ދުނިޔޭގައި ވަރަށް މަދުން ފެންނަ މެންގްރޫވް ގަހުގެ ބާވަތެއް ރާއްޖެއިން ފެނިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 25ސ
ދުނިޔޭގައި ވަރަށް މަދުން ފެންނަ މެންގްރޫވް ގަހުގެ ބާވަތެއް ރާއްޖެއިން ފެނިއްޖެ

ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ ބުރުގެރިއާ ހެނެސީ ދިވެހިރާއްޖެއިން އަލަށް ފެނިއްޖެއެވެ.

މިކަމާގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބުނެފައިވަނީ މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ މިއަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމަށެވެ.

މިސާރވޭ ކުރިއަށް ގެންދިއައީ ހިމާޔަތްކޮށްފައިވާ ސަހަރައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ "ރީޖެނެރޭޓް" ޕްރޮޖެކްޓްގެ ތެރެއިން އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) މޯލްޑިވްސްއާއި ގުޅިގެން ނެވެ. މި ސާވޭއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އައިޔޫސީއެން ބައިވެރިވެގެނެ ކުރިއަށް ގެންދެވުނު ސާރވޭއެކެވެ.

 ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ 4 ގަހެއް ހުރިކަންވަނީ ފާހަގަވެފައެވެ. މިގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ އެވެ.

ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލައެވެ. ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި "ކްރިޓިކަލީ އެންޑެންޖަރޑް" ނުވަތަ ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓްގައި ހިމެނޭ ބާވަތެކެވެ. މި ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާރުން ފެނިފައިވާ ބާވަތެކެވެ. 2010އަކާ ހިސާބަށް ކުރެވުނު ސަރވޭއިން ދައްކާ ގޮތުގައި ދުނިޔޭގައި ހުރީ މިބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ ދަނީ މަދުވަމުންނެވެ. ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެކެވެ.

މިސާރވޭއާއި ގުޅޭ ރިޕޯޓް މިހާރުވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އީޕީއޭ އަދި އައިޔޫސީއެން ގުޅިގެން ތައްޔާރުކޮށްފައެވެ. ދިވެހިރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިންވަނީ 14 ބާވަތެއްގެމެންގްރޫވް ގަސް ރެކޯޑް ކުރެވިފައެވެ. މި ފެނުނު އާ ބާވަތާއެކު ދިވެހިރާއްޖޭން މުޅިއެކު 15  ބާވަތުގެ މެންގްރޫވް ގަސް މިހާރުވަނީ ފެނިފައެވެ. މިބާވަތް މިހާތަނަށް ކެލާއިން ރެކޯޑް ކުރެވިފައިވީނަމަވެސް ރާއްޖޭގެ އެހެން ކުޅިފާތަކުންވެސް ފެނުން އެކަށީގެންވެއެވެ. މިބާވަތުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދުމަށް މިމިނިސްޓްރީ އާއި ކަމާއި ގުޅޭ ފަރާތްތަކާއެކު މިހާރު މިދަނީ މަޝްވާރާކުރަމުންނެވެ.

މިއަދު އޮންލައިން