މިރޭ ބުނެދޭން މަސައްކަތްމިކުރަނީ އެބިރުވެރިކަމުން ފުރިގެންވާ ނަރަކައަށް ނުވަދެ، ނަރަކަ އާއި ކައިވެރިވެނުވެ ކުރިއަށް ދިއުމަށް އޮތް ވަރަށް ލުއި ފަސޭހަ މަގެކެވެ. އެމަގުން ކުރިއަށްދާން ކުރާ ދަތުރުގައި ކުރަންޖެހެނީ ވަރަށް ލުއިފަސޭހަކަމާއިއެކު ކުރެވެން އޮތް އެންމެ 7 ކަމެކެވެ.
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބިރުގަންނާނީ ނަރަކަ އަށް ވަންނަން ޖެހިޑާނެ ކަމަށެވެ. ނަރަކައިގައި އަލިފާނުގެ ހިލިހިލާތަކުން ކަސްތޮޅުއެޅި މޫނުވަތަށް އޮންނަން ޖެހިދާނެ މީހކަށްވުމަށް އެންމެ މުސްލިމަކު ވެސް އަދި އެހެން ދީނެއްގެ މީހަކުވެސް ނުއެދޭނެއެވެ.
މިބެނެދޭ 7 ކަންތަކަކީވެސް ނަރަކައިން ސަލާމަތްވުމަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަމެވެ.
1- ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި ރަސޫލް (ޞޢވ)ގެ ރަސޫލުކަން ޤަބޫލުކުރުމެވެ. މިކަން ފުރިހަމަ ކޮށްގެން ހުރި މީހެއްގެ ގައިގައި ނަރަކައިގައިގެ އަލިފާން ނުބީހޭނެކަން ޙަދީޘުން އެނގެން އެބަ އޮތެވެ.
ފުރިހަމަ ކުރުމަކީ ﷲ ތަޢާލާ އަށް އީމާންވަމޭ، ރަސޫލް (ޞޢވ)ގެ ރަސޫލްކަން ޤަބޫލުކުރަމޭ ދުލުން ބުނުމެއް ނޫނެވެ. އެކަންކަން ޤަބޫލުކުރާ މީހާ އަމަލުކުރަންޖެހޭނެ ގޮތަށް ޢަމަލުކުރުމެވެ.
2- އެހެން މީހުންނަށް ހިތްހެޔޮ އިޚްލާޞްތެރި، އޯގާތެރި މީހަކަށްވުމާއި އެހެން މީހުންނަށް އެހީތެރކަން ފޯރުވައިދިނުންމަތީގައި ދެމިހުރުން.
އެއިރުން އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިވޮޑިގެންވާނެތެވެ. އެމީހަކަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބެމުން ދަނިކޮށް މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ފިޔަވައި އެހެން ތަނެއް ނުވެއެވެ. އިން ޝާ ﷲ
3- ފަރުޟް 5 ނަމާދަށާއި އެހެންވެސް ފަރުޟުތައް ފުރިހަމައަށް އަދާކުރުމެވެ. އަދި ފަރުޟު ނަމާދުތައް ކުރުމާއިއެކު ސުންނަތް ނަމާދުތައް ވެސް ކުރުމެވެ.
4- ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަ އެޅުމެވެ. އެއިރުން އެލޮލެއްގައި ނަރަކައިގެ އަލިފާން ނުބީހޭނެކަން ޙަދޘުން އެނގެންއެބައޮތެވެ.
5- އެމީހަކަށް ވެވުނު މިންވަރަކުން ޞަދަޤާތް ކުރުމެވެ. އެހެނީ ނަރަކައިން ސަލާމަތްވުމަށްޓަކައި ކަދުރު އޮށަކުން ނަމަވެސް ޞަދަޤާތް ކުރުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
6- ސުންނަތް ރޯދަ ހިފުން ގިނަކުރުމެވެ. މީހަކު ހިފާ ކޮންމެ ރޯދައަކަށް ނަރަކަ އެމީހަކާއި 70 އަހަރުގެ ރާސްތާއަކަށް ދުރުވެގެންދާނެކަން ޙަދީޘުން އެނގެން އެބައޮތެވެ.
7- ނަރަކައިން ސަލާމަތް ކުރެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ.
މި 7 ކަންތަކަށް ބެލިނަމަވެސް އެންމެ މުހިންމީ ފުރަތަމަ ބުނި ކަންތަކެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވުމާއި ރަސޫލް (ޞޢވ)ގެ ރަސޫލުކަން ޤަބޫލުކުރުމެވެ. މިކަމުގައި ފޭލްވެއްޖެ ނަމަ އެމީހަކީ އިމްތިހާނުން ފޭލްވެފައިވާ މީހެކެވެ. ހަމަ އެއާއެކު އެކަމުން ފާސްވެއްޖެ ނަމަ ދެންހުރި ކަންކަމުން ފާސްވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން