ޒަވާޖީ ޙަޔާތަށް ސަމާލުވޭ! ދެއްވެވި ނިޢްމަތަށް ޖަވާބުދާރީ ވެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ޒަވާޖީ ޙަޔާތަށް ސަމާލުވޭ! ދެއްވެވި ނިޢްމަތަށް ޖަވާބުދާރީ ވެވޭނެތަ؟

ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކުގެ ވާހަކަ ދެކެވޭއިރަށް ގިނަ ބައެއްގެ ހިތަށް އަންނާނީ ތަނަވަސްކަމެވެ. ފައިސާ ޢާއި ދިރިއުޅޭނެ ބޮޑުގެއެވެ. ދެއްވާނެ އަގުބޮޑުކާރާއި ލާނެ އަގުބޮޑު ހެދުމާއި ޖަހާނެ އަގުބޮޑު ސެންޓެވެ. ނަމަވެސް މިހުރިހާ ނިޢުމަތްތަކަށްވުރެ މާބޮޑު ނިޢްމަތެއްވެއެވެ. މިރޭ މިދައްކަނީ މިހުރިހާ ކަމަކަށްވުރެ މާބޮޑަށް ސަމާލުކަންދޭންޖެހޭ، މާބޮޑު ނިޢްމަތެއްގެ ވާހަކައެވެ. 

ހަނދާންކުރާށެވެ! ﷲ ތަޢާލާ އިންސާނުންނަށް ދެއްވަވާ ނިޢްމަތްތަކުގެ ތެރެއިން އެންމެ މުހިންމު، އެންމެ ބޮޑު އެއް ނިޢްމަތަކީ އުފާވެރި ޒަވާޖީ ޙަޔާތެކެވެ. ހެޔޮލަފާ ބައިވެރިއަކު ދެއްވެވުމެވެ. ޚާއްޞަކޮށް ތިމާ ގޮވައިގެން ސުވަރުގެ ދާނެ ބައިވެރިއަކު ދެއްވެވުމެވެ. 

ހިތާމައަކީ ގިނަ ބައަކަށް އެކަން ޤަބޫލުނުކުރެވޭ ކަމެވެ. ދުނިޔެއާއި މެދު ޝައުޤުވެރިވެވި ދުނިޔޭގެ ދަޅަތަކަށް ހެއްލެވިގެންދާކަމެވެ. ކތަންމެ ރަނގަޅު ބައިވެރިއަކު ދެއްވަވާފައިވީނަމަވެސް ޝައިޠޯނާގެ ދަޅަތަކަށް ހެއްލެވި ބައިވެރިޔާ ދޫކޮށްލެވޭކަމެވެ. ބައިވެރިޔާ އާއި ވަކިވެޭ ކަމެވެ. 

ހެޔޮލަފާ ތަޤްވާވެރި ބައިވެރިއަކީ ތަނަވަސްކަމަށްވުރެ މާބޮޑު ބައިވެރިއެއް ކަމަށް މިބުނަނީ ދެމަފިރިންގެ ހުރިހާ ކަމެއް ޒަވާޖީ ޙަޔާތާއި ގުޅިފައިވާތީއެވެ. އުފާވެރިކަމާއި ތަޤްވާވެރިކަން އަދި ތަނަވަސްކަން ލިބުމުގެ އެންމެ ބޮޑު ވަސީލަތަކީ ނުވަތަ އެކަންކަން ލިބުމަށް އޮތް އެންމެ ފުރިހަމަ މަގަކީ ޒަވާޖީ ޙަޔާތްކަމުގައިވާތީއެވެ. 

ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިވެސް ސުވާލުތަކެއް ކުރައްވަވާނެއެވެ. މަސްއޫލިއްޔަތެއް ޙަވާލު ކުރެއްވެވި ހަމަ ކޮންމެ މީހަކާއިވެސް އެމީހަކާއި ހަވާލުކުރެއްވެވި މަސްއޫލިއްޔަތު އަދާކުރި ގޮތަކާއިމެދު ސުވާލު ކުރައްވަވާނެއެވެ. އެއިގެ ތެރޭގައި ރަސޫލްބޭކަލުންވެސް ހިމެނިވަޑައިގަންނަވައެވެ. 

ކޮންމެ މީހަކާއި ވަކިވަކިން ކުރައްވަވާ ސުވާލުތައް ކުރައްވަވައި ނިމެންދެން މަލާއިކަތް ބޭކަލުން މީހުން ހިފަހައްޓަވާނެތެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ. ޤިޔާމަތް ދުވަހު ކުރައްވަވާނެ ބައެއް ސުވާލުތައް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެއީ މީސްތަކުން އެކަންކަމާއިމެދު ވިސްނައި ފިކުރުކުރުމަށެވެ. އަމަލުތައް އިޞްލާޙްކުރުމަށް އެހީތެރިވެދެއްވުމުގެ ގޮތުންނެވެ. 

އެމީހަކަށް ދެއްވެވި ނިޢްމަތްތައް ބޭނުން ކުރި ގޮތަކާއިމެދު ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލު ކުރައްވަވާނެތެވެ. މިއީ އާދައިގެ މައްސަލައެއް ނޫނެވެ. ޢިލްމުވެރިން ބަޔާން ކުރައްވަވާގޮތުގައި މީހަކަށް ދެއްވެވި ބޯފެންފޮދާއި ކަދުރު އޮށްކޮޅާއި އަދި މިނޫންވެސް މިފަދަ ތަކެއްޗާއިމެދު ވެސް ސުވާލު ކުރައްވަވާނެތެވެ. އެހެންކަމަށްވާއިރު މިހާރު ދުނިޔޭގައި މިއުޅޭ މުއްސަނދި ފުދުންތެރިންނަށް ކުރިމަތިކުރައްވަވާނެ ސުވާލުތަކާއިމެދު ނިކަން ވިސްނައިލަބަލާށެވެ. 

ސްވިޗަކަށް ޖައްސައިލުމުން އެބަ ކާބޯތަކެތި ލިބެއެވެ. މޯބައިލް ފޯނުން ނުކުރެވޭ ހަމަ އެއްކަމެއް ނެތް ކަމަށްވެސް ބުނެވިދާނެއެވެ. 

އިސްލާމް ދީން ފެތުރުއްވެވުމަށްޓަކައި ކުރީ ޒަމާނުގައި ޢިލްމުވެރިން ދަތުރުފުޅު ކުރެއްވެވީ ސަވާރީތަކުގައެވެ. ދަތުރުފުޅުތައް ކުރެއްވެވީ ނުހަނު ބޮޑެތި ތަކްލީފްތައް އުފުއްލަވަމުންނެވެ. ދަތުރުފުޅުގައި އެތައް އަހަރެއް ހޭދަކުރެއްވެވިއެވެ. ނަމަވެސް މިއަދު އިސްލާމް ދީން ފަތުރަން މަސައްކަތްކުރުމަކީ ގޭގެ އެއާކޮންޑިޝަންކުރި ސިޓިންގ ރޫމްގެ ސޯފާގައި އިނދެގެން ކުރެވެން އޮތް ކަމެކެވެ. އެއްފަހަރާ ދުނިޔޭގެ ހުރިހާ ޤައުމުތަކުގައި އެ މަސައްކަތް ކުރުމުގެ ޤާބިލުކަން މިއަދުގެ ޓެކްނޮލޮޖީ މިވަނީ ގެނެސްދީފައެވެ. 

ހަމަ އެއާއިއެކު ކުރީ ޒަމާނުގައި ޢިލްމު ހޯދުމަކީ އެހައި ދަތި އުނދަގޫ ކަމެކެވެ. ފޮތުގައި ޢިލްމް ލިޔެވެން ފެށީވެސް ދާދިފަހުންނެވެ. ނަމަވެސް އެމީހަކު ބޭނުން ކޮންމެ މައުލޫމާތެއް މިއަދު ވަނީ އިނގިލިކުރީގައެވެ. ކީރިތި ޤްރްއާނުގެ ތަފްސީރާއި ޙަދީޘްފުޅުތަކުގެ ސަރަހަވެސްމެއެވެ. ބޭނުން ބޭކަލެއްގެ ސިޔަރަތުވެސްމެއެވެ. 

ﷲ ތަޢާލާ ދެއްވެވި މިފަދަ މަތިވެރި ނިޢްމަތްތަކުގެ ބޭނުން ހިފަމުން ގެންދާ ގޮތާއިމެދު އަބަދުވެސް މިގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ހިފަމުން ތިއަ ގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވެވޭ ގޮތަށް ހެއްޔެވެ؟ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހިފަނީ ސަލާމަތްވެވޭނެ ގޮތަށް ހެއްޔެވެ؟ ރިޒްޤްގެ ބޭނުން ހިފަނީ އެންގެވި ގޮތަށް ހެއްޔެވެ؟ އިސްލާމް ދީނުގެ ޞައްޙަ މައުލޫމާތު ހޯދައި އަމަލުކުރަން އަދި އިސްލާމް ދީން ފަތުރަން އެއްވެސް މަސައްކަތެއް އެބަ ކުރަން ހެއްޔެވެ؟ 

ޔަޤީން ކަމަކީ ޖަވާބުދާރީވާން ޖެހޭނެ ކަމެވެ. ސަލާމަތްކަން ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން