ގދ. ވާދޫ، ރިމެމްބާ ކަދާވަޑު، މުހައްމަދު ސިދުރަތުﷲ އަހުމަދު މަރުވީ ގެނބިގެންކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފިއެވެ.
ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނުނީ އައިޖީއެމްއެޗް ސަރަހައްދު މޫދުން މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ސިދުރަތުﷲ މަރުވި ސަބަބު ދެނެގަތުމަށް އިންޑިއާއަށް އޭނާގެ ހަށިގަނޑު ގެންގޮސް ހެދި ޕޯސްޓްމޯޓަމްގެ ޕްލިމިނަރީ ރިޕޯޓްގައި ސިދުރަތުﷲ މަރުވި ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ގެނބިގެން ކަމަށާއި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތްއިރު ލިބުނު ޒަހަމްތަކެއް ކަމަށް ބެލެވޭ ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މަހުގެ ދެވަނަ ދުވަހު ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވަނީ ބަޔަކު މީހަކު އޭނާ މަރާލާފައި މޫދަށް އެއްލާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
މީގެކުރިން ފުލުހުން ވަނީ ސިދުރަތުﷲ އެންމެ ފަހުން ހިނގި މަގުތައް ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފަ އެވެ. އަދި އޭނާ ހިނގާފައި ގޮސް ރަސްފަންނުގެ މޫދާ ދިމާލަށް ދާ މަންޒަރު ފެންނެއެވެ.