އެންމެ ބޮޑު ނިޢްމަތަށް އެދި ކުރައްވަވަން ރަސޫލް ޞޢވ، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅަށް އުނގަންވައިދެއްވެވި ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
އެންމެ ބޮޑު ނިޢްމަތަށް އެދި ކުރައްވަވަން ރަސޫލް ޞޢވ، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅަށް އުނގަންވައިދެއްވެވި ދުޢާ!

"ލޯބިވާ ބޮޑުބޭބޭފުޅާއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން "ޢާފިޔާ ދެއްވެވުމަށް އެދިވަޑައިގަންނަވާށެވެ. އެއަށްވުރެ ވަކިން ބޮޑު ނިޢްމަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ."

މިއީ އާދައިގެ މީހަކު އާދައިގެ މީހަކަށް ބުނެފައިވާ ބަހެއް ނޫނެވެ. މިއުންމަތުގެ އެންމެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލް (ޞޢވ)، އިތުރު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅަށް ކުރެއްވެވި ޙަދީޘްފުޅެކެވެ. 

ރަސޫލް (ޞޢވ) ގެ ބޮޑުބޭބޭފުޅު، ޢައްބާސްގެފާނު އެއްދުވަހަކު ރަސޫލް (ޞޢވ) ގެ އަރިއަހަށް ވަޑައިގެން ތިމަންކަލޭގެފާނު ކުރައްވަވަން ރަނގަޅު ދުޢާއެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރެއްވެވީ "އަލްޢާފިޔާ" ދެއްވެވުން އެދި ދުޢާ ކުރެއްވެވުމަށެވެ. ދުޢާ ކުރުކަމުން އެއަށްވުރެ އިތުރަށް ވިދާޅުވެދެއްވުމަށް އެދިވަޑައިގަތުމުން ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރެއްވެވީ "ލޯބިވާ ބޮޑުބޭބޭފުޅާއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން "ޢާފިޔާ ދެއްވެވުމަށް އެދިވަޑައިގަންނަވާށެވެ. އެއަށްވުރެ ވަކިން ބޮޑު ނިޢްމަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ." މިކަމުން އެނގިގެންދަނީ އީމާން ކަމުގެ ނިޢްމަތަށްފަހު އެންމެ މަތިވެރި ނިޢްމަތަކީ "އަލްޢާފިޔާ ލިބުން ކަމެވެ.  

"އަލްޢާފިޔާ"އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ސަލާމަތް ޞިއްޙަތެއް ދެއްވެވުމާއި މުޞީބާތްތަކުން ސަލާމަތް ކުރެއްވެވުމެވެ. މިއަށްވުރެ ވަކިން ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހާ އެންމެ ބޮޑަށް ބޭނުންވާނީ ވީހައި ގިނައިން އަޅުކަން ކުރުމަށެވެ. އެކަން ކުރެވޭނީވެސް ސަލާމަތް ޞިއްޙަތެއްގައި ހުރެވިގެންނެވެ. މުޞީބާތްތަކުން ސަލާމަތްވެވި ހުރެވިގެންނެވެ. އަދި ޙަލާލް ގޮތުގައި ރިޒްޤް ހޯދަން މަސައްކަތްކުރެވޭނީ ވެސް ބަލިތަކާއި މުޞީބާތުން ސަލާމަތްވެވި ހުރެވިގެނެނެވެ. 

ސަލާމަތް ޞިއްޙަތަށް އެދި ސުންނަތުގައިވާ ފަދައިން މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

أَللَّهُمَّ عَافِنِى فِىى بَدَنِى, أَللَّهُمَّ عَافِنِى فِىى سَمْعِى ,  أَللَّهُمَّ عَافِنِى فِىى بَصَرِى , لاَإلَهَ إلاَّ أَنْتَ            

ތިމާއަށް ދުޅަހެޔޮ ހެޔޮ ޞިއްޙަތެއް ދެއްވެވުން އދިގެންނާއި ލޮލުގެ ފެނުމާއި ކަންފަތުން އަޑުއެހުމުގެ ކުލަދާނަކަން ދެއްވެވުންއެދި މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ. މިދުޢާގައި އެވާފަދައިްނ ކުރާ ކޮންމެ ދުޢާއެއްގައިވެސް ﷲ ތަޢާލާ އެއްކައުވަންތަކޮށް މަތިވެރިކުރަންވާނެއެވެ. 

"ޢާފިޔާ" ދެއްވެވުން އެދި ދުޢާ ކުރުމަކީ ކިހައިވަރެއްގެ މުހިންމު ކަމެއްކަން އެނގެނީ މަދު ބައަކަށެވެ. އެހެނީ ގިނަ ބައަކު ދުނިޔޭގައި އުޅެމުންދަނީ ގަދަވެ ސަލާމަތުން ތިބެއެވެ. މުޞީބާތްތަކުން ސަލާމަތްވެ ތިބެއެވެ. ވީމާ އެ ނިޢްމަތް ގެއްލިގެން ހިނގައިދާނެ ކަމަށް ނުވެސް ވިސްނަނީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން