ދަރިން ހޭލުންތެރިކުރުވުމުގައި މިއަދު ގިނަބައަކަށްވަނީ ވަރަށް ބޮޑަށް ތަރުތީބު އޮޅިފައެވެ. އިސްކަންދޭންޖެހޭ ތަރުތީބުވެސް ވަނީ އޮޅިފައެވެ. އިސްކަންދޭންޖެހޭ ކަންކަންވެސް ވަނީ އޮޅިފައެވެ. ހިތާމައަކީ ދުނިޔަވީ ކަންކަން އޮޅުންފިލުވައިދޭން އިސްކަންދޭވަރަށް ދީނުގެ ކަންކަމަށް އިސްކަން ނުދެވޭ ކަމެވެ.
އެހެންކަމާއިއެކުވެސް އިސްކަންދޭންޖެހޭ ތަރުތީބުން އިސަކަން ދިނުމުން އެކަމުގެ ފައިދާ ވަރަށް ރަނގަޅު ގޮތުގައި ފެނެއެވެ. އިން ޝާ ﷲ
ނަމާދުކުރުމާއިބެހޭ ގޮތުން ފިލާވަޅުނަގައިދެމުން މުދައްރިސް ސުވާލުކުރެއްވިއެވެ. "ދުވާލަކު ކުރަން މިޖެހެނީ ފަރުޟު 5 ނަމާދެވެ. ނަމަވެސް މީހަކަށް ކުރެވެނީ 3 ނުވަތަ 4 ނަމާދު ނުވަތަ 5 ނަމާދަށްވުރެ މަދުންނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟"
އެވަގުތު އުމުރުން 8 އަހަރުގެ ދަރިވަރަކު ޖަވާބު ދައްކަލީ ކަރުދާހުގައި ލިޔެ ހިސާބު އަކުރުންނެވެ. އެއިގައި ލިޔެފައިވަނީ 5 އަކުން 1 ކެނޑީމާ އަންނާނީ 0 ކަމަށެވެ.
އެއީ ކީއްވެގެންތޯ މުދައްރިސް ސުވާލު ކުރެއްވުމުން ޖަވާބުގައި ނަމާދާއި ގުޅުވައިގެންނަމަ ތިއައީ މާތް ﷲ ގެ ފޯމިޔުލާ ކަމަށްބުނެ ދަރިވަރު ކުރީވެސް ސުވާލުތަކެކެވެ. " މާތް ﷲ އަންގަވާފައިވަނީ 5 ނަމާދު ކުރަން ނޫންތޯއެވެ؟ ވީމާ އެ އަދަދު ހަމަ ނުކުރެވޭނަމަ އެމީހަކީ މާތް ﷲ އެންގެވި ގޮތަށް ނަމާދު ކުރެވުނު މީހަކަށް ނުވާނެ ނޫންތޯއެވެ؟ އެހެންވީމާ މާތް ﷲ އެންގެވި ގޮތަށް އެކަން ނުކުރެވުނީމާ އޭނާއަށް ލިބޭނީ ސުމެއް ނޫންތޯއެވެ؟ މާތް ﷲ އީ އެންމެ މަތިވެރިފަރާތް ވީމާ މާތް ﷲ ގެ އަމުރުފުޅުތައް ބަދަލުނުކުރެވޭނެ ނޫންތޯއެވެ؟ އަޅުގަނޑުމެންނަށް ޖެހޭނީ މާތް ﷲ އެންގެވި ގޮތަށް ޢަމަލުކުރަން ނޫންތޯއެވެ؟"
އެކަމުގެ ހެކިވެސް ދަރިވަރު ދެއްކި އެވެ. ދަރިވަރު ބުނީ ސްކޫލުން ބޭއްވި އެތްލެޓިކްސް މުބާރާތެއްގައި އޭނާ ބައިވެރިވެ 100 މީޓަރު ދުވުމެއްގައި ވާދަކުރި ކަމަށެވެ. ރޭހުގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑުތަކުގައި ދުވިއިރު އޭނާ އޮތީ އެންމެ ކުރީގައި ކަމަށެވެ. ނަމަވެސް ފައަށް ތަދުވެގެން ރޭސް ނުނިންމުމުން ރޭސް ނިންމި ކަމުގެ ސެޓުފިކެޓް އޭނާއަށް ނުލިބުނު ކަމަށެވެ. އަދި އެއްވެސް އިނާމެއްވެސް ނުލިބުނު ކަމަށެވެ. އަދި އިނާމެއް ނުލިބުނު ސަބަބަކީ ރޭސް ފުރިހަމަ ނުކުރެވުން ކަމަށާއި ރޭސް ފުރިހަމަ ނުކުރެވުނީމާ އިނާމެއް ސެޓުފިކެޓެއް ނުލިބޭނެ ކަމަށް ބައްޕަ ބުނުއްވި ކަމަށެވެ.
ސުވާލަކީ އުމުރުން އެންމެ 8 އަހަރުގެ މި ކުޑަ ކުއްޖާގެ ހުރި ވިސްނުން އަހަރެމެން ބޮޑެތި މީހުންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ ހުރިނަމަ ނަމާދު އަޅާނެ ހެއްޔެވެ؟ ކޮންމެ ޙާލެއްގައިވެސް ފަރުޟު 5 ނަމާދު ހަމައަށް އަދާނުކުރާނެހެއްޔެވެ؟
ނިކަން ވިސްނަވައިލަ ބައްލަވާށެވެ! ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިމެދުގައިކަން އެނގެން އެބައޮތެވެ. އެކަމުން ފޭލްވެއްޖެނަމަ ދެން ކުރި ހުރިހާ ކަމަކުން ފޭލްވާނެކަންވެސް އެނގެން އެބައޮތް ނޫންތޯއެވެ!
- މިއީ ހަމަ ރާއްޖޭގެ ސްކޫލެއްގައި ހިނގާފައިވާ ކަމެއްކަމަށް މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި ކަމެކެވެ. މި ދަރިވަރަށް ފުރިހަމަ ކާމިޔާބީ މިންވަރު ކުރެއްވެވުން އެދި ދުޢާކުރަމެވެ. އަދި އެ ކުއްޖާ ތަރުބިއްޔަތުކުރަމުންދާ މައިންބަފައިން އެކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުން އެދި ދުޢާ ކުރަމެވެ.
މިކުޑަކުއްޖާ އެދެއްކި ވާހަކައިން އެނގިގެންދަނީ އެދަރިފުޅު ނަމާދުކުރުމަށް ޝައުޤުވެރިކުރުވައި އެކަމަށް އަހުލުވެރިކުރުވަން އޭނާގެ މައިންބަފައިން ކޮށްފައިވާ ބުރަ މަސައްކަތެވެ. މިފަދައިން އަޅުގަނޑުމެންނަށް މަސައްކަތްކުރެވިއްޖެނަމަ ދަރިންނަކީ ނަމާދުކުރާ ބައަކު ކަމުގައި ހެދޭނެއެވެ! އިން ޝާ ﷲ