"ނަމާދު ޤާއިމުކުރުމަށާ، ކޮންމެ މުސްލިމަކަށް ނަޞޭޙަތްތެރިވުމަށް، ރަސޫލާ ޞޢވ, އަށް ބައިތު ހިއްޕެވީމެވެ.": ޖަރީރު ބުން ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
"ނަމާދު ޤާއިމުކުރުމަށާ، ކޮންމެ މުސްލިމަކަށް ނަޞޭޙަތްތެރިވުމަށް، ރަސޫލާ ޞޢވ, އަށް ބައިތު ހިއްޕެވީމެވެ.": ޖަރީރު ބުން ޢަބްދުﷲ

ޖަރީރު ބުން ޢަބްދުﷲ (ރޢ) ވިދާޅުވިއެވެ. "ނަމާދު ޤާއިމުކުރުމަށާއި، ކޮންމެ މުސްލިމަކަށް ނަޞޭޙަތްތެރިވުމަށް، ތިމަން ކަލޭގެފާނު، ރަސޫލާ (ޞޢވ) އަށް ބައިތު ހިއްޕެވީމެވެ." 

ލޮބުވެތި ޞަހާބީން އެއްބޭކަލަކު އަނެއް ބޭކަލަކާއި ބައްދަލުވެވަޑައިގަންނަވާހިނދު ސޫރަތުލްޢަޞްރި ކިޔަވައި ވިދާޅުވެ. އެ ސޫރަތަށް އަމަލު ކުރެއްވެވުމަށް އެއްބޭކަލަކު އަނެއް ބޭކަލަކަށް އަހުދުވެވަޑައިގަންނަވައެވެ. 

ސުވާލަކީ ދެ މީހަކު ބައްދަލުވުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިކަން ކުރުމުގެ މަގުތައް މިހައި ފަހިވެފައި އޮތްއިރުވެސް މިކަން މިއަދު އެބަކުރެވޭހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އަތުގައި އޮންނަ ފޯނަށް ކޮންމެ ދުވަހަކު މިާވަތުގެ އެތައް ބައިވަރު މެސެޖުތައް ލިބމުންދާއިރު އެންމެ ކުޑަމިނުން އެ މެސެޖުތައް އަހަރެމެންނަށް ބަލައި ކިޔައިލެވޭހެއްޔެވެ؟ ހެޔޮ ނަޞޭޙަތެއް ދިނުމުން ބަލައި ނުގަތުމަކީ ބޮޑާ ކަމެކެވެ.

ޒަމާން ގަންދެއްވަވަމެވެ. (.) ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. (.) އީމާންވެ، ޞާލިޙް ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ. (.)

(ވަލްޢަޞްރި: 1،2،3)

ﷲ ތަޢާލާގެ ވަޙީ ބަސްފުޅު އަދިވެސް ތަކުރާރުކޮށްލާނަމެވެ. ޚާއްޞަކޮށް "އީމާންވެ، ޞާލިޙް ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ." އޮތް ބަސްފުޅެވެ. 

މިއާޔަތުން އެނގިގެންދަނީ އީމާންވެ ޞާލިޙް އަމަލުތައް ކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން ފިޔަވައި އެހެން މީހުންނަކީ ގެއްލުމެއްގައިވާ ބައެއްކަމެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދީނަކީ ނަޞޭޙަތް ކަމުގައެވެ. އަދި އެގޮތަށް 3 ފަހަރު ޙަދީޘްފުޅު ކުރެއްވެވުމުން އެއީ ކޮންބައަކަށްތޯ ޞަޙާބީން ސުވާލު ކުރެއްވެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެއީ "ﷲ އަށާއި، އެކަލާނގެ ފޮތަށާއި، މުސްލިމުންގެ ވެރިންނަށާއި ޢާންމުންނަށް ކަމަށެވެ." ވީމާ ނަޞޭޙަތް ދޭން ނުޖެހޭ ހަމަ އެކަކުވެސް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން