ކައިވެނިކުރުމުގެ މުހިންމުކަން ނިކަން ދެކިބަލާށެވެ! ކައިވެނިކުރުމުން ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަކުރެވުނީއެވެ. ނަމަވެސް ވަރިކުރުމާއިމެދު ވިސްނައިލާށެވެ. އެއީ ﷲ ތައާލާ ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތަކެވެ.
އެހެންކަމާއިއެކުގައިވެސް ވަރިކުރުމަކީ ދެއްވަވާފައިވާ ވަރަށް ބޮޑު ނިޢްމަތެކެވެ. ބޭނުން ހިފަންވާނީ އެންމެ ހެޔޮ ގޮތުގައެވެ. ވަރިކުރަންވާނީ ދެން އެހެން ގޮތެއް ނެތުމުންނެވެ.
ވަރިކުރުމަކީ ނިޢްމަތަކަށްވަނީ ވަރިކުރުން ދީނުގައި ހުއްދަ ނުކުރާނަމަ މުޅި ޢުމުރުވެސް އަނިޔާވެރިކަމާއި ނިކަމެތިކމުގައި ލޮލުން ކަރުނައެޅުމުގައި ހޭދަކުރަން ޖެހިދާނެތީއެވެ. އެކަން މިއަދު މިދަނީ ލޮލަށް ފެނި ތަޖުރިބާކުރަމުންނެވެ.
ކިތަންމެ ވަރަކަށް ރުޅި އައިސްގެން ވަރިކުރި ނަމަވެސް "ވަރިކޮށްފީމެވެ! ވަރިކޮށްފީމެވެ! ވަރިކޮށްފީމެވެ!" 3 ފަހަރަށް ބުނެ 3 ފަށް ވަރިއަކުން ވަރިނުކުރާށެވެ! އެއީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެފަދަ ކަމެއް ކޮށްގެން ނުވާނެއެވެ! ޙަރާމް ކޮންމެ ކަމެއް ކުރި ނަމަވެސް ފާފަވެރިވާނެކަން އަބަދުވެސް ހަނދާންކުރާށެވެ!
ކޮންމެހެން ވަރިކުރަން ޖެހިގެން ވަރިކުރި ނަމަވެސް ޢިއްދައިގެ މުއްދަތު، 3 ޙައޟުގެ ތެރޭގައި ކައިވެނި އަލުން ރުޖޫޢަކުރުމާއިމެދު ވަރަށް ބޮޑަށް ވިސްނައންވާނެއެވެ. ދެމަފިރިން އެކުގައި ތިބެގެން ޙައްލު ނުކުރެވުނު މައްސަލަ ނުވަތަ މައްސަލަތައް ދުރުގައި ތިބެގެން ޙައްލުކުރަން މަސައްކަތްކުރާށެވެ! އެފަދަ ޙައްލެއް ފެނިއްޖެ ނަމަ އެންމެ ރަގަޅު ގޮތަކީ އަލުން ކައިވެނި ރުޖޫޢަކުރުމެވެ. އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ.
ދަތިހާލުގައި ނިކަމެތިކަންމަތީގައި އަނިޔާލިބެމުންދާ ޙާލުގައި ދިރިއުޅެމުން އަންނަ އަނބިންނަށް، އެ އުޚުތުންނަށް ބަހެއް ބުނެލާނަމެވެ. ވަރިކުރުމަކީ ފިރިމީހާ ކުރަން ޖެހޭ ކަމެއް ނަމަވެސް ވަރިވުން ނޫން ގޮތެއް ނެތިއްޖެ ނަމަ އަނިޔާލިބެން ކެތްތެރިވުމެއް ނެތެވެ. އިސްލާމީ ކޯޓަކަށް ގޮސް ނުވަތަ އެރަށެއްގައި އެކަންކުރަން އޮންނަ އުޞޫލަކުން ވަރިވުމަށް އެދޭށެވެ. އެއީ ކުރަން ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ! އަނިޔާ ލިބި އަނިޔާގައި ޢުމުރު ހޭދަކުރުމެއް ދީނަކު ނެތެވެ!
- މުފްތީ މެންކުގެ ދަރުސަކުން