މަގުން ކައްސާލާފައި ހުރި ދަރިފުޅުގެ ފުރާނަ މަންމަގެ ދުޢާއިން ކަނޑުއަޑީގަ ސަލާމަތްވި ގޮތުގެ ޢިބްރަތްތެރިވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 5ސ
މަގުން ކައްސާލާފައި ހުރި ދަރިފުޅުގެ ފުރާނަ މަންމަގެ ދުޢާއިން ކަނޑުއަޑީގަ ސަލާމަތްވި ގޮތުގެ ޢިބްރަތްތެރިވާހަކަ!

ﷲ އަށްޓަކައި އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! އަހަރެންނަކީ ޒުވާނަކީމެވެ. އަހަރެން ހީކޮށް އުޅުނީ ދުނިޔަވީ ހަޔާތަކީ ހަމައެކަނި ފައިސާއާ މުދާކަމަށް. އަރާމު ތަންމައްޗާއި ދުވެލިބާރު ސަވާރީކަމަށެވެ! އަދިވެސް މިނޫން އުފާ ލިއްބައިދޭ ޒީނަތްތައްކަމަށެވެ!

މިއީ އަހަރެންގެ ވާހަކައެވެ. މިވާހަކަ އަޑުއައްސަވާށެވެ! އެއީ ހުކުރު ދުވަހެކެވެ! އާދައިގެ މަތިން އެކުވެރިންނާއެކު ކުޅެ މަޖާނަގަމުން ދިއައިމެވެ! އެކަމަކު އެއީ ކޮން އެކުވެރިންނެއްތޯ._؟ އެއީ ޣާފިލް ހިތްތަކެއްގެ އަހުލުވެރިބައެކެވެ! އަނދިރިކަން ވެރިވެފައިވާ ހިތްތަކެއްގެވެރި ބައެކެވެ.. އެއީ އިރުގެ އަލިކަންވެސް ނުފެންފަދަ އަނދިރިކަމެކެވެ!

އަހަރުމެންނަށް އަޑުއިވެން އެފެށީ ގޮވާ މީހަކު ގޮވާ އަޑެވެ! ހައްގުގެ ގޮވާލުމުގެ އަޑެވެ! "ހައްޔާލައްސަލާތް، ހައްޔާލަލް ފަލާޙް.!" 

ﷲ ގަންދީ ހުވާކޮށްފައިބުނަމެވެ! އަހަރެންގެ ހަޔާތުގެ ހުރިހާ ދުވަސްތަކެއްގައިވެސް ބަންގީގެ އަޑު އިވުނެވެ! އެކަމަކު އެބުނެވޭ ކާމިޔާބުގެ މާނައެއް ހިތަކަށް ތަސައްވުރެއް ނުކުރެވެއެވެ! އެކަލިމަތެކޭ އަޑުއިވޭ ބަނދިވަރެކޭ އެއްފަދަ. ބަންގީގެ އަޑު އިވެމުން ދިޔައިރު އަހަރެންނާއި އެކުވެރިން ވައިފުޅިތަކާއި ޖެކެޓުތައް ފިންސުތަކާއި މޫނުމަތިތައް ތައްޔާރުކުރަމުން ދިޔައިމެވެ!

އެއީ އިރުކޮޅެއްގެ ފަހުން އަހަރެމެން ފަށަން މިއުޅޭ ދަތުރަށްޓަކައެވެ! ކޮންފަދަ ދަތުރެއްތޯ.؟ ކަނޑުއަޑީގެ ރީތިމަންޒަރުތައް ދެކިލާ މަޖާކޮށްލުމުގެ ދަތުރެކެވެ! މިއީ އަހަރެންނާއި އަހަރެންގެ އެކުވެރިންގެ އާދައެވެ. 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެމެން މިހާރު މިތިބީ ކަނޑުގެ އަޑީގައެވެ! އެންމެ އަޑީގައެވެ. ޚާލިޤްވަންތަ ﷲގެ ކުޅަދުންވަންތަކަމެވެ. ކޮންމެ އެއްޗެއްވަނީ ވަކި ތަރުތީބަކުން ރާވާލެވިފައެވެ. އިންތިޒާމްކުރެވި އަތުރާލެވިފައެވެ. 

ހުކުރުދުވަހުގެ މެންދުރު ވަގުތު އެއްވެސް ފިކުރެއް ޚިޔާލެއްނެތި މިދަތުރަށް ފަށައިފީމެވެ. އެކަމަކު އަހަރެން ހީވެސްނުކުރާފަދަ ކަމެއް ކުރިމަތިވެއްޖެއެވެ. އަހަރެންގެ އަނގައިގެން ނޭވާލުމަށްޓަކައި ބޭނުންކުރާ ހޮޅިއާއި ވައިފުޅިއާ ދެމެދުން ކޮންމެވެސް ގޮތަކުން ލޮނުފެން ހޮޅީގެ ތެރެއަށް ވަންނަންފަށައިފިއެވެ. މަޑުމަޑުން ފެންތައް ގިނަވެއްޖެއެވެ. ހޮޅި ބަންދުވެ އަހަރެންނަށް ނޭވާލަން ދަތިވެއްޖެއެވެ. އަހަރެން މަރާ ކުރިމަތިލާންޖެހިއްޖެއެވެ. ފުންނޭވާތަކެއް ލެވި ނޭވާހާސްވެ ލޮގަނޑުގެ ތެރޭގައި ތެޅިފޮޅެވެން ފަށައިފިއެވެ. ހަމަ ދިމާއަށް ފެންނަންހުރި ދެލޮލުގެ ކުރިމަތީގައި އަހަރެންގެ މަރު އައިސް ޖެހުނުތަން ފެނިއްޖެއެވެ.

އެންމެ ފުރަތަމަ ލެވުނު މާނޭވާއާއެކު އިންސާނާގެ ނިކަމެތިކަން އެނގުނެވެ!. ނޭވާހޮޅީގެ ތެރެއަށް އެޅެމުން ދިޔަ ލޮނު ފެންފޮދުތަކުން ސަލާމަތްވުމުގެ ބާރެއް އަހަރެންނަކަށް ލިބިގެންނުވިއެވެ.. 

އަޚުންނާއި އުޚްތުންނޭވެ!. އަހަރެމެން މިވަނީ ކަނޑުގެ އެންމެ އަޑީގައެވެ! ދެވަނައަށް ލެވުނު މާނޭވާއާއެކު އަހަރެން ދޫކޮށްލާފައި މިއައި ހުކުރުނަމާދުގެ މަތިން ހަނދާން ވެއްޖެއެވެ. އިވިގެން ދިޔަ ހައްޔާލަލް ސަލާތި. ހައްޔާލަލް ފަލާޙުގެ މަތިން ހަނދާންވެއްޖެއެވެ.. އަހަރެންނަށް ދޫކޮށްލެވިފައިވާ ނަމާދުތަކާއިމެދު މާޔޫސްވެވިއްޖެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއެކީގައި ބިންމަތީގައި އުޅުނު އުޅުމާމެދު ނުތަނަވަސް ވެވިއްޖެއެވެ.

ކުއްލިއަކަށް ސަލާމަތްކަން ލިބިގަތުމަށް މާބޮޑަށް އެދެވިއްޖެއެވެ.. އެހެނަސް އަހަރެންގެ މަރާ އަހަރެންނާ ދެމެދުގައިހުރީ ހަމަދާދި މަދު ސިކުންތުކޮޅެކެވެ! ކުރިންސުރެން އަހާފައި އޮންނަ ވާހަކައެއް އޮވެއެވެ! ކުއްލިއަކަށް ހަނދާނަށް އަތުވެއްޖެއެވެ. މަރުމަތީގައި أشهد أن لا إله إلاَّ الله و أشهد أن محمد رسول الله މިފަދައިން ކިޔައިފިނަމަ ސުވަރުގެއަށްވައްދަވާނެ ކަމެވެ.

އެހެންވެ ޝަހާދަތް ކިޔޭތޯ އަހަރެން މަސައްކަތް ފަށައިފީމެވެ. އަޝްހަ، އަޝްހަ ހަމަ މިހާ ހިސާބަށް ކިޔޭއިރަށް އަހަރެންގެ ކަރު ބެދިގެންގެއެވެ. ހީވަނީ އަހަރެން މިކަލިމަ ކިޔުމަށް މަނާކުރުމަށް ކޮންމެވެސް ވަންހަނާ ވެގެންވާ އަތަކުން އަހަރެންގެ ކަރުގައި ހިފާ ބާރުކޮށްލާހެންނެވެ.. ހުރިހާ މަސައްކަތްތަކެއް ހުއްޓިއްޖެއެވެ. ގައިގެ ވަރު ހިނގައްޖެއެވެ. އަޖައިބެއްފަދަ އަނދިރިކަމެއް ވެރިވެ އަހެރެން ވަށާލައިފިއެވެ. ހުރިހާ ހިއްސުތަކެއް ކެނޑި އަހަރެންގެ މަރު އައިސް ޖެހުނީކަން ކަށަވަރު ވެއްޖެއެވެ. 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ!. މިފަދަ ގޮތެއްގައި އެމީހެއްގެ ނިމުން އައުން މިއީ ދެރަކަމުގެ ކޮޅު ނެތްކޮޅެވެ. މިހާ ހިސާބަށް މިއައީ ވަރަށް ހިތްދަތި ގޮތެއްގައެވެ. އެހެންނަމަވެސް ﷲގެ ރަހުމަތް ހުރިހާ އަޅުތަކުންގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ކުއްލިއަކަށް އަހަރެންގެ ފުއްޕާމެއަށް ވައި ލިބެން ފަށައިފިއެވެ. އަނދިރިކަން ފަނޑުވެ އަހަރެންގެ ދެލޯ ހުޅުވާލެވިއްޖެއެވެ. ވައިފުޅި އަހަރެންގެ ބުރިކަށިމަތީގައި ސާބިތުކަމާއެކު އަދި އެބަހުއްޓެވެ! ނޭވާލުމަށް ބޭނުންކުރާ ވާގަނޑު އިނީ ހަމަ އަހަރެންގެ އަނގައިގެ ތެރޭގައެވެ. އަހަރެން އަދިވެސް މަރެއްނުވެއެވެ! އަހަރެންގެ ފުރާނަ އެބަހުއްޓެވެ! 

އަލްހަމްދުލިﷲ އަލްހަމްދުލިﷲ އަހަރެންގެ ހިތް ޝުކުރުން ފުރިއްޖެއެވެ!. އުފަލުން ފޮޅިއްޖެއެވެ. ކުއްލިއަކަށް އަހަރެންގެ ހިތް އަހަރެންނާ މުޚާތަބްކޮށް ބުނަން ފަށައިފިއެވެ. ﷲ ތިބާއަށް ރަހުމަތް ލައްވައިފިއެވެ. އެއީތިބާގެ މަންމަގެ ދުޢާގެ ސަބަބުންނެވެ. ނިކަން އިބުރަތް ލިބިގަންނާށެވެ! 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެންގެ ހަޔާތާމެދު ދެކޭގޮތް މުޅިން ބަދަލުވެއްޖެއެވެ. ﷲގެ ރަހުމަތުން އަހަރެންނަކީ މިހާރު އެހެން ޒުވާނެކެވެ!. ﷲ ސުބްހާނަހޫ ވަތަޢާލާ ރުހިވޮޑިގެންނަވާ އެއިލާހު އެދިވޮޑިގަންނަވާ ކަންކަން ކުރުމުގައި ދެމިހުރުމުގެ އަޒުމުގައިވާ ޒުވާނެކެވެ!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ!. މަޢުލޫމާތަށްޓަކައި ބުނެލަމެވެ! އެއަށްފަހު އަހަރެންނަށް އެހާދިސާ ދިމާވިތަނުގައި ﷲ އަށްޓަކައި ކަނޑުގެ އެންމެ އަޑީގައި ސަޖިދައެއްކުރީމެވެ! އެއީ ޝުކުރުގެ ސަޖިދައެކެވެ! އެއީ ހުޝުއަތްތެރިކަމުގެ ސަޖިދައެކެވެ! އެއީ ހުލޫއަތްތެރިކަމުގެ ސަޖިދައެކެވެ! އަހަރެންނަށް ޔަޤީންކުރެވޭ ގޮތުގައި އިންސާނުންކުރެ އެއްވެސް އިންސާނަކު ﷲއަށްޓަކައި އެތަނުގައި ސަޖިދައެއްކޮށްފައިނުވާނެއެވެ. އަހަރެންގެ އެދުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ޤިޔާމަތްދުވަހުން އެތަނުގައި އަހަރެން އެއިލާހަށްޓަކައި ކުރި ސަޖިދައިގެ ސަބަބުން އަހަރެންނަށް ރަހުމަތް ލައްވައި ސުވަރުގެ މިންވަރުކޮށްދެއްވުމެވެ! اللَّهُمَّ امين

- ޝައިޚް ޢަބުދުއްސަލާމް ބިން ދާވޫދު

ގުޅުންހުރި ވީޑިއޯ: 

(މިވީޑިއޯއަކީ ގިނަ ބައަކު ބަލާފައިވާ ވީޑިއޯއެކެވެ. ލިޔުމުން މިގެނެސްދިނީ މި މެސެޖުގެ މުހިންމުކަން ބޮޑުކަމުންނެވެ! ވިސްނައި ފިކުރުކުރަން ޖެހޭ އެތައް ކަމެއް ހިމެނޭ ޢިބްރަތްތެރި ޙާދިސާއަކަށްވުމުންނެވެ!)

 

މިއަދު އޮންލައިން