ކުރާ ދުޢާ ޢިޖާބްކުރެއްވެވިކަން އެނގުން ލަސްވެ، ދުޢާ ކުރި ބޭނުން ފުއްދަވައިދެއްވެވުން ލަސްވަމުންދާނަމަ އަމަލުކުރަންޖެހޭ ތިމާގެ އަމިއްލަ ޗެކްލިސްޓެއް އޮވެއެވެ. ތިމާގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ނަމަވެސް އެކަންކަން ބަލައި އަމަލުކުރަނީ މަދުބައެކެވެ. އަބަދުހެން ކުރެވޭ ކަމަކީ ޝަކުވާކުރުމެވެ. ވީމާ އެފަދަ މީހުން ފުރަތަމަވެސް މިކަންކަމަށް ވިސްނައިލާށެވެ!
ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ތަޤްވާވެރިކަން އިތުރުކުރުމެވެ. ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމެވެ. ހެޔޮ އަމަލުތައް ކުރުން އިތުރުކުރުމެވެ. ޞަދަޤާތްކުރުން ވީވަރަކުން އިތުރުކުރުމާއިއެކު ރަޙިމުގެ ގުޅުން ދަމަހައްޓަން މަސައްކަތްކުރުމެވެ.
ރަޙިމުގެ ގުޅުން ދެމެހެއްޓުމުގައި ނަމަނަމަ ފަރުވާކުޑަނުކުރާށެވެ! ރަޙިމުގެ ގުޅުން ކަނޑާ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެކަން އެއީ ޔަޤީންކަމާއިއެކު އެނގެން އޮތް ކަމެކެވެ.
ނިކަން ދެކެބަލާށެވެ! ރަޙިމަށް ނަންދެއްވަވާފައި އެވަނީ އޮނަސައްތަ އިސްމުފުޅުގައި ހިމެނޭ، ﷲ ތަޢާލާގެ އެންމެ މަތިވެރިވެގެންވާ ނަންފުޅުތަކުގެ ތެރެއިންނެވެ. "އައްރަޙީމް" އިންނެވެ. އެފަދަ މަތިވެރި ދަރަޖައެއް ރަޙިމަށް ދެއްވެވުމުން އެކަމަށް ސަމާލުކަން ނުދީ ރަޙިމުގެ ގުޅުން ކަނޑައިގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި އެހީތެރިވަންތަކަން ލިބުމަށް އުންމީދުކުރަންވެދާނެ ހެއްޔެވެ؟
ޤުދުސިއްޔަ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. " ((أَنَا الرَّحْمَنُ، أَنَا َخَلَقْتُ الرَّحِمَ وشَقَقْتُ لَهَا اِسْمًا مِنْ اسْمِى فَمَنْ وَصَلَهَ وَصَلْتُها وَمَن قَطعَهَا قَطَعْتُهُ وَمَنْ بتَّها بَتَتُّه – "
މާނައީ: ތިމަން ރަސްކަލާނގެއީ ރަޙްމާނުވަންތަ ރަސްކަލާނގެއެވެ. ތިމަން ރަސްކަލާނގެ ރަޙިމު ހެއްދެވީމެވެ. އަދި ތިމަން ރަސްކަލާނގެ ނަންފުޅުތަކުން ނަމެއް އެއަށް ދެއްވީމެވެ. އެއަށް ހެޔޮކޮށް ހިތި މީހަކަށް ތިމަން ރަސްކަލާނގެ ހެޔޮކަން ވާޞިލު ކޮށްދެއްވަމުއެވެ. އެއާ ގުޅުން ކެނޑިމީހާކަށް ތިމަން ރަސްކަލާނގެ ރަޙްމަތް ކަނޑުއްވަވަމުއެވެ."
މި ޙަދީޘްފުޅުން އެނގިގެން މިދަނީ ރަޙިމުގެ ގުޅުން ދަމަހައްޓާ މީހުންނަށް ﷲ ތަޢާލާ އެކަލާނގެ ރަހްމަތް ވާޞިލުކުރައްވަވައި ދެއްވަވާނެ ކަމެވެ! ހަމައެއާއިއެކު ރަޙިމުގެ ގުޅުން ކަނޑާ މީހާއަށް ﷲ ތަޢާލާ، އެކަލާނގެ ރަޙްމަތް ކަނޑުއްވަވާނެ ކަމެވެ. ރަޙިމުގެ ގުޅުން ކަނޑަނީ އަމިއްލައަށެވެ. ވީމާ އެކުރެވޭކަމަކީ ﷲ ތަޢާލާގެ ރަޙްމަތް އަމިއްލައަށް ދޫކޮށްލެވެނީއެވެ. އަމިއްލައަށް ﷲ ތަޢާލާގެ ރަޙްމަތް ދޫކޮށްލައިގެންހުރެ ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރަނީހެއްޔެވެ؟ އެއިރުން އެކުރެވެނީ ކޮންކަމެއް ހެއްޔެވެ؟
ހުކުރު ދުވަހަކީ ހުރިހާ ދުވަސްތަކެއްގައި ތިބާކުރާ ހުރިހާ ދުޢާތަކެއް ޢިޖާބްކުރައްވަވައި ދެއްވެވުމަށް މަގުފަހިކުރަން މަސައްކަތްކުރަން އެންމެ ފަސޭހަ އެއް ދުވަހެވެ. ހަފްތާގެ އެހެން ދުވަސްތަކުގައި މަސައްކަތް ބުރަކަމުން އެކަން ނުކުރެވުނު ނަމަވެސް ހުކުރު ދުވަހަކީ ޗުއްޓީ ދުވަހަކަށްވުމުން ރަޙިމުގެ ގުޅުން ތާޒާކޮށް ބަދަހިކުރާ ދުވަހަށް ހަދާށެވެ! މައިންބަފައިންނަށާއި ޒިޔާރަތްކުރަންޖެހޭ އެންމެންނަށް ޒިޔާރަތްކޮށް ޙާލުބަލާ ދުވަހަކަށް ހަދާށެވެ. އެހީތެރިވާ ދުވަހަކަށް ހަދާށެވެ. ޒިޔާރަތް ކުރެވެން ނެތް ޙާލަތުގައި ފޯނުން ގުޅައިގެން ނަމަވެސް ޙާލުބަލައި އެމީހުންނަށް އުފާވެރިކަން ހޯދައިދޭ ދުވަހަކަށް ހަދާށެވެ!
އެކަމަކީ ތިމާކުރާ ދުޢާ ޢިޖާބަކުަރއްވަވައި ދެއްވެވުން އެދިގެންވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން