ކޮންމެ ހަފްތާއަކު އެތައް ބައިވަރު ބިދޭސީން އެބަ ރާއްޖެއަށް އެތެރެވެއެވެ. އެމީހުްގެ ކިބައިން ލިބޭ މައުލޫމާތަށްބަލާއިރު އެތެރެވާ ފޯމުގައި ހުންނާނެ އެޑްރެސް ޖަހައެވެ. ގިނަމީހުން ޖަހަނީ ކޮންމެވެސް ގެސްޓް ހައުސްއެއްގެ ނަމެވެ.
އެހިސާބުން އެމީހުންނަށް އަންގަނީ އެ ގެސްޓް ހައުސްގައި އޭނާ ކަރަންޓީނުވެގެން 14 ދުވަހު ހުންނަން ޖެހޭނެ ކަމަށެވެ. އެކަމަށް އެއްބަސްވުމުން ހުރިހާ ކަމެއް ނިމުނީއެވެ. މާލެ އަންނަނީ ޢާންމުފެރީގައެވެ. އެމީހުން އެތެރެވާން ދިން އެޑްރެހުގައި ތިބޭކަން އެއްވެސް ބައަކު ނުބަލައެވެ.
"އަހަރެން ހުރިން ކަރަންޓީނުވެގެން އެކަމަކު ގިނަ މީހުން ނުތިބޭ. ގެސްޓް ހައުސްއަކުވެސް ނުތިބޭ. އެމީހުން ރާއްޖެ އަންނަނީ މަސައްކަތްކޮށްގެން ފައިސާ ހޯދަން. އެމީހުން ނުކުމެ މަސައްކަތްކުރޭ."
މިއަދުނޫހަށް ލިބިފައިވާ މި މައުލޫމާތާއި ގުޅިގެން އެގޮތަށް ކަރަންޓީނުގައި ތިބެންޖެހޭ މީހުން ކަރަންޓީނުގައި ތިބޭކަން އެޗްޕީއޭ އިން ބަލަހައްޓަމުތޯ؟ އެޗްޕީއޭގެ 1676 އާއި ސުވާލުކުރުމުން ލިބުނު ޖަވާބަކީ ކަރަންޓީނުގައި ހުންނަން ޖެހޭ މީހަކު މަގުމަތިން ފެނިއްޖެ ނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮވިޑްގެ ތަރުޖަމާނު ދެއްވި ޖަވާބުން އެނގުނީ ރާއްޖެއަންނަ ބިދޭސީން 14 ދުވަހުގެ ކަރަންޓީނުގައި ތިބުމަކީ ފަރުދީ ޒިންމާއެއް ކަމާއި އެމީހުން ކަރަންޓީނުގައި ތިބޭކަން ބެލެހެއްޓެމުން ނުދާކަމެވެ. ގެސްޓްހައުސްތަކުގައި ނުވަތަ ކަރަންޓީނުގައި ތިބޭކަން އެއްވެސް ފަރާތަކުން ބަލަހައްޓަމުން ނުދާކަމެވެ. ހަމައެކަނި ހުންނަނީ މައުލޫމާތު ލިޔެވޭ ކަރުދާސްކަމެވެ. މަގުމަތިން ފުލުހުންނަށް އަތުލައިގަނެވިއްޖެ ނަމަ ޖުރުމަނާކުރަމުން ގެންދާ ކަމެވެ. ތަރުޖަމާނުވެސް ވިދާޅުވީ ކަރަންޓީނުގައި ހުންނަން ޖެހޭ މީހަކު މަގުމަތިން ފެނިއްޖެ ނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ބޭރުން ރާއްޖެއައިސް ކަރްންޓީނުގައި ހުންނަން ޖެހޭ އެއްވެސް މީހަކު މަގުމަތީގައި ނުވަތަ ބޭރަށް ނުކުމެ އުޅޭނަމަ އޭނާ ފުލުހުންނަށް ފާހަގަކުރަން އެނގޭނެ އެއްވެސް ގޮތެއް ތަރުޖަމާނަށް ވިދާޅުވެއެއް ނުދެއްވުނެވެ.
ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްނުވެ މިހައިބޮޑު ކަންބޮޑުވުމެއްގައި ދުވަސްތައް ފާއިތުވެ ޤައުމުގެ އިޤްޠިޞާދު އިނދަޖެހިގެންދާއިރު ހުޅުވިފައިވާ މިފަދަ ދޮރުތައް ބަންދުކުރެވޭނެ ގޮތެއް ނުހޯދި ޙައް2ލެއް ހޯދޭނެކަމާއިމެދު ގިނަބައަކު ކަންބޮޑުވެއެވެ.