ރާއްޖޭގެ މަހުގެ އުފެއްދުންތައް، ލަންކާ ސަރުކާރުން ކުރިންވެސް ދީފައިވާ ޔަޤީންކަމާ އެއްގޮތަށް ސްރީލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޝްވަރާކުރައްވަމުންގެންދަވާކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާއަށް މިހާރު އެތެރެކޮށްފައިވާކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައެވެ.
އެބަޔާނުގައި ބުނެފައިވަނީ ލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު.ކަމަށެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރުވެސް ގިނަ އަދަދެއްގެ ހިކިކަނޑުމަހާއި ލޮނުމަސް ގަންނާނެ ފަރާތެއް ނެތިގިނަދުވަސްތަކެއް ފާއިތުވަމުންދާތީ މަސްވެރިންނާއި މަސްވެރިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ބައެއް ރަށްރަށުން ވިކޭނެކަމުގެ އުންމީދުގައި މާލެގެނައި މަސްކޮޅުވެސް ގަންނާނެ ބައަކު ނުވެގެންވަނީ އަނބުރައި ރަށަށް ގެންދަން ޖެހިފައިކަމަށް ވަނީ މިއަދުނޫހަށް މައުލޫމާތުލިބިފައެވެ.