ތިމާގެ ދަރިންނަށް މޮޅުގޮތްގޮތް ހޯދައިދޭން އެދޭމީހާ އެހެންމީހުންގެ ދަރިންނަށްވެސް އެހީތެރިވެ ހެޔޮދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ތިމާގެ ދަރިންނަށް މޮޅުގޮތްގޮތް ހޯދައިދޭން އެދޭމީހާ އެހެންމީހުންގެ ދަރިންނަށްވެސް އެހީތެރިވެ ހެޔޮދުޢާކުރާށެވެ!

ކޮންމެ މީހަކީވެސް އެމީހާގެ ދަރިންނަށް މޮޅު، ރަނގަޅު ގޮތްގޮތް މެދުވެރިވެ ކާމިޔާބީއަށް އެދޭނެ މީހެކެވެ. އެފަދަ ކަންކަން މެދުވެރިވުމަށް އޮތް އެންމެ ކާމިޔާބު އެއްމަގަކީ އެހެން މީހުންގެ ދަރިންނަށްވެސް އެފަދަ ކަންކަމަށް އެދި ހެޔޮ ދުޢާކުރުމެވެ. 

އަންނަނިވި ސަބަބުތަކަށްޓަކައެވެ.:

މުސްލިމުންގެ އީމާންކަން ފުރިހަމަވަނީ ތިމާއަށް ލިބެން އެދޭކަންކަން ތިމާގެ އަޚާއަށްވެސް ލިބުމަށް އެދުމުންނެވެ.

މީހަކަށް ނޭނގި މީހަކަށް ހެޔޮދުޢާކުރުމަކީ އެކަމެއް އެމީހަކަށް ހިންމަވައިދެއްވެވުން އެދި މަލާއި

ކަތުން ދުޢާކުރައްވަވާ ކަމެކެވެ. 

އެހެން މީހުންނަށް ހެޔޮ އެދި އެހީތެރިވުމުން އަންގައިދެނީ އެމީހާ ހަސަދަވެރިކަމުން ސަލާމަތްވެހުރިކަމެވެ. 

މި 3 ކަންތަކަކީވެސް އެކަންކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެ ކަންކަމެވެ. އެއްވެސް މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ ނަމަ އެމީހަކަށް ޙާޞިލުނުކުރެވޭނެ އެއްވެސްކަމެއް ނުއޮންނާނެއެވެ. 

ހަމަ އެއާއިއެކު އެހެން މީހުންގެ ދަރިންނަށް ލިބޭ ކާމިޔާބީއަށް ހަސަދަވެރިވުމަކީ އެކަމުގެ އަސަރު އެމީހާގެ ދަރިންނަށް ކުރާނެ ކަމެކެވެ. އެކަމުގެ ގެއްލުންވެސް ލިބުން ގާތްކަމެކެވެ. ވީމާ އެއްވެސް މީހަކު އެފަދަ ކަންކަން ނުކުރާށެވެ! މުސްލިމުން ކުރިއަރައިދާން މަސައްކަތްކުރަންވާނީ އެހެން މީހުންނަށް އޮތް ފުރުޞަތު ބަންދުކުރަމަކުންނޭނެވެ. އަޚާގެ އަތުގައިވެސް ހިފައިގެންނެވެ. އޭނާވެސް ގޮވައިގެންނެވެ. 

ވީމާ ތިމާގެ އަމިއްލަ ދަރިންނަށް ލިބެން އެދޭ ނިޢްމަތްތައް އެހެން މީހުންގެ ދަރިންނަށްވެސް ލިބުމަށް އެދޭށެވެ. އަދި ފޯރުންތެރިކަމާއި ކެރިކުޅަދާނަކަންހުރި މިންވަރަކުން އެހެން މީހުންގެ ދަރިންނަށްވެސް އެހީތެރިވެދޭށެވެ. އެކަންކަމާއިއެކުވެސް އެހެން މީހުންގެ ދަރިންނަށްޓަކައިވެސް ހެޔޮދުޢާކުރާށެވެ! އެމީހަކަށާއި އެމީހެއްގެ ދަރިންނަށް އެކަމުން މަންފާކުރާނެތެވެ. ދަރިފުޅަށް ލިބޭ ކާމިޔާބީ އިތުރުވާނެތެވެ. އިން ޝާ ﷲ

ﷲ ތަޢާލާ އެއްވެސް މީހަކަށް ނިޢްމަތްތައް މިންވަރުކުރައްވަވަނީ އަނެކާއަށް ދެއްވަވަން އޮތް މިންވަރުން އެއްވެސް މިންވަރެއް އުނިކުރައްވަވާފައެއް ނޫނެވެ. އެމީހަކަށް ދެއްވަވަން މިންވަރުކުރާވަރަކަށް، ދެއްވަވާ ނިޢްމަތެއް އެމީހަކަށް ދެއްވަވާނެތެވެ. ދުނިޔޭގެ އެންމެންނަށް ކިތަންމެ ގިނަ ނިޢްމަތްތައް މިންވަރުކުރެއްވެވި ނަމަވެސް ﷲ ތަޢާލާގެ ޚަޒާނާއިން ޛައްރެއްގެ މިންވަރުވެސް މަދުނުވާނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން