"އަހަރެން ތައުބާވާންވީ ކޮން ކަމަކަށް ހެއްޔެވެ؟ އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ!" އޮޅިގެންވެސް މިފަދަ ބަސްތައް ބުނުމަކީ މުއްމިނަކު އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އަބަދުވެސް މިތިބެވެނީ ފާފަކުރެވުންމަތީގައިކަމަށްވާތީއެވެ.
އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް (ޞޢވ) އަކީ އެއްވެސް ފާފައެއް ކުރެއްވެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނުގެ އިސްވެދިއަހައި ފާފަތަކާއި މުސްތަޤްބަލުގައި ކުރެއްވެވޭނެ ފާތައްވެސް ﷲ ތަޢާލާ ވަނީ ފުއްސަވައި ދެއްވަވައިފައެވެ. ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ﷲ ތަޢާލާގެ ޙަޟްރަތުން އޮތީ ލިބިވަޑައިގެންފައެވެ.
އެހެންކަމާއިއެކުވެސް މެދުކެނޑުމެއް ނެތި ގެންދެވީ ފާފަތައް ފުއްސަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވަމުންނެވެ. ކޮންމެ ދުވަހަކު 70-100ފަހަރު ގެންދެވީ ފާފަތައް ފުއްސަވައިދެއްވެވުން އެދިވަދައިގެން ދުޢާކުރައްވަވަމުންނެވެ، އެއީ، އެކަމަކީ އަހަރެމެން އަބަދުކުރަން ޖެހޭނެ ކަމެއްކަން ދަސްކޮށް ދެއްވެވުމަށެވެ.
ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވީ އެންމެ މުހިންމު އެއް ސަބަބަކީ ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުންމަތީގައި ހުންނަ މީހަކަށް އެމީހަކަށް ނުވެސް ވިސްނޭހައި، އެމީހާގެ ބުއްދިއަށް ޤަބޫލުވެސް ނުކުރެވޭހައި ގިނަ ގޮތްގޮތުން ރަޙްމަތުގެ ދޮރުތައް ހުޅުއްވަވައި ދެއްވަވާނެތީއެވެ. އެދޭކަންކަން ހިންމަވައި ދެއްވަވާނެތީއެވެ. ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތީއެވެ.
ކަމަކަށް ބޭނުންވެގެން އެދި ދެންނެވުމުން އެކަމެއް ފުއްދަވައި ދެއްވެވުން ލަސްވުމުގެ މާނައަކީ ދުޢާ އިޖާބަ ނުކުރެއްވެވުމެއް ނޫނެވެ. ވަރަށް ގިނަ ފަހަރު އެދޭ ކަންކަން އެދޭ އަވަސްމިނުގައި ފުއްދަވައި ނުދެއްވަވައި ލަސްކުރައްވަވައެވެ. ނަމަވެސް އެއީ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެނީ ދުޢާ ކުރުމުން ﷲ ތައާލާ އައްސަވައިވޮޑިގަންނަވައެވެ. ކިތަންމެ ގިނަ ބައަކު ކިތަންމެ ގިނައިން ދުޢާ ކުރި ނަމަވެސް އެ ހުރިހާ ދުޢާތަކެއްވެސް ﷲ ތަޢާލާ ހަމަ ވަގުތުން އައްސަވައިވޮޑިގެންވެއެވެ.
ދުޢާ އިޖާބަ ކުރެއްވެވި ނަމަވެސް ބޭނުން ފުއްދަވައި ދެއްވެވުން ލަސްކުރައްވަވަނީ އެމީހަކަށް އެންމެ ފައިދާކުރާނެ ވަގުތުގައި އެބޭނުން ފުއްދަވައި ދެއްވެވުމަށެވެ. ހިތުގައި ޔަޤީންކުރަންވީ ތިމަންނާ ކުރި ދުޢާ އިޖާބަ ނުކުރައްވަވައި ﷲ ތަޢާލާ ދޫކޮށް ނުލައްވަވާނެ ކަމެވެ. އެ ޔަޤީންކަމުގައި ހުންނަ މީހަކަށް އެއްވެސް ކަމެއްގައި މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ.
މިކަންކަން އަބަދު ހަނދާންކޮށްދޭން މިޖެހެނީ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާއިރަށް ކަންބޮޑުވެ މާޔޫސްވެ އަދި އަޅުކަންކުރަން މާޔޫސްވާ ހިސާބަށް މީހުންގެ ކަންކަންގެންދާތީއެވެ. އެއިގެ ބަދަލުގައި އަމަލުކުރަންޖެހޭނެ ގޮތަކީ ކޮންމެކަމަކާއިމެދު ކަންބޮޑުވިނަމަވެސް ހެޔޮ އަމަލުތައް ކުރުން ގިނަކޮށް ޛިކުރުކުރުން އިތުރުކުރުން ކަމުގައިވާތީއެވެ.
- މުފްތީ މެނކުގެ ދަރުސްކުން