އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ކުރިއެރުމެއް ނުލިބޭނެ އަނބިންނާ ފިރިންގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ކުރިއެރުމެއް ނުލިބޭނެ އަނބިންނާ ފިރިންގެ ވާހަކަ!

ޒަވާޖީ ޙަޔާތެއްގެ ބޭނުމަކީ އުފަލާއި ހިތްހަމަޖެހުން ލިބިގަތުމެވެ. ދުޔެއާއި އާޚިރަތުގައިވެސްމެއެވެ. ދުނިޔޭގައި އުފަލުގައި ލޯބިން ދިރިއުޅުމާއި ޤިޔާމަތްދުވަހު ދެމަފިރިން އެކުގައި ސުވަރުގެ ވަނުމެވެ. ނަމަވެސް މިއިން އެއްވެސް އުފަލެއް ނުލިބިދާނެ ކަމުގެ ބިރު އޮތް ބައަކުވެއެވެ. އެމީހުންގެ ދިރިއުޅުމުގައި އެއްވެސް އުފާވެރިކަމެއް ނުލިބޭނެއިރު ދިރިއުޅުމުގައި ކުރިއެރުން ވެސް ނުލިބޭނެއެވެ. 

މިބުނި ބަހުގެ މާނައަކީ އެފަދަ މީހުންނަށް އަބަދުވެސް ތިބެން ޖެހޭނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ދިރިއުޅުން ކުރިއަރުވަން ކުރާ މަސަކަތުގައިވެސް ކުރިއެރުމާއި ކާމިޔާބު ލިބުމަށް ހުރަސްތައް ހުންނާނެ ވާހަކައެވެ. އަބަދުވެސް ހާސްކަމާއި ނުތަނަވަސްކަމުގައި ތިބެން ޖެހޭނެ ވާހަކައެވެ. މިވާހަކަތައް މިދައްކަނީ ދީނީ ގޮތުް ފެންނަންހުރި ކަންކަމަށާއި އެފަދަމީހުން ކުރަމުން ގެންދާ ތަޖުރިބާތަކަށް ބަލައެވެ. 

މިދައްކަނީ އަނިޔާވެރި ފިރިންނާއި އަދި އަނިޔާވެރި އަނބިންގެ ވާހަކައެވެ. އެކަކު އަނެކަކަށްވެސް އަދި އެހެން މީހުންނަށް ނަމަވެސް އަނިޔާވެރިވާ މީހުންގެ ވާހަކައެވެ! 

ބައެއް މީހުން އެމީހުން ގުޅޭ ޖަނަވާރާއި ދޫނި ސޫފާ ސޫފި ދެކެ އިންތިހާއަށް ލޯބިވެއެވެ. މިސާލަކަށް ދިރޭ މަސް ގެންގުޅޭ މީހަކު އޭނާގެ ޓޭންކުގައި ތިބޭ މަސް ތަޅާ ފޮޅާނަމަ ތަޅާފޮޅާ މަސް ވަކިކޮށް އެހެން މަސްތައް ހިމާޔަތް ކުރެއެވެ. ގެންގުޅޭ ގުރާ ފަދަ ދޫންޏެއް ކޮނޑުމަތީގައި ބައިންދައިގެން ހުއްޓާ ބޮލަށް ތުންގަނޑު ވައްދައިލި ނަމަވެސް އެއަށް އަނިޔާއެއް ނުކުރާނެއެވެ. ދުރުކުރާނީ އޯގާތެރިކަމާއިއެކުގައެވެ.

މިވާހަކަކޮޅާއި ގުޅުވައިގެން 2 ސުވާލެއް އުފައްދާނަމެވެ. ފުރަތަމަ ސުވާލަކީ ތިމާ ނުހަނު ލޯބިން ކައިވެނި ކުރި އަނބިމީހާއަށް މައިދައިތަ ޢާއި ޅިޔަން ފަހަރިންގެ ކިބައިން އަނިޔާ ލިބޭކަން އެނގޭއިރު އެކަންކަމުން އަނބިމީހާ ސަލާމަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޓޭންކުގައި ގެންގުޅޭ މަހަށް ހުރި ލޯބި ވެސް އަނބިމީހާއަށް ނެތީ ހެއްޔެވެ؟ 

ދެވަނަ ސުވާލަކީ ކިރިޔާ އުނދަގުލެއްވާއިރަށް އަތް އިސްކޮށް އަނބިދަރިންގެ ގައިގައި ތަޅާ އަނިޔާކުރަނީ ކީއްވެގެން ހެއްޔެވެ؟ ގެންގުޅޭ ގުރައަށް ހިތުގަ އޮތް ލޯބި އަނބިދަރިންނަށް ނެތީހެއްޔެވެ؟ 

މީސްތަކުންނޭވެ މި ދެ ސުވާލުކުރުމުން ތިއައީ ދީނީ ޢިލްމުވެރިއަކު ދައްކަން ކޮންކަހަލަ ވާހަކައެއްތޯ ސުވާލު އުފައްދައިފާނެއެވެ. ޖަވާބަކީ މިއީ ކޮންމެ ދީނީ ޢިލްމުވެރިއަކުވެސް ދައްކަން ޖެހޭ ވަރަށް މުހިންމު ވާހަކައެކެވެ. އެހެނީ މި ބުނި 2 މައްސަލައިގައި އަނިޔާ ލިބެމުންދާ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ގިނަކަމެވެ. 

ފާހަގަ މިކުރި އަނބިދަރިންނަށް އަނިޔާ ކުރުމުގެ މައްސަލައަކީވެސް ހަމަ އެހައި ނުރައްކާ މައްސަލައެކެވެ. ސިޓިންގ ރޫމްގައި ހަމަޖެހިލައިގެން އިންދާ ކުޑަކުޑަ ލޯބިލޯބި ދަރިފުޅު އައިސް ކޮށްލާ ކަމަކުން އަތުގައި ހިފާ އެބަހޫރާލައެވެ. ބިންމައްޗަށް ގުޅައަކަށް ޖަހައެވެ. މިފަދަ އަނިޔާ ކުރާ މައިންވސް ތިބޭކަމީ އިތުރަށް ހިތާކުރަން ޖެހޭ ކަމެކެވެ.

އަނބިމީހާއަށް އިސްތިރި ކުރެވިފައިވާ ގޮތް ކަމު ނިދުއުން، ކައްކާފައިހުރި ކާއެއްޗެއްގެ ރަހަ އެންމެ މީރުނުވުމުން އަނބިމީހާގެ މޫނުމައްޗަށް 3،4 އެތިފަހަރު ދޫކޮށްލައެވެ. އެނޫން އަނިޔާވެސް އެބަ ކުރެއެވެ. ކޮން ފަދަ ހިތާމަހުރި ކަމެއްހެއްޔެވެ؟ 

އަނބިދަރިންނަށް އަނިޔާ ނުކުރާށެވެ. އަދި ފިރިންނަށްވެސް އަނިޔާ ނުކުރާށެވެ. ޚާއްޞަކޮށް ކުދި ދަރިންނަށް އަނިޔާ ނުކުރާށެވެ. އަނބިދަރިންނަށް އަނިޔާ ކުރުމާއި ޖަލު ބެލެހެއްޓުމަށް ހަވާލުވެ ތިބޭ މީހުން ޤައިދީންނަށް އަނިޔާކުރުމާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އަނބިދަރިންނަކީ ތިމާގެ ބެލެހެއްޓުމުގެ ދަށުގައި ތިބިބައެކެވެ. ޤައިދީންނަކީ ޖަލު ބަލަހައްޓާ މީހުންގެ ހަވާލުގައި އެމީހުންގެ ބެލެހެއްޓުމުގެދަށުގައި ތިބޭ ބައެކެވެ. 

މިފަދަ އަމަލުތައް ކުރާ މީހާއަށް ހަޤީޤީ އުގާވެރިކަމެއް ނުލިބޭނެއެވެ. ހިތްހަމަ ޖެހުމެއް ވެސް ނުލިބޭނެއެވެ. ކޮންމެ ކަމެއް ކުރަން އުޅުނު ނަމަވެސް މައްސަލަތައްވެސް ދާނީ ކުރިމަތިވަމުންނެވެ. އެއީ އެފަދަ މީހުންނަށް އަބަދުވެސް ﷲ ތަޢާލާގެ ލަޢްނަތް ލިބުން ޙައްޤުކަމަށްޓަކައެވެ. މިލިސްޓުގައި ފިރިންނަށް ނުކިޔަމަންތެރި، އުރެދޭ އަނބިންވެސް ހިމެނޭނެއެވެ.  އެކަމަށް އަނބިންވެސް ސަމާލުކަން ދޭން ޖެހޭނެއެވެ. 

އިތުރުކަމެއްގެ ގޮތުން ބުނެލާނަމެވެ. ބައެއްފަހަރު ކުއްތާތަކާއި ބުޅާތަކުގެ ސަބަބުން އުނދަގޫވެގެން ފައްސައި ހަދަމުއެވެ. އުނދަގޫވެގެން ދުރުކުރިނަމަވެސް ތިމާއަށް ނުރައްކަލަކަށް ނުވާ ނުވަތަ ތިމާއަށް އަނިޔާވެރިނުވާ އެއްވެސް ޖަނަވާރަކަށް ވެސް އަނިޔާވެރިވުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. އެތަކެތިވެސް އެފެއްދެވީ ހަމަ ތިބާވެސް އުފެއްދެވި ﷲ ތަޢާލާއެވެ. އެއްވެސް ބޭނުމެއް ނެތް އެއްޗެއް ﷲ ތަޢާލާ ނުއުފައްދަވާނެތެވެ. އަހަރެމެންނަށް އެ އެއްޗެއްގެ ބޭނުން ނުއެނގި ހިގައިދާނެއެވެ. އެއީ އަހަރެމެންނަށް ލިބިފައިވާ ޢިލްމު މަދުވުމުންނެވެ.

އަނބިންގެ ފަރާތުން ފިރިމީހާއަށް ލިބޭ އަނިޔާ ތަފާތުވެދާނެއެވެ. އެއީ ގައިބާރު ވަރަގަދަވުމުން ފިރިމީހާ ރައްދުގައި ޖަހައިފިނަމަ ތިމާއަށް އަނިޔާވެދާނެތީ ގައިގައި ނުތަޅައިފާނެއެވެ. ނަމަވެސް ފިރިމީހާއަށް ކިޔަމަންތެރިނުވުމާއި ޚިޔާނާތްތެރިވުމަކީ ހަމަ ކުރެވޭ އަނިޔާއެވެ. 

މިފަދަ އަނބިނަށްވެސް އަދި ފިރިންނަށްވެސް އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އުފާވެރިކަމެއް ނުލިބޭނެއެވެ. އަދި ކަންކަމުގައި ކުރިއަރައިދިއުމަށް ކުޜާ މަސައްކަތުގައިވެސް ބޮޑެތި ހުރަސްތައް ކުރިމަތިވެ މަގުބަންދުވުން ފަދަ ކަންކަން ކުރިމަތިވާނެއެވެ. އެހެނީ އަނިޔާވެރިންނަށް ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާނެކަން  އޮތީ ވަރަށް ސާފުކޮށް އެނގެން ކަމުގައިވާތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން