ކިތަންމެ ލޯބިވާ، ކިތަންމެ ގާތް މީހަކު ނަމަވެސް ނުބައި ޢަމަލު ކުރާނަމަ އެކަމަކަށް އިންކާރުކޮށް ޙައްޤު ބަސް ބުނުމުގެ ހިތްވަރު ހުންނަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކިތަންމެ ލޯބިވާ، ކިތަންމެ ގާތް މީހަކު ނަމަވެސް ނުބައި ޢަމަލު ކުރާނަމަ އެކަމަކަށް އިންކާރުކޮށް ޙައްޤު ބަސް ބުނުމުގެ ހިތްވަރު ހުންނަން ޖެހޭނެ!

މިހާރަކަށް އައިސް އެންމެ ބޮޑު އެއް މައްސަލައަކަށްވެފައިވަނީ ތިމާގެ ގާތް މީހުންނަށް ކުރެވޭ ނުބައި ޢަމަލުތައް ސިއްރުކޮށް އޭނާ އިޞްލާޙްކުރަން މަސައްކަތް ނުކުރެވޭ ކަމެވެ. އަނެކާ ނުރުހިދާނެ ކަމަށް ބަލައި ޙައްޤު ބަސް ބުނަން ޖެހިލުންވާ ކަމެވެ. 

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ތިމާގެ ކިތަންމެ ގާތް މީހަކު ނަމަވެސް އަދި ތިމާ ކިތަންމެ ޤަދަރުކުރާ މީހަކު ނަމަވެސް ގޯސްކަމެއް ކުރާނަމަ ނުވަތަ ގޯސް ބަހެއް ބުނާނަމަ އެކަމަކަށް އިންކާރުކޮށް ޙައްޤު ބަސް ބުނުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެ" އެވެ. 

މިބަސްފުޅުގެ މާނައިގައި ނުބައި ޢަމަލެއް ކުރަނީ ތިމާގެ އަނބިމީހާ، ފިރިމީހާ، ދަރިން ފަދަ އެންމެ ލޯބިވާ މީހަކުކަމުގައިވީނަމަވެސް އެމީހަކުވެސް ހިމެނެއެވެ. މައިްބަފައިން ކަމުގައިވީނަމަވެސްމެއެވެ. އަދި ތިމާއަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެހީތެރިންނާއި އެންމެ ގާތް އެކުވެރިންވެސް ހިމެނެއެވެ.

ތިމާ އެމީހެއްގެ ވަޒީފާގައި ހުރިނަމަވެސް "ބޮސް" ނުބައި ކަމެއް ކުރާނަމަ ޙައްޤު ބަސް ބުނަން ޖެހޭނެ ކަމާއި އެމީހަކީ ސިޔާސީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ތިމާ އެންމެ ރުހޭ މީހާ ނަމަވެސް އެމީހަކުވެސް ހިމެނެއެވެ. މީގެ އިތުރުން އެމީހަކީ ތިމާ އާއި މާބޮޑު ގުޅުމެއް ނެތް މީހަކު ނަމަވެސް އެމީހަކުވެސް ހިމެނެއެވެ.

ޙައްޤު ބަސްބުނެ ނުބައި ޢަމަލުތައް ކުރުން ހުއްޓުވަން މަސައްކަތްކުރުމަކީ ވަކި މީހަކަށް ނުބަލައި ކުރަންޖެހޭނެ ކަމެކެވެ. އެއީ އެއް ުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށް ކުރަންޖެހޭ ކަމެކެވެ. 

އެހެނީ މުސްލިމުންނަކީ އަޚުންނެވެ. އަހަރެމެންނަކީ އަހަރެމެންގެ އަޚުން ގޮވައިގެން ސުވަރުގެދާން މަސައްކަތްކުރންޖެހޭ ބައެކެވެ. ޙައްޤު ބަސްބުނެ ނުބައި އަމަލުތައްކުރުން ހުއްޓުވުމަކީ ކޮންމެ މުސްލިމަކު ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެނގިގެންދަނީ ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުންނެވެ. ޙަދީޘްފުޅުގައި އޮތީ ނުބައި އަމަލެއް ކުރާތަން ފެނިއްޖެ އަތުން އެކަމެއް ހުއްޓުވުމަށެވެ. އެކަމަށް ނުކުޅެދިއްޖެ މީހާ ދުލުން އެކަމެއް މަނާކުރުމަށެވެ. އެކަމަށްވެސް ނުކުޅެދިއްޖެ މީހާ ހިތުން އެކަން ކުށްވެރިކުރުމެވެ. 

ވީމާ ކޮންމެ މީހަކު ނަމަވެސް ކުރާ ނުބައި ޢަމަލުތަކާއި ދުލުން ބުނާ ނުބައި ބަސްތައް އެމީހަކަށް އަންގައިދީ އެމީހަކު އިޞްލާހް ކުރަން މަސައްކަތް ކުރަންވާނެއެވެ. އެކަމުން ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ޘަވާބާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރާށެވެ! އެއީ އެއްވެސް މީހަކަށް ޢަދަދުވެސް އެނގެން އޮތްކަމެއް ނޫނެވެ. އެހައިވެސް މަތިވެރި ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން