އޮތެންޓިކް މޯލްޑިވްސްގެ އިތުރު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 53ސ
އޮތެންޓިކް މޯލްޑިވްސްގެ އިތުރު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްސަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގަމުންދާ "އޮތެންޓިކް މޯލްޑިވްސް"ގެ އިތުރު ފިހާރައެއް 12 ނޮވެންބަރު 2020 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރޯ މޯލްގައި ހުޅުވައިފިއެވެ.

މި ފިހާރަ ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އޮނަރަބަލް އަލްފާޟިލާ ޔުމްނާ މައުމޫނެވެ. މި ފިހާރަ ހުޅުވުމަށް ބޭއްވުނު ޚާއްސަ ހަފްލާގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް އާއި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮނަރަބަލް އަލްފާޟިލް އަޙްމަދު މަޚްލޫފްގެ އިތުރުން ހައުސިން ޑިވެލޮމެންޓް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، މިފަދަ ވިޔަފާރިތަކުން އުފައްދާ ތަކެތި މާކެޓްކޮށް ވިއްކޭނެ ނިޒާމެއް ޤާއިމު ކުރުމަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ އެންމެ މުހިއްމު އެއް ލަނޑުދަނޑިއެވެ. މިގޮތުން ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކުން އެ ފަރާތްތަކުގެ އުފެއްދުންތައް ފަތުރުވެރިންނަށް ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ޖަނަވަރީ 2020ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުޅުވުނު "އޮތެންޓިކް މޯލްޑިވްސް"ގެ ޑިއުޓީ ފްރީ ފިހާރައަކީ މި ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރެވުނު މުހިއްމު މަސައްކަތެކެވެ. މި ފިހާރައިގެ ސަބަބުން ދިވެހިން އުފައްދާ ތަކެތި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ވިއްކުމުގެ މަގުފަހިވެ މިފަދަ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު ބާރަކަށް ވެގެންދިޔައެވެ. އަދި މީގެ އިތުރުން ބޭރުގެ މާކެޓްތަކަށް ދިވެހި އުފެއްދުންތައް އިޝްތިހާރުވުމަށް މަގުފަހިވެގެން ދިޔައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ބައެއްގެ ތަރުހީބު ލިބެމުންއަންނަ 'އޮތެންޓިކް މޯލްޑިވްސް" ޑިއުޓީ ފްރީ ފިހާރަގައި 60 އަށް ވުރެ ގިނަ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ފުރުސަތު ދެވިފައިވާއިރު، ހުޅުމާލޭގެ އޮތެންޓިކް މޯލްޑިވްސް ފިހާރައަށް 30 އަށް ވުރެ ގިނަ ފަރާތްތަކަށް ފުރުސަތުދެވިފައިވެއެވެ. އަދި ޖާގައިގެ ތަނަވަސްކަން ހުރި މިންވަރުން އިތުރު ފަރާތްތަކަށް ތަކެތި ވިއްކުމުގެ ފުރުސަތު ފަހިކޮށްދެވިގެން ދާނެއެވެ.

ހުޅުމާލޭގައި ޤާއިމު ކުރެވުނު މި ފިހާރައިގަވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ދިވެހިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ، ދިވެހި އުފެއްދުންތަކެވެ. މީގެ އިތުރުން މި ފިހާރައިގައި ކުޑަކުދިންގެ އުފެއްދުންތެރިކަން ކުރިއަރުވައި ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން އެ ކުދިންގެ އުފެއްދުންތައް ވިއްކުމަށްޓަކައި "ޗިލްޑްރެންސް ކޯނަރ"އެއް ހާއްސަކުރެވިފައެވެ. އަދި ހަމައެއާއެކު ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށްޓަކައި ލައިވް ޕެއިންޓިންގެ ހަރަކާތްތައްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި އުފެއްދުންތެރިންނަށް ހަމަ ހަމަ ފުރުސަތު ފަހިކޮށްދުނުމުގެ ގޮތުން އޮތެންޓިކް މޯލްޑިވްސް ފިހާރައިގެ އިތުރުގޮފިތައް ރާއްޖޭގެ އެކި ސަރައްހައްދުތަކުގައި ހުޅުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން