އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެން އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަންދީގެން ކޮންމެހެން ކުރަންޖެހޭނެ 2 ކަމެއް ވެއެވެ. އެއީ ކޮންމެ ކަމެއްގައިވެސް އަމާނާތްތެރިވުމާއި ކުރާކޮންމެ ކަމެއްގައިވެސް ޢަދުލުވެރިވުމެވެ. އެމީހެއްގެ ކިބައިގައި މި ދެ ސިފަ ނެތް މީހަކަށް އުފާވެރިކަމެއްވެސް އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ.
ވީމާ ތިމާ ކިތަންމެ ހިތްހަމަ ނުޖެހޭ މީހަކާއިމެދުގައިވެސް ޢަދުލުވެރިކަމާއިއެކުގައި ނޫނީ އެއްވެސް ކަމެއް ނުކުރާށެވެ! އަދި ވައުދުތައް ފުއްދައި އަމާނާތްތައް އެއިގެ ޙައްޤުވެރިންނަށް އަދާކުރާށެވެ!
މިސާލަކަށް ބުނާނަމަ ތިބާގެ އަތްމަތިވަރަށް ބޮޑަށް ދަތިވީއެވެ. ހައިހޫނުކަމުގައިވެސް އުޅެންޖެހުނީއެވެ. އެފަދަ ޙާލަތު ކުރިމަތިވިއިރު ތިބާގެ އަތުގައި އެހެން މީހަކު އަމާނާތުގެ ގޮތުގައި ކިތަންމެ ގިނަ ފައިސާ ބަހައްޓާފައިހުރިނަމަވެސް އެމީހާގެ ހުއްދަ ލިބިގެން ނޫނީ އެންމެ ފައިށާފޮތްޗެއްގައިވެސް ނުޖެހޭށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިއްޖެ ނަމަ ލިބޭނެ ގެއްލުމާއި ދެރަ މާބޮޑުވާނެކަން ޔަޤީންކުރާށެވެ!
ޔަޤީންކުރަންވީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުން އޮތީވެސް ﷲ ތަޢަލާ ދެއްވެވުމުން ކަމެވެ. އަމިއްލައަށް އެއިން އެއްވެސް ކަމެއް ލިބިނުގަނެވޭނެ ކަމެވެ. އެހެނީ އެންމެހައި ނިޢްމަތްތަކުގެ މިލްކުވވެރި ފަރާތަކީ ﷲ ތަޢާލާއެވެ. ދެއްވެވުމުން ނޫނީ ހޯދައިނުގަނެވޭނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން