މުސްލިމެއް ނަމަވެސް ކާފިރެއް ނަމަވެސް މަލާއިކަތުން އެމީހާގެ ފުރާނަ ހިއްޕެވުމަށްފަހު އެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވަތެވެ.
ހެޔޮލަފާ މީހުންގެ ފުރާ ހިއްޕަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ. އުފާވެރި ޚަބަރުދެއްވެވުމާއިއެކުގައެވެ. ފުރާނަ ހަށިގަނޑުން ނެރުއްވަވާނީވެސް ނުހަނު އޯގާތެރިކަމާއިއެކުގައެވެ. ރަސޫލް (ޞޢވ) އެކަމުގެ މިސާލު ޙަދީޘްފުޅުކުރައްވަވާފައިވަނީ ފެންޖަގަކުން ފެން އޮއްސައިލެވޭ މިސާލުގައެވެ.
ﷲ ތަޢަލާގެ ޙަޟްރަތަށް ފުރާނަ އުފުއްލެވުމުން ވެސް އުފާވެރިކަމުގެ ޚަބަރުލިބިގެންދާނެތެވެ. އަދި ޤިޔާމަތް ދުވަހާއި ހަމައަށް ކައްވަޅުގައި އަރާމުގައި އޮތުމަށް އަނބުރައި ފޮނުއްވެވޭނެތެވެ.
ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހާގެ ފުރާނަ ﷲ ތަޢަލާއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި އުފުލުމަށެވެ. ވީމާ ކޮންމެ ރެއަކުވެސް ނިދިމުގެ ކުރިން ނިދީގައި މަރުވެދާނެކަމަށްޓަކައި ވެސް ނިދުމަށް ތައްޔާރުވާންޖެހޭނެއެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ދުވަހު ކުރަންޖެހޭ ފަރުޟުނަމާދުތައް ކުރެވިފައިވާކަން ކަށަވަރުކުރަންވާނެއެވެ. އެއަށްފަހު ރޭގަނޑު ނިދުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރަންވާނެއެވެ. ވިތުރިކޮށް ބަޤަރާ ސޫރަތުން 10 އާޔަތްކިޔަވައި ޚާއްޞަކޮށް ފަހު 2 އާޔަތާއި އާޔަތުލްކުރުސި ކިޔަވަންވާނެއެވެ. ޛިކުރުތައް ކިޔަންވާނެއެވެ. އެއަށްފަހު ވުޟޫކުރަންވާނެއެވެ.
އެގޮތުގައި ނިދާފައި އޮއްވައި އެމީހަކު މަރުވެއްޖެ ނަމަ އެމަރުވެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކޮށްގެން އޮއްވައެވެ. ކޔަމަންތެރިކަންމަތީގައެވެ! އެއިރުން އެމީހާގެ ފުރާނަ ﷲ ތަޢަލާގެ ޙަޟްރަތަށް އުފުއްލޭހުށީ ކިޔަމަންތެރި އަލެއްގެ ގޮތުގައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން