ޙައްލުކުރަން ބޭނުންވާ ކޮންމެ ކަމެއްގެ ޙައްލު ޤުރްއާނުން ހޯދޭނެ! ވިސްނައިގެން ކިޔަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ޙައްލުކުރަން ބޭނުންވާ ކޮންމެ ކަމެއްގެ ޙައްލު ޤުރްއާނުން ހޯދޭނެ! ވިސްނައިގެން ކިޔަވާ!

މާކުރީ ޒަމާނުގައި ހިނގާފައިވާ އެތައް ބައިވަރު ހާދިސާތަކެއްގެ ވާހަކަ ވަނީ ކީރިތި ޤުރްއާނުގައި ވަހީކުރައްވަވައިފައެވެ. އެ ސަބަބާއިމެދު ވިސްނައިލަމާހެއްޔެވެ؟ 

ރަސޫލް (ޞޢވ) އަށް މުޞީބާތެއް ކުރިމަތިވެވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަމަކުން ވަގުތުން ރަސޫލް (ޞޢވ) ސަލާމަތްކޮށްދެއްވެވީއެއް ނޫނެވެ. ކުރީގެ ރަސޫލް ބޭކަލުންނަށް ކުރިމަތިވެވަޑައިގެންނެވި ކަންކަމުގެ ވާހަކަތައް ބަޔާންކޮށް ދެއްވަވައި ފިލާވަޅުތައް ދެއްވެވީއެވެ. އެބޭކަލުން މާދަތިޙާލުކޮޅުގައި އުޅުއްވެވިކަންވެސް ބަޔާންކުރެއްވެވީއެވެ. 

ނޫޙޫގެފާނުގެ ވާހަކަފުޅަށް ވިސްނައިލާށެވެ! 950 އަހަރު ދީނަށް ގޮވާލެއްވެވުމުން އިސްލާމްވީ 11 މީހުްނާއި 80 މީހުންނާި ދެމެދުގެ ޢަދަދަކަށެވެ. އެންމެފަހުން ﷲ ތާޢަލާ ނޫޙުގެފާނާއި އެކަލޭގެފާނަށް ތަބަޢަވީ މީހުން ސަލާމަތްކުރެއްވެވީއެވެ. 

އެނގިގެން މިދިއައީ ދީނަށް ގޮވައިލުމުން ގޮވައިލި މީހާގެ މަސްއޫލިއްޔަތު އަދާކުރެވުނީކަމެވެ. ޤަބޫލުނުކުރުމުން އެމީހުންނަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެ ކަމެވެ. މިއީ ރަސޫލް (ޞޢވ) ކިހައި ބޮޑު ހިތްވަރުފުޅެއް ލިބިވަދައިގަންނަވާނެ ކަމެއްހެއްޔެވެ؟ 

އިސްލާމީ އުންމަތަށް ލިބުނު ހުރިހާ ކުރިއެރުންތަކެއްގެ މައިގަނޑު ސަބަބަކީ ކީރިތި ޤުރްއާނުގައިވާ އެ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމެވެ. 

ރަސޫލް (ޞޢވ) އާއި ޞަހާބީންގެ އަތްޕުޅުގައި ފަރިއްކުޅުއްވަވާނެ އެއްޗެއް ނެތި، ހައިހޫނުކަން ބޮޑުވެ ކެތް ނުކުރެއްވެވޭވަރުވުމުން ބަނޑުފުޅުގައި ހިލަ ބަންނަވައިގެން ތިއްބެވިއިރުވެސް، ﷲ ތަޢާލާއަށް އެއްވެސް ޝަކުވާއެއް ނުކުރައްވަވައި ތިއްބެވީ ވެސް ހަމަ ކީރިތި ޤުރްއާނުގައިވާ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރައްވަވައިގެންނެވެ. 

މޫސާގެފާނުގެ އުންމަތުގެ މީހުންނަށް އުޑުން ރިޒްޤް ފޮނުއްވެވުމުން ދެން އެދުނީ އެއަށްވުރެ މީރު އެއްޗަކަށެވެ. ވީމާ އެނގިގެން މިދިއައީ އިންސާނުންގެ ހިތް ނުފުރޭނެކަމެވެ. 

ވީމާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ކުރަން އޮތް އެންމެ މުހިންމު ވަސިއްޔަތަކީ ވީހައި ގިނައިން ކީރިތި ޤްރްއާން ކިޔަވައި މާނަ އުނގެނުމެވެ. އެއިން ލިބޭ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރުމަށެވެ. އެއިރުން ހުރިހާ ކަންބޮޑުވުންތަކެއްވެސް ފިލައިގެންދާނެއެވެ! 

ކީރިތި ޤްރްއާން އަހަރެމެން ކިޔަވަމުއެވެ. ނަމަވެސް އެއިން ލިބޭ ޢިބްރަތްތަކާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ކީރިތި ޤްރައާނަށް ބަލައިފިނަމަ އެނގިގެންދާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ލިބިގެންދާ ވަރަށް ގިނަ ފިލާވަޅުތައްވެސް އެބަހުއްޓެވެ.  ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނާއި ނުބައިކޮށް ދުނިޔޭގައި އުޅުނު މީހުންގެ ވާހަކަތައް ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. 

މިސާލަކަށް އަނިޔާވެރި ބައްޕައަކާއި ޙައްޤުމަގުގައި ހުންނެވި ދަރިކަލެއްގެ ވާހަކަ އިބްރާހީމްގެފާނާއި ބެހޭ ވާހަކަތަކުން އެނގިގެންދާނެއެވެ. އަނިޔާވެރި ވެރިއަކާއި ހަޢްޤުމަގުގައި ހުންނެވި ބޭކަލެއްގެ ވާހަކަ މޫސާގެފާނާއި ފިރުޢައުނުގެ ވާހަކަތަކުން އެނގިގެންދާނެއެވެ. ބޭބެއިންގެ އަނިޔާވެރިކަމާއި ކޮއްކޮއެއްގެ ހިތްހެޔޮކަމާއި ދީލަތިކަމާއި މަޢާފްކުރުމުގެ ވާހަކަ ޔޫސުފްގެފާނުގެ ވާހަތަކުން އެނގިގެންދާނެއެވެ. 

ހަމައެއާއިއެކު ދުނިޔޭގައި އަނިޔާ ލިބެނީ ހަމައެކަނި ކުށްވެރިންނަށް ނޫން ކަމާއި އަދަބު ލިބުމުގައި އިމްތިޙާން ކުރެއްވެވުން ހިމެނޭކަންވެސް ޔޫސުފްގެފާނުގެ ވާހަކައިން އެނގިގެންދާނެއެވެ. އަނިޔާވެރި ވެރިއެއްގެ ސަބަބުން އަނިޔާ ލިބުނު ނަމަވެސް އަދި ޖައްބާރު ފިރިއެއްގެ ސަބަބުން އަނިޔާ ލިބުނު ނަމަވެސް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވުމުން ދެއްވަވާ ނިޢްމަތުގެ ވާހަކަތައް ފިރިއައުނުގެ އަނބި އާސިޔާގެ ވާހަކައިން އެނގިގެންދާނެއެވެ. މުޞީބާތްތަކަށް ކެތް ކުރުމުގެ މަތިވެރިކަން ފަދަ އެތައް ފިލާވަޅުތަކެއް މޫސާގެފާނުގެ ވާހަކަތަކުން ލިބިގެންދާނެއެވެ. 

މިފަދަ އަގުހުރި އެތައް ފިލާވަޅުތަކެއް ކީރިތި ޤްރްއާނުގައި ހިމެނިގެންވެއެވެ. ނަމަވެސް މިއަދު މައްސަލައަކަށް ވެގެން މިއުޅެނީ ކީރިތި ޤްރްއާން ކިޔަވައި އެއިގެ މާނަ ހިތަށް ގެނެވޭވަރު ކުޑަވުމެވެ. ނުވަތަ އެކަމަށް ސަމާލުކަން ނުދެވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން