الغَفُورُ
(ފާފަ ފުއްސަވާ ރަސްކަލާނގެ)
الغفورގެ މާނައަކީ: ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެއީ އެކަލާނގެ އަޅަކަށް ފާފައެއް ކުރެވޭހިނދު ފާފަ ފުއްސެވުމަށް އެދި ދެންނެވުމުން ފާފަ ފުއްސަވާ ދެއްވާ ކަލާނގެއެވެ. އެއީ ޤިޔާމަތް ދުވަހު ހިސާބު ބެލެވޭ ހިނދު އެކަލާނގެ އަޅާ ބޭޒާރު ނުކުރައްވާ ރަސްކަލާނގެއެވެ.
الغفور ގެ މާނައަކީ: އެކަލާނގެއީ އެކަލާނގެ އަޅުން ނާއުއްމީދު ނުކުރައްވާ އެމީހުންގެ ފާފަތައް ފުއްސަވާ ދެއްވާ އޯގާވެރި ރަސްކަލާނގެއެވެ.
މާތްﷲ ވަޙީކުރައްވަނީ ((قُلْ يَاعِبَادِىَ الَّذِينَ أسْرَفُوا عَلَى أَنْفُسِهِم لاَتَقْنَطُو مِنْ رَحْمَةِ اللهِ إِنَّ اللَّهَ يَغْفِرُالذُّنُوبَ جَمِيْعًا إِنَّهُ هُوَ الْغَفُورٌ الرَّحِيم)) –الزمر: 53- ’’ފާފަ ކުރުމުގައި ޙައްދުފަހަނަޅާ ގޮސްފައިވާ ތިމަން ރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ﷲގެ ރަޙްމަތާ އުއްމީދު ކަނޑާ ނުލާށެވެ. ހަމަކަށަވަރުން ﷲ ހުރިހާ ފާފަތަކެއް ފުއްސަވާ ދެއްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާދެއްވާ އޯގާވެރި ރަސްކަލާނގެއެވެ.“
ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކުގައި އެކަލާނގެ ސިފަކުރައްވަނީ އެއީ غفور رحيم (އޯގާވެރި ކަމާއެކު ފާފަފުއްސަވާ ރަސްކަލާގެ) އެވެ. غفورحليم (ކޯފާ މަޑުކަމާއެކު ފާފަފުއްސަވާ ރަސްކަލާނގެ) އެވެ. عزيز غفور (ފާފަ ފުއްސަވާ އަރަހުށި ރަސްކަލާނގެ) އެވެ. މި ސިފަފުޅުތަކުން އަޅުގަނޑުމެންނަށް ގޮވައިލައްވަނީ އަޅުގަނޑުމެންވެސް އެފަދަ ސިފަތަކުން ގަހަނާ އެޅިގެންވާ ބަޔަކަށް ވުމަށެވެ. މިއިސްމުފުޅު ޤުރްއާނުގައި 11 ފަހަރު ވާރިދުވެފައި ވެއެވެ.
މިއިސްފުޅުން އާދަކޮށް ޛިކުރުކުރާ މީހާއަށް ﷲގެ ރަޙްމަތް ލައްވާނެއެވެ. އަދި އޭނާގެ ފާފަތައް ފުއްސަވާދެއްވާ، އޭނާގެ ގައިގައި ކުށަށް މަޢާފުކުރުމުގެ ސިފަ ލައްވާނެއެވެ.
މަރުވަން ދަތިވެގެން އުޅޭ މީހަކަށް سيد الاستغفار ތަށްޓެއްގައި ލިޔެ ބޯންދީފިނަމަ އޭނާއަށް މަރުވުން ލުއިފަސޭހަކޮށް ދެއްވާނެއެވެ. سيد الاستغفار އަކީ ((اللَّهُمَّ أَنْتَ رَبِّى لاَإِلَهَ إِلاَّأَنْتَ خَلَقْتَنِى وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَااسْتَطَعْتُ أَعُوْذُبِكَ مِنْ شَرِّمَاصَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوْءُ بِذَنْبِى فَاغْفِرْلِى فَإِنَّهُ لاَيَغْفِرُ الذُّنُوْبَ إِلاَّأَنْتَ))
(މިއީ 1992ވަނަ އަހަރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު މި ފޮތުން އުސްތާޛްގެ އިޛުނައާއިއެކު ނަގާފައިވާ ބައިތަކެކެވެ. ދެންހުރި ބައިތަށް ގެނެސްދޭންވެސް މަސައްކަތްކުރާނަމެވެ. އޮނަސައްތަ އިސްމްފުޅު މާނައާއިއެކު އެނގުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.)