ރާއްޖޭގައި ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް އިސްލާމް ދީނަށް ގޮންޖެހުން އިތުރުވަމުންދާއިއރު އެކަމަށް ރައްޔިތުން ސަމާލުކަން އިތުރުކުރުމަށާއި ރާއްޖޭގަ އިސްލާމް ދީނަށް ގޮންޖެހުން އިތުރުވަމުންދާއިރު ޒިންމާ އުފުލަންޖެހޭ ވެރިންގެ ޒިންމާ އަދާކޮށް ޒިންމާދާރުވުމަށް ދީނީ ޢިލްމުވެރިންގެ ޖަމިއްޔާއިން ގޮވާލައްވައިފިއެވެ.
އެޖަމިއްޔާއިން މިކަންކަމަށް ގޮވާލައްވާފައި މިވަނީ 100% މުސްލިމް ދިވެހިރާއްޖޭގެ ވެރި ރަށް ފުރަ މާލޭ މަގުމަތީގައި އިންޑިއާ މީހަކު ﷲ އަށް ފުރައްސާރަކޮށް ހަޑި ހުތުރު އެއްޗެތިގޮވުމުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ހުއްޓަި 24 ގަޑިއިރު ނުވަނީސް ކޯޓުން އޭނާ މިނިވަންކޮށް ދޫކޮށްލުމާއި ގުޅިގެންނެވެ.
ޢިލްމުވެރިންގެ ޖަމިއްޔާއިން ނެރުއްވި ބަޔާން:
الحمد لله رب العالمين. والصلاة والسلام على خاتم الأنبياء والمرسلين. ولا عدوان إلا على الظالمين.
ލާދީނީ ޙަރަކާތްތައް ހިންގާފަރާތްތަކާއި އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަރާތްތައް ދޫކޮށްލާފައި އޮތުމުގެ ސިލްސިލާ ނިމުމަކަށް ގެނައުމަށާއި، އެފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޙައްޤު އަދަބު ދިނުމަށް ގޮވާލުން.
ދިވެހި މިލޮބުވެތި ވަޠަނަކީ އިސްލާމީ ހިޔާވައްސެކެވެ. މިނިވަން ދިދައެއްގެ ދަށުގައި އޮތް މިނިވަން މުސްތަޤިއްލު ދައުލަތެކެވެ. އެސިފަތައް މި ވަޠަނުގައި އަބަދަށް ދެމިއޮތުމާއި ދަރިފަސްކޮޅަށް އެކަން ހަދިޔާކުރެވިގެންދިއުމަކީ ދިވެހިންގެ އަބަދުގެވެސް އުންމީދެވެ. އަދި ދުޢާއެވެ. އަދި އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އަޅުގަނޑުމެންނާ ޙަވާލުކުރައްވާފައިވާ އަމާނާތެއްވެސް މެއެވެ. އެއަމާނާތް އަދާކުރުމަށް މަސައްކަތްކުރި ގޮތާއި މިންވަރާމެދު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކު ޖަވާބުދާރީވާންޖެހޭނެ މަސްއޫލިއްޔަތެއްވެސްމެއެވެ.
މިފަހަކަށް އައިސް ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގެ ތެރޭގައި ﷲތަޢާލާއަށާއި މަތިވެރި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމާއި ބަދުބަސްތައް ރައްދު ކުރުން ތަކުރާރުވަމުން ދާކަމީ ނުހަނު ފާޅުކަން ބޮޑުކޮށް ފެންނަމުންދާ ކަމެކެވެ. މިފަދަ ކަންކަން ހިންގާކަމަށް ފެންނަމުން ދަނީ ޣައިރުމުސްލިމުންގެ ތެރޭގައި ހިމެނޭ ނުފޫޒުގަދަ، މިފަސްގަނޑުގައި ބައިބައިވުމާއި ދެކޮޅުވެރިކަން އުފައްދަން ބޭނުންވާ ފަރާތްތަކުންކަން ފާހަގަކުރެވެއެވެ. ނުވަތަ އެފަދަ ފަރާތްތަކުގެ އަތުންލިބިދާނެ ދުނިޔެވީ ކުޑަ މަންފާއެއްގެ ދަޅާގައިޖެހި ޝައިޠާނާގެ މަޅިއަކަށްފެތިފައިވާ ދިވެހި ފަރުދުންގެ ވަރަށްމަދު ބައެކެވެ.
ދިވެހިވަޠަނުގެ އިސްލާމީ ވަޙްދަތާއި މިނިވަންކަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރައްވާފައިވާ ވެރިންނޭވެ!
ވެރިކަމަކީ ﷲ ތަޢާލާ ޙަވާލުކުރައްވާ އަމާނާތެކެވެ! އަދި ކޮންމެ ބާރުވެރިކަމަކީ އެއާގުޅިގެން ބޮޑެތި މަސްއޫލިއްޔަތުތަކެއް އަންނަ ކަމެކެވެ! އިސްވެ ދެންނެވިފަދަ ދީނާޚިލާފު ކަންކަން މި ދިވެހި ފަސްގަނޑުގައި ދައުލަތުގެ ބާރުތައް ލިބިގެންވާ ފަރާތްތަކުގެ ކުރިމަތީގައި ހިނގަމުންދާއިރު، އިސްލާމީ ދައުލަތެއްގެ ވެރިންގެ ގޮތުގައި ޢައްޔަންކުރެވިފައިވާ ފަރާތްތަކުގެ އެންމެ ފުރަތަމަ، އަދި އެންމެ ބޮޑު ޒިންމާއަކީ، އިސްލާމްދީން ޙިމާޔަތްކޮށް، އެދީނުގެ އުޞޫލުތަކާއި އަޞްލުތައް ރައްކާތެރިކޮށް، ދެމެހެއްޓުމެވެ. އެފަދަ ކޮންމެ ކަމަކަށް ބަހުންނާއި ޢަމަލުން ޙަމަލާއެއްދޭ ކޮންމެ ފަރާތެއް އެހުރި ހިސާބަކުން ހުއްޓުވައި އެމީހަކަށް ދިނުމަށް އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކުގައި ކަނޑައަޅުއްވާފައިވާ އަދަބުދީ، އެފަދަ ކަންކަން ތަކުރާރުވުން ހުއްޓުވުމެވެ.
ﷲތަޢާލާ ދެއްވާފައިވާ ބާރުތަކާމެދު ﷲތަޢާލާގެ މައްޗަށް ބޮޑާވެ، ޙަވާލުކުރައްވާފައިވާ މަސްއޫލިއްޔަތަށް އިހުމާލު ވެއްޖެނަމަ، ހިނދުކޮޅެއްގެ ތެރޭގައި އެ އެންމެހައި ބާރުތައް މުލުން ލުހެލެއްވުމަކީ ﷲތަޢާލާގެ ޙަޟުރަތަށް އެއްވެސް ޙާލެއްގައި ބޮޑުކަމެއްނޫނެވެ. ވެރިކަމާއި ބާރުން މަންފާއެއް ވާނީ ހަމައެކަނި ﷲގެ މަގުގައި އެކަމުގައި ހޭދަކުރެވުނު މިންވަރެކެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ފަރުވާތެރިވެ ﷲތަޢާލާ ޙަވާލުކުރެއްވި އަމާނާތަށް ފަރުވާތެރިވެ ރައްކާތެރިވުން ހުއްޓެވެ.
މި ވަޠަނުގެ ސަލާމަތީ ކަންކަން އެބައެއްގެ އަތްމައްޗަށް ﷲ ތަޢާލާ ޙަވާލުކުރައްވާފައިވާ ލޮބުވެތި ސިފައިންނާއި ފުލުހުންނޭވެ!
ތިޔައީ އިސްލާމީ އުންމަތެއްގެ އިސްލާމްވަންތަކަން އެބައެއްގެ އަތްމަތީގައި ދެމިއޮތުމަށް މާތްﷲ މިންވަރު ކުރައްވާފައިވާ ފަރާތްތަކެކެވެ! މި އިސްލާމީ އުންމަތުގެ އިސްލާމްވަންތަކަމާއި ދިވެހި އިސްލާމީ ދައުލަތުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އިޚްލާޞްތެރި ހެޔޮ ނިޔަތާއެކު ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ގެ ޙަޟުރަތުން އެކަމަށް ނުހަނު މަތިވެރި އަޖުރާއި ޘަވާބުދެއްވާނެ ކަންކަމެވެ. މާތްﷲ ތިޔަ ބޭފުޅުންނަށް ދެއްވާފައިވާ މަތިވެރި ފުރުޞަތާއި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުގައި ޢަމަލު ކުރެއްވި ގޮތާމެދު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.
އަދި މި ދިވެހި ލޮބުވެތި ވަޠަނުގެ މިނިވަންކަމާއި މި ވަޠަނުގެ އިސްލާމްވަންތަކަން ދިވެހި އިސްލާމީ އުންމަތުގައި ދެމިގެން ގޮސްފައިވަނީ ﷲ ތަޢާލާގެ މަދަދާއި މިންވަރުފުޅުން ތިޔަފަދަ އަބްޠާލުންގެ މަތިވެރި ޤުރުބާނީއާއި މިންނެތް މަސައްކަތްޕުޅުންނެވެ. އެހެންކަމުން އިސްލާމްދީނާއި ދިވެހި ލޮބުވެތި އިސްލާމީ ފަސްގަނޑު ޙިމާޔަތް ކުރެއްވެން އޮތް ކޮންމެ ގޮތަކުން ޙިމާޔަތް ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ތިޔަ ލޮބުވެތި އަބްޠާލުނގެ ކޮނޑުގައި އެޅިފައިވާ ވާޖިބު އަދާކުރެއްވުމުގައި ފަހަރެއްގައިވެސް ފަސްޖެހިވަޑައިނުގެންނެވުމަަށް އިލްތިމާސްކުރަމެވެ. އަދި ތިޔަބޭފުޅުން ސާބިތުކަންމަތީގައި ތިއްބެވި ހިނދެއްގައި މުޅި ޤައުމު ތިޔަ ލޮބުވެތި އަބްޠާލުންނާ އެކުގައި ވާނެކަން ޔަގީންކޮށްއަރުވަމެވެ. އަދި ދިވެހި ދައުލަތުގެ ސަލާމަތީ ކަންކަން ބެލެހެއްޓެވުމުގެ މަސްއޫލުވެރި ފަރާތްތަކުގެ ޒިންމާ އަދާކުރެއްވުމުގައި، ރައްޔިތުންގެ ވިންދާއި އިޙްސާސްތަކާ ގުޅިފައިވާ މިފަދަ ކަންކަމަށް އަޅާނުލެވި ދާކަމަށް ރައްޔިތުންނަށް އިޙްސާސް ކުރެވުމަކީ އެކަމުން ހީނުކުރާފަދަ ނުރައްކާތެރިކަން އަޅުގަނޑުމެން އެންމެންނަށް ކުރިމަތިވެދާނެ ކަމެކެވެ. އެހެން ކަމުން އެފަދަ ކަންކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރެއްވުމުގައި ސަމާލުވެވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.
ދިވެހި ލޮބުވެތި ރައްޔިތުންނޭވެ!
ދިވެހި ވަޠަނުގެ އެންމެ އަގުހުރި ރައުސުލްމާލަކީ ލޮބުވެތި ރައްޔިތުންނެވެ. ރައްޔިތުންގެ އެއްބައިވަންތަކަމެވެ. ޚާއްޞަކޮށް އިސްލާމީ ވަޙްދަތެވެ. މުޅި ދިވެހި އުންމަތް އެއްބައިވަންތަ ކޮށްދޭ އެންމެ ބޮޑު ބާރަކީ އިސްލާމީ ވަޙްދަތެވެ. އެހެންކަމުން އިސްލާމީ އުޞޫލުތަކާއި ހަމަތަކަށް ބުރޫއަރާފާނެ އެއްވެސް ޢަމަލަކަށް މި ދިވެހި ފަސްގަނޑު ޖާގަނުދެއްވުމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް ކޮންމެ ފަރުދެއްގެ ފެންވަރުގައި ކުރެއްވެން ހުރިހަކަންކަން ކުރެއްވުމަށް ތިޔަލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.
ޖުމުލަކޮށް، މި ދިވެހި ފަސްގަނޑުގައި މިހާރު ތަކުރާރުވަމުންދާ، ލާދީނީ ޙަރަކާތްތައް ހިންގުމާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ޢަމަލުތަކާއި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ދޫކޮށްލާފައި އޮތުމުގެ ސިލްސިލާ، ނިމުމަކަށް ގެނައުމަށް، ކަމާބެހޭ ތަޙުޤީޤުތައް ކުރުމާއި ދަޢުވާކުރުމުގެ ޒިންމާހަވާލުކުރެވިފައިވާ ފަރާތްތަކަށް ގޮވާލަމެވެ. އަދި އެފަދަ ފަރާތްތަކަށް ޙައްޤު އަދަބު ދެވޭނެ ގޮތަށް ދިވެހި ރާއްޖޭގެ ޤާނޫނީ ނިޒާމު ބައްޓަންކުރެއްވުމަށާއި އެފަދަ މީހުންނަށް ސަލާމަތްވެވިދާނެ ގޮތަށްހުރި ޤާނޫނީ ހުރިހައި ބާގަނޑުތަކެއް ފޫބެއްދުމަށާއި އެކަމުގައި ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލަމެވެ. އަދި އެފަދަ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އެންމެ ޙައްޤު އަދަބު ދިނުމަށް ދައުލަތުގެ އިސްވެރިންނަށް ގޮވާލަމެވެ. އަދި އިސްލާމްދީނާ ޚިލާފު ޙަރަކާތްތައް ހަރުއަޑުން ކުށްވެރިކޮށް އެކަންކަން ހުއްޓުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާ ބައެއްކަމުގައި ދިވެހި ލޮބުވެތި ރައްޔިތުން ވެވަޑައގެންނެވުމަށް އިލްތިމާސް ކުރަމެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللَّـهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ﴾
سورة الأنفال : ٤٥
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ".
وصلى الله وسلم على نبينا محمد، وعلى آله وصحبه وسلم.
17 صفر 1442
04 އޮކްޓޯބަރ 2020