢާލާގެ ރަޙްމަތް އިތުރުވެގެންދިއުމެވެ. 

ރިޒްޤް ތަނަވަސްވާނެ ދެވަނަ ކަމަކީ ތިބާގެ މައިންބަފައިންނާއި އަނބިންނާއި ދަރިންގެ ހެޔޮ ދުޢާއެވެ. ތިބާގެ އަމަލުތަކުގައި އެމީހުންނަށް އޯގާތެރިވާނަމަ އެމީހުން ދާނީ ތިބާއަށްޓަކައި ހެޔޮ ދުޢާ ކުރަމުންނެވެ. އެ ދުޢާގެ ސަބަބުން ތިބާއަށް ރިޒްޤް ތަނަވަސްވެގެންދާނެއެވެ. 

ހަމަ އެއާއިއެކު ތިބާގެ އަމަލުތައް އިޞްލާޙްކޮށް، އަޅުކަންކުރުން ގިނަކޮށް، ކީރިތި ޤްރްއާނަށް ލޯބިކުރުން އިތުރުކޮށް ކީރިތި ޤްރްއާން ކިޔެވުން ގިނަ ކުރުމަކީ ވެސް ރިޒްޤް ތަނަވަސްވާ ކަންކަމެވެ. ލިބޭ މިންވަރަކުން ޞަދަޤާތް ކުރުމަކީ ރިޒްޤް އިތުރުކުރުމަށް ކުރަން އޮތް އެންމެ މުހިންމު އެއްކަންތަކެވެ. ޞަދަޤާތް ކުރާނެ ފައިސާ އަތުގައި ނެތްނަމަ ވެސް ޞަދަޤާތް ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. މީހަކަށް ކަމެއް (މަސައްކަތެއް) ކޮށްދިނުމަކީވެސް ހަމަ ކުރެވޭ ޞަދަޤާތެކެވެ. 

ވީމާ ރިޒްޤް ހޯދަން ކުރަން އޮތް ހަމައެކަނި ކަމަކީ ވަޒީފާ އަދާކުރުން، ވިޔަފާރިކުރުން ނުވަތަ އެނޫންވެސް ފައިސާ ލިބޭ މަސައްކަތްކުރުން ކަމަށް ބަލައިގެން ނުވާނެއެވެ. ފައިސާ ލިބޭނެ މަސައްކަތް ކުރަން ޖެހޭނެއެވެ. ނަމަވެސް އެއީ ރިޒްޤް ހޯދަން ކުރަން އޮތް ހަމައެކަނި ކަންތައް ކަމުގައި ނުދެކޭށެވެ! ފައިސާ ހޯދަން މަސައްކަތް ކުރަމުން ވެސް މިބުނި ކަންކަމަށް ސަމާލުކަން ދޭށެވެ!

މައިންބަފައިންނަށާއި އަނބިދަރިންނަށް ޢާއިލާގެ އެންމެންނަށް އޯގާތެރިކަން އިތުރުކުރާށެވެ! ތައުބާވެ ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ރިޒްޤް ތަނަވަސްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! ފައިސާ ހޯދަން ބޭނުންވެގެން ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށްކަން ހިތުގައި ބާއްވައި ﷲ ތަޢާލާގެ ރުއްސެވުން ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ! 

ރިޒްޤްގެ ވާހަކަ ދެކެވޭއިރަށް ކޮންމެ މީހެއްގެ ހިތަށްވެސް ފުރަތަމަ އަރާނީ ފައިސާއެވެ. އެއީ ކާބޯތަކެތި ގަތުމަށާއި ދިރިއުޅުމުގެ ޚަރަދުތަކަށް ފައިސާ ބޭނުންވާތީއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން ރިޒްޤް އިތުރުކުރުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ގިނަ ބައަކު ދެނީ ލިބޭ ފައިސާ އިތުރުކުރުމަށެވެ. އިތުރު ފައިސާ ހޯދުމަށެވެ. މިކިޔައިދިނީ ހަމަ ރިޒްޤް އިތުރުވުން އެދި ކުރަންހުރި ކަންކަމެވެ. 

-- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން

މިއަދު އޮންލައިން