މީހުން ލައްވާ ނަމާދުކުރުވިކަމުގެ ޘަވާބު ހޯދައި ސުވަރުގެ ލިބުމުގެ މަގު ފަހިކުރަން ބޮޑުތަނުން ފަސޭހަ މަގެއް! އިންޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
މީހުން ލައްވާ ނަމާދުކުރުވިކަމުގެ ޘަވާބު ހޯދައި ސުވަރުގެ ލިބުމުގެ މަގު ފަހިކުރަން ބޮޑުތަނުން ފަސޭހަ މަގެއް! އިންޝާ ﷲ

އިންސާނަކަށް އެންމެ ހެޔޮކަން އަމަލުތަކުގެ ތެރޭގައި އެހެންމީހުންނަށް ހިތްވަރުދީ، މަގުފަހިކޮށްދީ ނަމާދުކުރުވުން ހިމެނެއެވެ. އެކަން ޤަވާއިދުކޮށް ކުރުވޭނަމަ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ގިނަނިޢްމަތްތައް ވަޒަންކުރަންވެސް ނުއެނގޭނެއެވެ. 

އެހެން މީހުން ލައްވައި ނަމާދުކުރުވިކަމުގެ ޘަވާބު އެދޭމީހާވެސް ފުރަތަމަ ކަމަކަށް އެމިހާކުރަންޖެހޭ ފަރުޟު ނަމާދުތައްކުރާށެވެ. އެއަށްފަހު އެހެން ކަންކަމާއި އުޅުމުން ނޫނީ ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

ވީމާ ފުރަތަމަ ކަމަކަށް ތިމާ ތެދުވަންވީ ފަތިސް ނަމާދަށެވެ. ތެދުވެ ފުރަތަމަ ކުރާކަމަކަށް ގޭގައި ތިބި އެންމެންނަށް ގޮވާ ހޭއްލަވައިގެން ފަތިސް ނަމާދުކުރުވަންވީއެވެ. އެއާއިއެކު ފޯނުގައި ހުރި ހުރިހާ ނަމްބަރުތަކަށް ގުޅައި އެމީހުން ހޭލައްވަންވީއެވެ. އެމީހުން ލައްވައިވެސް ފަތިސް ނަމާދުކުރުވަންވީއެވެ. 

މީގެ އިތުރުން ކޮންމެ ނަމާދު ވަގުތެއް ގާތްވުމުން ހަނދާންކޮށްދެވެން އޮތް ގޮތަކަށް މީސްތަކުންނަށް ނަމާދުކުރަން ހަނދާންކޮށްދޭންވީއެވެ. ނަމާދުކުރަން ޢާއިލާގެ މީހުންނަށް ނަޞޭޙަތްދީ އަމުރުވެސްކުރާށެވެ! 

ހަމައެއާއިއެކު ނަމާދުވަގުތު ޖެހޭއިރު އެމީހަކާއިއެކުގައި ތިބި ބައަކު ގޮވައިގެން އަވަހަށް މިސްކިތަށް ދާންވީއެވެ. 

ކޮންމެ މީހަކަށް ދީނީ ދަރުސް ދޭ މީހަކަށް ނުވެވިދާނެއެވެ. އެހެނީ އެކަން ކުރެވޭނީ ދީނީ ޢިލްމް ޙާޞިލްކުރައްވައިގެން ތިއްބަވާ ބޭފުޅުންނަށެވެ. ނަމަވެސް ކޮންމެ މީހަކީވެސް މީސްތަކުން ނަމާދަށް ގެންދާ މީހަކަށް ވެވިދާނެއެވެ. އަދި ކޮންމެ މީހަކީވެސް މީސްތަކުން ނަމާދަށް ގެންދަން މަސައްކަތްކުރާ މީހަކަށްވާން ވެސް ޖެހެއެވެ. 

ހިތާމައަކީ މިކަމަށް މީސްތަކުން ވިސްނާ މިބންވަރު ކުޑަކަމެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ފަތުވާއެއް ދެވޭތޯ އުޅޭތަނެވެ. ދީނުގެ ކޮންމެވެސް ކަމެއް އޮތް ގޮތް ބުނެދޭން އުޅޭތަނަށްވުރެ ގިނައިން ފެންނަނީވެސް ކޮންމެވެސް ކަމަކާއި ގުޅިގެން މައްސަލައެއް ނެރެގެން މީސްތަކުންގެ މެދުގައި ފަތުރަން އުޅޭތަނެވެ. މިވެނި ޝައިޚަކު މިހެން ބުނެފި. އެވެނި ޝައިޚަކު ބުނީ މިހެން، ކިޔައިގެން ވާހަކަތައް ފަތުރަން އުޅޭތަނެވެ. 

ޝައިޚުންގެ ވާހަކަފުޅު ތަފާތުވެދާނެއެވެ. އެއީ ބައެއް ކަންކަމުގައި ގިނަ ޙަދީޘްފުޅުތަކެއް ހުރުމުން އެ ޝައިޚަކު ބޮޑަށް ބުރަވެވަޑައިގަންނަވާ ގޮތް ހާމަކޮށްދެއްވަވާތީއެވެ. ޤަބޫލުކުރަންވީ ކަމަކީ ޞައްޙަ ޙަދީޘްފުޅަކުން ޙުކުމްފުޅު ނެރުއްވަވާނަމަ އެއޮތީ މައްސަލަ ހައްލުވެފައިކަމެވެ. ވީމާ މިފަދަ މައްސަލަތަކުގައި ހިފައިގެން ދެކޮޅަށް ދުވުމުގެ ބަދަލުގައި ތިމާއަށް ކުރެވެން ހުރި ކަންކަން ކުރަން އުޅުން މާރަނގަޅުވާނެއެވެ.

މިބުނި ކަންކަން ކުރަން ކޮންމެހެން ދީނީ ޢީލްމުވެރިއަކަށްވާކަށް ނުޖެހޭނެއެވެ. އެއްވެސް ފަރާތެްގެ ހުއްދައެއްވެސް ބޭނުމެއް ނުވާނެއެވެ. އެހެނީ އެކަންކަމަކީ ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. މިކަންކަން މިފަދައިން ކުރާ މީހާގެ ދަރަޖަ ދަރުސްދޭ ޝައިޚުންނަށްވުރެ މާބޮޑަށް މަތިވެރިއެވެ. ސަބަބަކީ ދަރުސް ނިންމަވާލައްވަވާފައި ޝައިޚް ވަޑައިގަންނަވަނީއެވެ. މީސަތަކުންލައްވައި ނަމާދުކުރުވާ މީހުން އެގެންދަނީ ދުވާލަކު 5 ފަހަރު އެކަންކުރަމުންކަމުގައިވާތީއެވެ. 

އެހެން މީހުން ލައްވައި ނަމާދުކުރުވަން މަސައްކަތްކުރަން ބޭނުންވާ މީހާ ފުރަތަމަކަމަކަށް ކުރަންޖެހޭނެ ކަމަކީ އަމިއްލަ ޢާއިލާގެ މީހުން އެކަމަށް އަހުލުވެރިކުރުވުމެވެ. އެމީހާ ދައްކާ ވާހަކަތަކަށް އެހެން މީހުން އިތުބާރުކުރާނީވެސް އެއިރުންނެވެ. މިކިޔައިދިނީ މީހުން ލައްވައި ނަމާދުކުރުވިކަމުގެ ޘަވާބު ލިބިގަނެ ސުވަރުގެ ލިބުމަށް މަގު ފަހިކުރަން ބޮޑުތަނުން ފަސޭހަ ކަމާއިއެކު ކުރިއށްދެވިދާނެ މަގެކެވެ! ބާރަށް ކުރިއަށް ގޮސް ސަލާމަތްކަން ލިބިގަންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން