އޮނަސައްތަ އިސްމްފުޅުގެ ތެރެއިން 2: "އައްރަޙްމާން" - ތަނަވަސް ރަޙްމަތުގެ ވެރި ރަސްކަލާނގެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 6ސ
އޮނަސައްތަ އިސްމްފުޅުގެ ތެރެއިން 2: "އައްރަޙްމާން" - ތަނަވަސް ރަޙްމަތުގެ ވެރި ރަސްކަލާނގެ

الرَّحْمنُ

(ތަނަވަސް ރަޙްމަތުގެ ވެރި ރަސްކަލާނގެ)

(2)

الرحمنއަކީ الله سبحانه وتعالىގެ މަތިވެރި އިސްމުފުޅުތަކުގެ ތެރެއން މަތިވެރި ނަންފުޅެކެވެ. الرحمن ގެ މާނައަކީ: އެކަލާނގެއީ ތަނަވަސް ރަޙްމަތުގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެ ރަޙްމަތާއި ނިޢުމަތުން އެކަލާނގެ ހުރިހާ އަޅުންނަށް އޯގާވެރިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަށް ފައުޅުވެ ވޮޑިގަންނަވަނީ (الرحمن) ގެ ނަންފުޅުގައެވެ. އެކަލާނގެ ރަސޫލާ محمّد عليه الصّلاة والسلام ފޮނުއްވާފައިވަނީ ޢާއްމު ރަޙްމަތެއް ކަމުގައެވެ. (( وَمَاأَرْسَلْنَاكَ إِلاَّ  رَحْمَةً لِلْعَالَمِينَ - سورة الأنبياء: 107 - ’’ތިމަން ރަސްކަލާނގެ ކަލޭގެފާނު ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ ނުފޮނުއްވަމުއެވެ.“

ﷲ تعالىގެ ރަޙްމަތަކީ މުއުމިނުންނަށާއި، ކާފިރުންނަށް ޢާއްމުވެ ޝާމިލްވެގެންވާ އެއްޗެކެވެ. ((وَرَحْمَتِى وَسِعَتْ كُلَّ شَيْءٍ)) ’’ތިމަން ރަސްކަލާނގެ ރަޙްމަތްފުޅު ހުރިހާ އެއްޗަކަށް ތަނަވަސްވެގެން ވެއެވެ.“

(الرحمن) ކީރިތި ޤުރްއާނުގައި އައިސްފައިވަނީ (أل) އާ އެކުގައެވެ. މިއީ މާތްﷲއަށް ޚާއްޞަވެގެންވާ މުފްރަދު ނަންފުޅެކެވެ. (الرحمن) އައިސްފައިވަނީ ރަޙްމަތް (ނުވަތަ އޯގާވެރިކަން) އިންނެވެ. ޤުދުސިއްޔަ ޙަދީޘްފުޅެއްގައި އައިސްފައިވަނީ ((أَنَا الرَّحْمَنُ، أَنَا َخَلَقْتُ الرَّحِمَ وشَقَقْتُ لَهَا اِسْمًا مِنْ اسْمِى فَمَنْ وَصَلَهَ وَصَلْتُها وَمَن قَطعَهَا قَطَعْتُهُ وَمَنْ بتَّها بَتَتُّه - ތިމަން ރަސްކަލާނގެއީ ރަޙްމާނުވަންތަ ރަސްކަލާނގެއެވެ. ތިމަން ރަސްކަލާނގެ ރަޙިމު ހެއްދެވީމެވެ. އަދި ތިމަން ރަސްކަލާނގެ ނަންފުޅުތަކުން ނަމެއް އެއަށް ދެއްވީމެވެ. އެއަށް ހެޔޮކޮށް ހިތި މީހަކަށް ތިމަން ރަސްކަލާނގެ ހެޔޮކަން ވާޞިލު ކޮށްދެއްވަމުއެވެ. އެއާ ގުޅުން ކެނޑިމީހާކަށް ތިމަން ރަސްކަލާނގެ ރަޙްމަތް ކަނޑުއްވަމުއެވެ.))

މާތްﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވަނީ ﷲއޭ ދަންނަވާ، ނުވަތަ الرحمنއޭ ދަންނަވާ އެކަލާނގެއަށް ދުޢާ ދެންނެވުމަށެވެ. ((قُلِ ادْعُوْا اللَّهَ أَوِادْعُوْا الرَّحْمنَ أَيَّامَا تَدْعُوْا فَلَهُ الأَسْماءُ الحُسْنَى)) ’’އެ މުޝްރިކުންނަށް ވިދާޅުވާށެވެ. މާތްﷲއަށް ﷲއޭ ކިޔާ އަޅުކަން ކުރާށެވެ. ނުވަތަ الرحمنއޭ ގޮވައި އަޅުކަން ކުރާށެވެ. ކޮންމެ ނަމަކުން ދެންނެވިޔަސް އަރަހުށި ﷲއަށް ހުރިހާ ރިވެތި ނަންފުޅުތަކެއް ލިބިވޮޑިގެން ވެއެވެ.“

(الرحمن) މިނަންފުޅު ބިސްމީގައި ، ކީރިތި ޤުރްއާނުގައި 114 ފަހަރު އައިސްފައި ވެއެވެ. މީގެ އިތުރަށް އެނަންފުޅު 55 ފަހަރު ކީރިތި ޤުރްއާނުގެ އެހެނިހެން އާޔަތްތަކުގައި އައިސްފައި ވެއެވެ.

الرحمن ގެ ނަންފުޅުން ދުޢާ ދަންނަވާ މީހާއަށް ޢިލްމުގެ ނޫރާއި، ބަސްތެރިކަމުގެ ނޫރު ދެއްވާނެއެވެ. އަދި ﷲގެ ޚާއްޞަ ޢިނާޔަތްތެރިކަމުގެ ދަށުގައި ލައްވާނެއެވެ. ކޮންމެ ފަރްޟު ނަމާދަކަށްފަހު 100 ފަހަރު (الرحمن) ގެ ނަންފުޅުން ދެންނެވި މީހާގެ ކިބައިން ހަނދާން ނެތުމާއި ޣަފްލަތްތެރިކަމުގެ ބަލިން ސަލާމަތް ކުރައްވާނެއެވެ. އަދި ހިތްހަރުކަމުން ސަލާމަތްކުރައްވާ ދުންޔަވީ ކަންތައްތަކުގައި ވާގި ދެއްވާނެއެވެ.

އަދި ހުކުރު ދުވަހު ޢަޞްރު ނަމާދުކޮށްގެން ޤިބްލައަށް ކުރިމަތިލައިގެން އިނދެ (يا الله يارحمن) މިފަދައިން އިރު އޮއްސެންދެން ކިޔާ ބޭނުން އެއްޗެއް ދެންނެވި މީހަކަށް އެ އެއްޗެއް ދެއްވާނެއެވެ. والله أعلم

(މިއީ 1992ވަނަ އަހަރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު  މި ފޮތުން އުސްތާޛްގެ އިޛުނައާއިއެކު ނަގާފައިވާ ބައިތަކެކެވެ. ދެންހުރި ބައިތަށް ގެނެސްދޭންވެސް މަސައްކަތްކުރާނަމެވެ. އޮނަސައްތަ އިސްމްފުޅު މާނައާއިއެކު އެނގުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.)

މިއަދު އޮންލައިން