الشَّكُوْرُ
(ޝުކުރު ދެމިވޮޑިގެންވާ ރަސްކަލާނގެ)
الشكور ގެ މާނައަކީ: އެފަރާތެއްގެ ޝުކުރު ދާއިމަށް ދެމިގެންވާ ފަރާތެވެ. އެކަލާނގެއީ ޝުކުރު ދެމިވޮޑިގެންވާ، ނިޢުމަތްތައް ޢާއްމުވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އަޅުން ކުރާ ކުދިކުދި ހެޔޮކަންތައްތަކަށް ގިނަގުނަ ޘަވާބާއި، ދާއިމީ ނިޢުމަތް ދެއްވައެވެ. އެކަލާނގެ އަޅުން ޠާޢަތުގައި ދެމި ތިބޭތޯއެވެ.
މާތް ﷲ ގެ އަޅުން އެކަލާނގެއަށް ކުރާ ޝުކުރަކީ އެކަލާނގެއަށް ޙަމްދާއި ތާރީފު ދެންނެވުމެވެ.
ކީރިތި ޤުރްއާނުގައި މިއިސްމުފުޅާ حليم އާ ގުޅިގެން ނުވަތަ غفور އާ ގުޅިގެން އައިސްފައި ވެއެވެ. މިއިން އެނގެނީ އެބައިމީހުންގެ އެރުދެންތަކަށް ޖަޒާ ދެއްވުމުގައި އެކަލާނގެ އަވަސްވެ ވޮޑިނުގަންނަވާ ކަމެވެ. މާތްﷲ އަޅުގަނޑުމެންނަށް އަންގަވަނީ އެކަލާނގެ ނިޢުމަތްތަކަށް ޝުކުރު ދެންނެވުމަށެވެ. އެކަލާނގެއަށް ޝުކުރުކުރާނަމަ އެނިޢުމަތްތައް އިތުރު ކޮށްދެއްވާނެކަން އަންގަވައެވެ.
މާތްﷲއަށް ޝުކުރު ދަންނަވާ އަޅުންނަށް އެކަލާނގެ ތާރީފުގެ ބަސް ވަޙީކުރައްވާފައި ވެއެވެ. މިގޮތުން ބަލާއިރު އިބްރާހީމްގެފާނާއި، ނޫޙުގެފާނަކީ ޝުކުރުވެރި ދެބޭކަލުންކަން ޤުރްއާނުގައި ފާހަގަ ކުރައްވާފައިވެއެވެ.
މާތްﷲއަށް ޝުކުރު ދަންނަވާއިރު އެންމެ ފުރަތަމަ ފަށަންޖެހޭނީ ޙަމްދުންނެވެ. ﷲގެ ނިޢުމަތްތައް ދަމަހައްޓަން އެދޭމީހާގެ މައްޗަށް އޮތީ ޝުކުރުގެ އާޔަތް ކިޔެވުމެވެ. މަދުވެގެން ދުވާލަކު 1 ފަހަރު އެވެ. އެއާޔަތަކީ ((رَبِّ أوْزِعْنِى أَنْ أَشْكُرَ نِعْمَتِكَ الَّتِّى أَنْعَمْتُ عَلَىَّ وَعَلَى وَالِدَىَّ وَأَنْ أَعْمَل صَالِحًا تَرْضَاهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ الصَّالِحِين)) – النمل: 19-
މި އިސްމުފުޅުން ދުޢާ ދަންނަވާ މީހުންނަށް މާތްﷲއަށް ޝުކުރު ކުރުމުގެ ނިޢުމަތް ލައްވާނެކަމަށް ބުނެވެއެވެ.
(މިއީ 1992ވަނަ އަހަރު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމުފުޅު މި ފޮތުން އުސްތާޛްގެ އިޛުނައާއިއެކު ނަގާފައިވާ ބައިތަކެކެވެ. ދެންހުރި ބައިތަށް ގެނެސްދޭންވެސް މަސައްކަތްކުރާނަމެވެ. އޮނަސައްތަ އިސްމްފުޅު މާނައާއިއެކު އެނގުމަކީ ކޮންމެ މުސްލިމަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.)