އިންސާނުންގެ ކަންކަމަށް އަންނަމުން މިދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން ޙަޤީޤީ ޤަދަރުވެރިންނަކީ ކޮބައިކަން މިވަނީ ވަރަށް ބޮޑަށް އޮޅުވާލައިފައެވެ. ވީމާ ކަމުގެ ޙަޤީޤަތަށް ބަލައިލަމާހެއްޔެވެ؟
އިންސާނާގެ ޤަދަރު އުފުލެނީ ލައިގެން ހުންނަ އަގުބޮޑު ފޭރާމަކުން ނޫނެވެ. ނުވަތަ އެމީހަކު ހުންނަ ސޫރައަކުން ވެސް ނޫނެވެ. ނޫނީ އެމީހަކު ދަންނަ ބައެއްގެ ސަބަބަކުންވެސް ނޫނެވެ. އަދާކުރާ މަޤާމަކުންވެސް ނޫނެވެ. ލިބިފައިވާ ތަނަވަސްކަމަކުންވެސް ނޫނެވެ. އަދި އެމީހެއްގެ މާޒީއަކުންވެސް ނޫނެވެ.
ޤަދަރު އުފުލޭނީ އެމީހާ މިއަދު އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. ވީމާ މާޒީން ޢިބްރަތް ޙާޞިލުކޮށް ޤަދަރުވެރި މުސްތަޤްބަލެއް ހޯދަން މިއަދު މަސައްކަތްކުރާށެވެ. އެއްވެސް ޙާލެއްގައި ތިމާގެ ޙަޤީޤީ ޤަދަރު އުފުލުމަކީ ސަރުކާރރުން ނުވަތަ އެނޫންވެސް ގޮތަކުން ލިބިފައިވާ މަޤާމަކުން ޙާޞިލުކުރެވެން އޮތްކަމެއް ނޫނެވެ. ތިބާގެ ޤަދަރު އުފުއްލަވައި މަތިވެރިކޮށްދެއްވުން ވަނީ ތިބާ އުފެއްދެވި ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ތިބާގެ ޤަދަރު އުފުލުންވަނީ ﷲ ތަޢާލާ އާއި ތިބާ ކުއްތަންވީ މިންވަރަކުންނެވެ. ވީމާ ކިތަންމެ މަތީ މަޤާމެއްގައި ހުރި ނަމަވެސް ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާށެވެ!
ޤަދަރު އުފުލެން ބޭނުންވާ މީހާއަށް ވެސް އޮތީ އިޚްލާޞްތެރިވެ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ސާބިތުވެ ކުރިއަށް ދިއުމެވެ. ޙަޤީޤީ ޤަދަރުވެރިންނަކީ މިއަދު ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނެއް ނޫނެވެ. އަމިއްލަ ޖެޓުތަކުގައި އުދުހޭ މީހުންނެއްވެސް ނޫނެވެ. ޙަޤީޤީ ޤަދަރިވެރިއަކީ ފާފަތަކުން ސަލާމަތްވެގެން ހުރިމީހާއެވެ. ނަރައިގައި މޫނުވަތަށް އޮންނަން ނުޖެހި ސުވަރުގެ ވަދެވޭ މީހުންނެވެ. ބިމުގައި ޤަދަރު އުފުލަން މަސައްކަތް ކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާއެއް ކުރާނީ އާޚިރަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވާ މީހުންނެވެ. އަދި އެމީހުން މިއަދު މިދުނިޔޭގައިވެސް ވާނީ ޤަދަރު އުފުލިގެންނެވެ.
ގަދައަޅައި މަސައްކަތްކުރަންވީ ފައިސާވެރިކަން އިތުރުކޮށް ޖެޓްގައި އުދުހޭކަށް ނޫނެވެ! ޤިޔާމަތް ދުވަހު ސުވަރުގެ ވަންނަން ޖެޓޭއް ބޭނުމެއް ނުވާނެއެވެ! ވައިރޯޅިއެއްފަދައިން ފަސޭހަކަމާއިއެކު ސުވަރުގެ ވައްދަވާނެ މީހަކު ކަމުގައިވުމަށެވެ. ޙަޤީޤީ ޤަދަރުވެރިންނަކީ ހަމައެއީއެވެ.
- ޝައިޚް އަޙްމަދު އިބްން ސަޢީދު