އެއްވެސް މީހަކާއިމެދު ހަސަދަވެރިނުވާށެވެ! ޢަދާވާތްތެރިވެސް ނުވާށެވެ! ހރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކުރށެވެ! ކޮންމެ މީހަކަށް ނަމަވެސް ނިޢުމަތްތައް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. ތަނަވަސްކަމާއި ރީތިކަމާއި ކުޅަދާނަކަމާއި މަޤާމާއި ޝަރަފާއި ޢިއްޒަތް ދެއްވަވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ!
ވީމާ އެއްވެސް މީހަކަށް ޢަދާވާތްތެރިވެވޭނަމަ އަދި ޙަސަދަވެރިވެވޭނަމަވެސް އެވެވެނީ އެ މީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށެވެ. އެއީކުރަން ކާކަށް ޙައްޤު އޮތް ކަމެއް ހެއްޔެވެ؟ އެފަދަ ޙައްޤެއް ލިބިގެންވާ ހަމައެކަކުވެސް ނުހުންނާނެއެވެ.
މީހަކާއިމެދު ހަސަދަވެރިވެވެނީ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައި ނިޢްމަތްތަކުގެ ސަބަބުން ކަމަށްވާނަމަ އެއީ ހިތާމަހުރިކަމެކެވެ. އެކަމުން އެނގެނީ މިންވަރަށް އީމާން ނުވެވޭކަމެވެ. އެހެނީ ﷲ ތަޢާލާ ކަންކަން މިންވަރުކުރައްވަވަނީ އެކިމީހުންނަށް އެކިވަރަށެވެ. އެކަލާނގެ އިރާދަކުރައްވަވާ އަޅަކަށް ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވަތެވެ. ވީމާ އެކަމަށް ހަސަދަވެރިވެ ޢަދާވާތްތެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުއޮންނާނެއެވެ!
ﷲ ތައާލާ އެއްވެސް ީހަކަށް ދެއްވަވާފައިވާ ނިޢްމަތާއިގުޅިގެން ހިތްހަމަނުޖެހޭނަމަ އެހިތްހަމަނުޖެހެވެނީ ﷲ ތަޢާލާ އާއިމެދުގައެވެ. އެހިސާބުން ތިމާއަށް އެވެއްޓިގަނެވެނީ އެންމެ ހޫނުކަން ގަދަ ހޫނުގެ ތެރެއަށެވެ. އެކަން ވެގެންދާނީ ތިމާއަށް ވެެއްޓިގަނެވޭ އެންމެ ބޮޑު މުޞީބާތަށެވެ!
"އަލިފާން، ދަރު އަންދައި ނެތިކޮށްލާފަދައިން ހަސަދަވެރިކަން ތިބާގެ ހެޔޮ ޢަމަލުތައް ނެތިކޮށްލާނެ" ކަމަށް ޙަދީޘްފުޅުގައި އެވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ވީމާ ޙަސަދަ ޢާއިމެދު ބިރުވެތިވާށެވެ! ހަސަދަވެރިކަމާއި ކައިރިވެސް ނުވެ ދުރުހެލިވާށެވެ!
ﷲ ތައާލާ ވަޙިކުރައްވަވާފައިވަނީ ކާފިރުންނަށްވެސް ނިޢްމަތްތައް ދެއްވަވާނެ ކަމަށެވެ. ވީމާ އެނގިގެން މިދަނީ ﷲ ތަޢާލާ ނިޢްމަތްތައް ދެއްވަވާނެ އަޅަކަށް ދެއްވަވާނެ ކަމަށެވެ. ނަމަވެސް އެނިޢްމަތްތައް އެމީހުންނަށް ދެއްވަވަނީ ކުޑަކުޑަ ވަޤުތުކޮޅުތަކަކަށް ކަމަށެވެ. ކަންމިހެން އޮތުމުން ކޮންމެ މީހަކަށް ކޮންމެ ނިޢްމަތެއް މިންވަރުކުރެއްވެވިނަމަވެސް ހަސަދަވެރިނުވާށެވެ! އަދި ﷲ ތަޢާލާ ވަޙީޚުރައްވަވާފައިވާ ފަދައިން ތިބާއަށް ބޭނުންވާ ކަންކަން ތިބާއަށް މިންވަރުކުރައްވަވައި ދެއްވެވުން އެދި ދަންނަވަމުން ގެންދާށެވެ.
އެމީހަކުހުރީ އިޚްލާޞްތެރިކަމާއިއެކުގައިވާނަމަ އަދި އެކަމަކީ އެމީހަކަށް އެކަމުން ފައިދާކުރާނެ ކަމެއް ނަމަ އެކަމަށް އެންމެ ރަނގަޅު ވަގުތުގައި އެކަމެއް މިންވަރުކުރައްވަވައި ދެއްވަވާނެތެވެ. ވީމާ އެދޭ ކަންކަން ޙާޞިލުނުކުރެވުމުން އެއީ ﷲ ތަޢާލާ ތިމާ އާއިމެދު ރުހިވޮޑިނުގަންނަވާތީ ކަމަށް ނުދެކޭށެވެ! އެއީ ﷲ ތަޢާލާ ތިމާ ދެކެ ލޯބިވެވޮޑިގަންނަވާތީ ކަމަށް ޔަޤީންކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން