ޙަޤީޤީ ޙާދިސާ: ފިރިމީހާ އަލަތު އަނބިމީހާ "ކަތިލި" ވަޅިން ފިރިމީހާ "ކަތިލުމުން" މަރުވުމުން ސަލާމަތްކުރި އަންހެނެއްގެ އިޙްޞާޞްތައް!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 17ސ
ޙަޤީޤީ ޙާދިސާ: ފިރިމީހާ އަލަތު އަނބިމީހާ "ކަތިލި" ވަޅިން ފިރިމީހާ "ކަތިލުމުން" މަރުވުމުން ސަލާމަތްކުރި އަންހެނެއްގެ އިޙްޞާޞްތައް!

ކޮންމެ މީހަކަށްވެސް ކޮންމެ ފަދަ ވައްކަމެއްވެސް ކުރެވިދާނެއެވެ. ކިތަންމެ ބޮޑު މަކަރެއް ވެސް ހެދިދާނެއެވެ. އަނެކާއަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ދެވިދާނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ހިތާމައެއް ދިނުމަށްފަހު އަބަދު ދުނިޔޭގައި އުފަލުގައި އުޅެވިދާނެކަމަށް ހީނުކުރާށެވެ! 

މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރަނީ އަހަރެންގެ ޙަޔާތުގައި ކުރިމަތިވި އެފަދަ ކަންތަކެވެ. ރަނގަޅަށް ވިސްނައިގެން ކިޔަމުން ގެންދާށެވެ! 

އަހަރެން ކައިވެނިކުރީ އުމުރުން 23 އަހަރުގައެވެ. ފުރަތަމަ 10 އަހަރު ހޭދަވެގެންދިއައީ ހަމަ ވަރަށް އެކުވެރިކަމާއި ލޯތްބާއިއެކުގައެވެ. 10 އަހަރުވީއިރު ވަނީ ވަރަށް ލޯބި 2 ދަރިންވެސް ލިބިފައެވެ. ފިރިއުޅެމުން ދިއައީ ހަމަ އުފާވެރިކަމާއިއެކުގައެވެ. 

އެއިގެ ފަހުން ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އޮފީސް ނިމިގެން އައިސް ގެއަށް ވަންނައިރު ހުންނަ ހިނިތުންވުން ގެއްލިއްޖެއެވެ. ބައެއް ފަހަރު އަހަރެން ފެނުމުން ސިއްސައިގެންވެސް ދާހެން ހީވާން ފަށައިފިއެވެ. ވާހަކަ ދެއްކުން މަދުވާން ފަށައިފިއެވެ. ފުރަގަސް ދައްކައިގެން ބިއްދޮށަށް އެނބުރި ނިދަންވެސް ފަށައިފިއެވެ. 

އިންތިހާއަށް ކަންބޮޑުވިއެވެ. ނަމަވެސް ކަންކަން އިތުރަށް ގޯސްވެ ދަރިންކޮޅު ބިކަވެދާނެ ކަމުގެ ބިރު އޮތުމުން ކެތްތެރިވީއެވެ. އަހަރެންނަކީ އެކިޔާ ނިކަމެތި ބީރައްޓެއްސަކަށްވެފައި ޙާލުގައި ޖެހިއްޖެ ނަމަ އެހީތެރިވާނެ ހަމައެކަކުވެސް މާލޭގައި ނެތުމުންނެވެ. ދަރިންކޮޅު ގޮވައިގެންގޮސް ރަށު ސްކޫލަށް ވައްދަން ޖެހިދާނެ ކަމުގެ ބިރު އޮތުމުން އެކަމަށް ވިސްނައިފައެވެ. 

އެއީ ދޮށީ ދަރިފުޅު ހުން އައިސްގެން އުޅުނު ދުވަހެކެވެ. ޑޮކްޓަރަށް ދައްކަން ދާން އޮތީ ހަވީރު 5 ޖަހާއިރަށެވެ. 4:30 ވި އިރުވެސް ނައުމުން އެކަނިދާންވީތޯ އަހާލަން ގުޅައިލީމެވެ. 2 ވަނަ ފަހަރަށް ގުޅުމުން އަންހެނަކު ބުނާއަޑު އިވުނެވެ. "ދެން ތިފޯނު ދުރައްލާބަލަ.. ދެން އިވެން ފެށި އަދުތަކުގެ ވާހަކަ ލިޔުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މަންޒަރު ލޮލަށް ފެންނަ ފަދައެވެ.

10 ވަރަކަށް މިނިޓް އަޑުއަހަން ހުރެފައި ފޯނު ކޯލްރެކޯޑަށް ޖައްސައިގެން ހުރެ ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް އެކަނި ދިއައީއެވެ. އެނބުރި ގެއަށް އާދެވުނީ 6 ޖެހިތަނާއެވެ. ފިރިމީހާއަށް އާދެވުނީ 7 ޖަހަން ގާތްވެފައިވަނިކޮށެވެ. 

އެހައިތަނަށް ހުރީ ކޮންމެ ޙާލެއްގައިވެސް ކެތްކުރަން ނަމަވެސް އެދުވަހު ކަންކަން މެދުވެރިވި ގޮތުން ވިސްނުން މުޅިން ބަދަލުވެއްޖެއެވެ. ދަރިންގެ ބައްޕަ ޢާއި ޒުވާބުކުރުމުގެ ބަދަލުގައި ރަށަށްދާން ނިންމީމެވެ. އަދި އެކަން ހަމަ އެރޭ ފިރިމީހާއަށް ހުށްހެޅީމެވެ. ދެކޮޅު ހެދުމަކާއި ނުލައި އެކަން ޤަބޫލުކޮށް ރަށަށް ފޮނުވައިވެސް ދިނެވެ. ރަށަށް ދިއަތާ މަހެއްހައި ދުވަސް ނުވަނީސް ކޯޓަށް ހުށަހަޅައިގެން އަހަރެން ވަރިވެސް ކޮށްފިއެވެ.  

އެދުވަހު އަހަރެންގެ އަތުގައި ދައްތަ ނުހިފިނަމަ އަހަރެން ދުނިޔެއިން މޮޔަވީހެވެ. ﷲ ވާގިފުޅާއިއެކު ދިރިހުރުމުގެ ހިތްވަރު ލިބުނީ ދައްތަ އަހަރެންނާއި ދަރިންގެ ޒިންމާ އުފުލާނެކަމަށްބުނެ ހިތްވަރު ދިނުމުންނެވެ. 

ވަރިކުރުމަށްފަހު ފިރިމީހާގެ އެއްވެސް ޚަބަރެއްވެސް ނުވެއެވެ. އެންމެ ކުޑަމިނުން ދަރިން ދުނިޔޭގައި ތިބިތޯވެސް ބަލައެއް ނުލައެވެ. އެހެންވެ އަހަރެންވެސް ނުގުޅަމެވެ. ﷲ އަށް ވަކީލުކޮށްގެން ކެތްތެރިވީއެވެ. އެހެން އިންނަތާ އަހަރެއްވެސް ފާއިތުވިފަހުން އަހަރެންނާއި ހަމަ އެއް އުމުރުގެ މީހެކެވެ. ކުރިން ކުރި 2 ކައިވެނި ރޫޅުމުން އިތުރު ކައިވެންޏެއް ނުކޮށް ހުރި މީހަކު އަހަރެންގެ ކައިވެންޏަށް އެދި ދައްތައަށް ހުށަހެޅިއެވެ. ދައްތަގެ ލަފައާއިއެކު އަހަރެން އޭނާ އާއި ކައިވެނި ކުރީއެވެ. ސިފައަށް ވެސް ބަލައިގެނެއް ނޫނެވެ. ހަމައެކަނި ﷲ ގެ ރަޙްމަތަށް އެދިގެންނެވެ. ﷲ އަށް ހުރިހާ ކަމެއް ވަކީލުކޮށްގެންނެވެ. 

ވަރިކުރިތާ 3 އަހަރު ފުރުނު ދުވަހެވެ. ކުރީގެ މައިދައިތަ ފުރަތަމަ ފަހަރަށް އަހަރެންނާއި ގުޅިއެވެ. އެދުނީ މާލެ އައިސް ދިނުމަށެވެ. ކުރީގެ ފިރިމީހާ ކުރި ދެވަނަ ކައިވެނި ރޫޅުމުން ދުނިޔެއިން މޮޔަވާ ޙާލުގައި ހުރިވާހަކައެވެ. އަބަދު އަހަރެމެން 3 މައިންނަށް ގޮވާ ވާހަކައެވެ. 

ވަރަށް ދެރަވިއެވެ. ކޮންމެގޮތަކަށް ކަންކަން ކޮށްފައިވީނަމަވެސް އެއީ އަހަރެންގެވެސް 2 ދަރިންގެ ބައްޕައެވެ. ނަމަވެސް މާލެ ދެވެން ނެތްކަމަށް ބުނީމެވެ! "އަހަރެންގެ މިހާރުގެ ފިރިމީހާ އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. ދެކުދިންނަށްވެސް ވަރަށް ހެވެވެ! އެކުދިންގެ ބައްޕަ އަހަރެންނަށް ދިން އަނިޔާ ފިރިމީހާއަށް ކީއްކުރަން އެއްވެސް މީހަކަށް ދޭކަށް އަހަރެންނަކަށް ނުކުރޭނެއެވެ. ނަމަވެސް މަންމަ ބޭނުންނަމަ އަހަރެން އޭނާ ޢާއި ވާހަކަ ދައްކަފާނަމެވެ." 

ފިރިމީހާގެ އިޒުނަ އާއިއެކު އޭނާ އާއި ވާހަކަދައްކަން ފެށީމެވެ. ގިނަ ފަހަރު ދެއްކޭ ނުދެއްކޭ ވާހަކަވެސް އޭނާއަކަށް ނުއެނގެއެވެ. ކޮންމެއަކަސް އެހާލަތުން އޭނާ ސަލާމަތްކުރެވޭތޯ ދަރިން ލައްވައިވެސް ވާހަކަ ދެއްކުވީމެވެ. އެކުދިން އެކަމަށް ބޭނުން ނުވާއިރުވެސްމެއެވެ. 2 ކުދިންވެސް ބުނީ ބައްޕައަކު ހުރިކަން ނުއެނގޭ ކަމަށެވެ. ތިބީ އެހައިވެސް ހިތްހަމަ ނުޖެހިފައެވެ.  

ހައަކަ މަސްދުވަހު ވާހަކަ ދެއްކިފަހުން މަޑުމަޑުން ޙާލަތު ބަދަލުވަމުން އައިސް ހަމަޖެހޭ ވާހަކަދައްކަން ފެށުމުން އެކިފަހަރުމަތިން ވަރަށް ގިނައިރު ވާހަކަ ދައްކައިގެން ވިސްނައިދިނީމެވެ. އަވަހަށް 3 ވަނަ ކައިވެންޏެއް ކުރުން ރަނގަޅުވާނެ ކަމަށެވެ. އެއިރުން ހިތްހަމަޖެހުން ލިބެން ފަށައިފާނެ ކަމަށެވެ. 3 ވަނަ ކައިވެންޏެއް ކޮށްގެން އަހަރެމެން ގާތަށް ރަށަށް އައިސްލުމަށްވެސް ދައުވަތުދިނީމެވެ. 

ފެރީއަކަށް އަރައިގެން ރަށަށް އައީ އަންގައިވެސް ނުލައެވެ. އަންތބެއްވެސް ނުގެނެއެވެ. މާނައަކީ އައިއިރު ކައިވެންޏެއް ނުކޮށްހުރިކަމެވެ. އަހަރެން މަރުހަބާކީމެވެ. އަދި ފިރިމީހާގެ އެހީތެރިކަމާއިއެކު ގެއެއްގައި ބެހެއްޓީމެވެ. އަނބިމީހާ އާއިއެކު ރަށަށް އަންނަން ދިން ދައުވަތު އެކޮޅުކޮޅުން ޖެހިމީހާ 8 މަސްފަހުން ރަށުން ފުރައިގެންދިއައީ އަހަރެން އާދޭސްކޮށްގެން ހޯދައިދިން އަންހެނަކާއި ކައިވެނިކޮށް އޭނާ ވެސް ގޮވައިގެންނެވެ. 

ކިޔުންތެރި ކަނބަލުންނޭވެ! ކަންކަމާއި ދިމާވާނެއެވެ! ކުރިމަތިލާށެވެ! އަނިޔާވެރިންގެ އަތްދަށުގައި މުޅި އުމުރު ހޭދަކުރަން ނުވިސްނައި އަނިޔާއިން ސަލާމަތްވާށެވެ! ގޮތް ދައްކަވާނެތެވެ! ﷲ ގެ އޯގާތެރިވަންތަކަމާއި ރަހްމަތް އެއީ ވަކި މީހަކަށް ނުވަތަ ވަކި ޖިންސަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. 

ކިޔުންތެރި ބޭކަލުންނޭވެ! ވައްކަން އަބަދުކުރެވޭނެކަމަށް ހީނުކުރާށެވެ! އަހަރެންނަށް ކަންކަން އެނގުނު ގޮތާއިމެދު ވިސްނައިލަބަލާށެވެ! ފޯނު ދުރަށްލާން އުޅުމުގެ ތެރޭގައި އޮޅިގެން ކޯލް ނެގުނީއެވެ. އެކަން ނުވެސް އެނގުނީއެވެ. ބުޅާ ގޯނިން ބޭރުވީއެވެ. ތިމާގެ އަމިއްލަ އުފާ ހޯދަން ބޭނުންވުމުން 2 ދަރިންގެ މަންމަ ކަތިލީއެވެ. ދެން އެފެނުނީ އެވަޅި ނަގައި އޭނާ ކަތިލެވުނު ތަނެވެ. ވަޅިން ކަތިލެވޭނީ ވަކި މީހެއް ނޫނެވެ. ހަމަ ކޮންމެ މީހަކުވެސް ކަތިލެވޭނެއެވެ. އަދި ކަތިވެސްވެދާނެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އެންމެންވެސް ހަމަ ހިއްޞާކުރަންވީއެވެ. އެމީހެއްގެ ޙަޔާތުގައި ކުރިމަތިވެފައިވާ ކަންކަން ކިޔައިދޭންވީއެވެ. ކޮންމެ މީހެއްގެ ޙަޔާތުގައި ދިމާވާ މިފަދަ ކަންކަމަކީވެސް ހަމަ މުހިންމު ފިލާވަޅުތަކެވެ. ވިސްނައިފި ބައަކަށް އެކަމުން ފައިދާކުރާނެއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން