ޙަޤީޤީ ޙާދިސާ: ސާދަ އަހަރުގަ ފިރިހެން ކުއްޖަކު ދޮނެއް ނެގުމުން ފާފައަށް ބިރުން ނަމާދުގަ ރޮވުނު ކުއްޖަކަށް ސުވަރުގެ ޔަޤީންކުރެވޭ 2 ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ޙަޤީޤީ ޙާދިސާ: ސާދަ އަހަރުގަ ފިރިހެން ކުއްޖަކު ދޮނެއް ނެގުމުން ފާފައަށް ބިރުން ނަމާދުގަ ރޮވުނު ކުއްޖަކަށް ސުވަރުގެ ޔަޤީންކުރެވޭ 2 ސަބަބު!

އެއިރު އަޅުގަނޑުގެ ޢުމުރަކީ ސާދަވަރަކަށް އަހަރެވެ. އެއީ ވަރަށް އަނދިރި ރެއެކެވެ. ގެއާއި ވަރަށް ކައިރިވެފައި ހުއްޓާ އެކުވެރި ޒުވާނަކު ކުއްލިއަކަށް ނުކުމެ އަހަރެންގެ ގައިގައި ބެއްދިއެވެ. އެ ޒުވާނާއަކީ އެކުވެރިއެއް ނަމަވެސް ލޯބީގެ އެއްވެސް ގުޅުމެއް އޮތް ޒުވާނެއްވެސް ނޫނެވެ. އެއިރު ލޯބިވުމަކީ ކޮބައިކަމެއް ނުވެއެނގެއެވެ. 

ކޮންމެ އަކަސް އެޒުވާނާ އަހަރެންގެ ގައިގައި ބެއްދުމަށްފަހު ކަރުދަށަށް 2، 3 ފަހަރު ދޮނެއް ދިނެވެ. ކުއްލިއަކަށް އިޙްޞާޞް ކުރެވެން ފެށީ ބޮޑު ފާފައެއް ކުރެވުނީ ކަމަށެވެ. އެހެންވެ ތިއަ ކުރަނީ ބޮޑު ފާފައެއް ކަމަށް ބުނެ ގަދަކަމުން އެކަމުން ސަލާމަތްވީމެވެ. 

ގެއަށް ދެވުނީވެސް ބިރުން ރޮމުންނެވެ. ނަމަވެސް މަންމަމެންނަށް އެކަން ނުއަންގަންވެގެން ގެއަށްވަނީ މޫނުފޮހެލައިގެންނެވެ. 

މައިންބަފައިންނަކީ ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފިރިންނެވެ. ވަރަށް ތަޤްވާވެރި ދެމަފިރިންނެވެ. ބަރާބަރަށް ނަމާދުކުރާ ދެމަފިރިންނެވެ. އަހަރެމެން ލައްވައި ކުޑައިރުންސުރެ ވެސް ނަމާދުކުރުވާތީ އަހަރެންވެސް ނަމާދުކުރަމެވެ. އެތައް ދުވަހެއް ވަންދެން ނަމާދަށް ހުންނައިރުވެސް ކުރެވުނު ފާފަ ހިތަށް އަރައި ބިރުވެތިވެ ރޮއި ކަރުނައެޅުނެވެ. 

އެއިރު އެގޮތަށް ކަންތައް ކުރެވުނީ ދީނީ ގޮތުން މާބޮޑު ހޭލުންތެރިކަމެއް ހުރެގެނެއް ނޫނެވެ. އެކަމުން ކުރާނެ ފައިދާ އެނގިގެނެއްވެސް ނޫނެވެ! ހިތަށް ހަމަ ބިރުވެރިކަންވަންނާތީއެވެ. 

މިހާރު އަހަރެންގެ އުމުރު މިވަނީ 50 އަހަރާއި ގާތްވެފައެވެ. ދިރިއުޅެމުން މިދަނީ ހަމަ އަލަތު ކައިވެނީގައެވެ. މިއަދުވެސް ކިތަންމެ ބައިވަރު ޚަތިމެއްގައި އަތްލައިވެސް ހުވާކޮށްފާނަމެވެ. އަހަރެންގެ ފިރިމީހާ ނޫނީ އަހަރެން ފޮރުވަންޖެހޭ ގުނަވަން ފެނުނު އެއްވެސް ފިރިހެނަކު ނުހުންނާނެ ކަމަށެވެ. އަހަރެންގެ ގުނަވަނުގެ އެއްވެސް ބޭނުމެއް ކުރެވުނު ފިރިހެނަކު ފިރިމީހާ ފިޔަވައި ނުހުންނާނެ ކަމަށެވެ. 

އަޅުގަނޑު ނިޞްބަތްވަނީ ހަމަ މާލެފަދަ ދިރިއުޅުން މިޒަމާނުގެ ގޮތުން ނަމަ ތަހުޒީބު، ބޮޑު އާބާދީއެއް އޮތް ރަށަކަށެވެ. ފިރިމީހާ މާލޭގައި މަސައްކަތްކުރާތީ ލޮލަށް ފެންނަނީވެސް (ކޮވިޑްގެ ކުރިން) އަހަރަކު 3،4 ފަހަރު ވަރަށް މަދު ދުވަސްކޮޅަކަށެވެ. ދިރިއުޅެމުން މިދަނީ ބޮޑު ގެއެއްގައި ދަރިންނާއިއެކު އެކަނި ކަމަށް ބުނުމަކީ ދޮގޮތަކަށް ނުވާނެއެވެ. 

ވީމާ މިހާރުގެ ގިނަ އަންހެނުން އެއުޅޭ "މިނިވަން ތަހުޒީބު" އުޅުން އުޅުމަށް އެއްވެސް ދުނިޔަވީ ހުރަހެއް ނެތެވެ. އޮތް ހަމައެކަނި ހުރަހަކީ މަރުވާނެކަން ހިތަށްއަރާކަމާއި ޢާޚިރަތް ދުވަހަށް ބިރުވެތިވާ ކަމެވެ. ﷲ ތަޢާލާ ދެއްވަވާނެ ގަދަފަދަ ޢަޛާބަށް ބިރުވެތިވެވޭކަމެވެ. 

އަޅުގަނޑުގެ ދިރިއުޅުން މިހިސާބަށް އައިއިރުވެސް އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް އޮތީ ފުރިހަމަނުވެއެވެ. މާތް ﷲ ވާގިފުޅާއިއެކު އެކަންވެސް ވަރަށް އަވަހަށް ފުރިހަމަވާނެ ކަމުގެ ޔަޤީންކަން މިހާރު ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. 

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަށް އެކަން ކާމިޔާބުވުމުގެ ސަބަބަކީވެސް ހަމަ އަޅުގަނޑުގެ ހިތުގައި މާތް ﷲ އަށް އޮތް ބިރުވެތިކަމެވެ. ފާފައެއް ކުރެވުމުން ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަ އެޅުމުން ޤިޔާމަތް ދުވަހު ދެއްވަވާނެ މަތިވެރިކަން އަޅުގަނޑަށް އެނގުނީ ހަމަ އިއްޔެ އެވެ. އަދި އެެފަދަ މީހަކަށް ދުނިޔޭގައިވެސް މާތް ﷲ ހެޔޮ ރަޙްމަތް ލައްވަވާނެކަން ވިސްނުނީވެސް ހަމަ އިއްޔެވެއެވެ. އެކަންކަން ވިސްނުމުން އެހައި ހަގު ޢުމުރުގައިވެސް އެކަން ކުރެވިފައިވީތީ މިއަދު ވަރަށް ބޮޑަށް އުފާކުރަމެވެ. 

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ލެއްވެވި އެންމެ ބޮޑު ރަޙްމަތަކީ ޢިއްފަތްތެރިކަމުގައި ސާބިތުވެވުމާއި ކުޑައިރުންސުރެ ނަމާދުކުރުންމަތީގައި މިއަދާއި ހަމައަށް ދެމިހުރެވުމެވެ. އަޅުގަނޑަށް ޢިއްފަތްތެރިކަމުގައި ސާބިތުވެވިފައި މިވަނީ އެދުވަހު އަޅުގނޑަށް އެކަމުގެ މުހިންމުކަން ނުއެނގި ނަމަވެސް ފާފައެއް ކުރެވުމުން ﷲ ތަޢާލާއަށް ބިރުވެތިވެ އެޅުނު ކަރުނައިގެ ސަބަބުންނެވެ. ނަމާދުކުރުމުގައި ސާބިތުވެ މިހުރެވުނީވެސް ހަމައެކަމުގެ ސަބަބުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅުން އެއްވެސް ފައިދާއެއް ކޮށްފިނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލުކުރެވުނީއެވެ. ޚާއްޞަކޮށް ހުރިހާ ޢުމުރެއްގައިވެސް މާތް ﷲ އަށް ބިރުވެތިވުމުގެއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

ކިޔުންތެރިޔާއަށް ސުވަރުގެ ލިބުނުކަން ޔަޤީންކުރެވިއްޖެ ކަމަށް ސުރުޚީގައި ލިޔުނީ 2 ސަބަބެއް އޮތުމުންނެވެ. ފުރަތަމަ ކަމަކީ އެކަނި ހުރެ ﷲ އަށް ބިރުވެތިވެ ލޮލުން ކަރުނައަޅައިފި ލޮލެއް ނަރަކައަށް ނުވައްދަވާނެ ކަމަށް ޙަދީޘްގައި އޮތުމެވެ. ދެވަނަ ކަމަކީ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމަކީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ ސަބަބެއްކަން ޙަދީޘުން އެނގެން އޮތުމުންނެވެ. ސުވަރުގެ ވައްދަވާނެ މީހުން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

މިއަދު އޮންލައިން