އިމާމް އަބު ހަނީފާގެ ޒަމާނުގައި އުޅުނު ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ ބައަކު އެމީހުންނާއިއެކު ބަހުސްކުރއްވުމަށް އެރުވި ދައުވަތު އިމާމް ޤަބޫލުފުޅު ކުރެއްވެވިއެވެ. ނަމަވެސް ވަޑައިގެންނެވުނީ އެއްބަސްވެވަޑައިގެންނެވި ވަގުތަށްވުރެ ތަންކޮޅެއް ލަހުންނެވެ. އެގޮތަށް ލަސްވުމަކީ އަބޫ ހަނީފާ ފަދަ ބޭކަލެއްގެ ކިބައިން ވެގެންވާނެ ކަމެއްކަމަށް އެމީހުން ޤަބޫލުނުކުރުމުން އެކަން މެދުވެރިވި ސަބަބު ބަޔާންކޮށްދެއްވަވަމުން އިމާމް ވިދާޅުވިއެވެ.
"ތިމަންކަލޭފާނު ދިރިއުޅުއްވާ ތަނުން މިތަނަށް ވަޑައިގެންނެވެނީ ކޯރެއް ހުރަސް ކުރައްވައެވެ! ކޯރުގެ އައްސޭރިއަށް ވަގުތު އޮއްވައި ވަޑައިގަތީމެވެ. ނަމަވެސް ހުރަސްކުރައްވާނެ ބޯޓެއް އެތަނަކު ނެތެވެ. ދެން ބޯޓެއްގެ އިންތިޒާރުގައި ހުންނަވަނިކޮށް އެތަނުން ބޮޑުގަހެއް ވެއްޓުނީއެވެ. ވެއްޓި އަމިއްލައަށް ބުރިބުރިވެ ފޮތިފޮތިވެ ބޯޓެއް އުފެދުނީއެވެ. މިވަޑައިގަތީ އެ ބޯޓުގައެވެ."
އިމާމްގެ މިވާހަކަފުޅުވެސް އެމީހުން ޤަބޫލެއް ނުކުރިއެވެ. އެވާހަކަފުޅު ޤަބޫލުކުރަން އެމީހުންނަކީ މޮޔައިން ނޫން ކަމަށެވެ. އަދި އެއްވެސް މީހަކު ނުވަތަ ބައެއްގެ މަސައްކަތުން ނޫނީ ބޯޓެއް ނުއުފެއްދޭނެ ކަމަށް އެމީހުން ދެންނެވުމުން އިމާމް ވިދާޅުވިއެވެ.
"ބަލަ ކަލޭމެން ތިއަ ބުނަނީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކާއި މީސްތަކުންނާއި މިހުރިތަކެތި އުފެދެނީ އެތަކެތި ހެއްދެވި އެއްވެސް ފަރާތެއް ނެތި އަމިއްލައަށް ކަމަށް ނޫން ހެއްޔެވެ؟ ވީއިރު އެގޮތަށް ބޯޓެއްވެސް އުފެދިދާނެކަމަށް ޤަބޫލުނުކުރަނީ ހެއްޔެވެ؟"
އެހިސާބުން ކުރަން އުޅުނު ބަހުސް ކުރުމަކާއި ނުލައި ބަހުސް އިމާމަށް ކާމިޔާބުކުރެއްވެވިއްޖެއެވެ. ﷲ ތަޢާލާ ނުވަތަ ހެއްދެވި ފަރާތެއް ނެތި ދުނިޔެއާއި ދުނިޔޭގައިވާ އެއްވެސް އެއްޗެއް އަދި އިންސާނުންވެސް ވުޖޫދުނުވާނެކަން ސާބިތުވެ ނިމިއްޖެއެވެ.
- ޝައިޚް ޢަލީ ޒައިދު
ގުޅުންހުރި ވީޑިއޯ: