ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ! މަނިކުފާނުގެ ވެރިކަމުގައި ކުރައްވަމުން ގެންދަވާ ކަންކަން އަމިއްލަފުޅަށް ބައްލަވައިލެއްވެވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓުގައި ދޫކޮށްފައިހުރި ގޮޅިތަކުގައި ވިޔަފާރިކުރަމުން މިގެންދާ ގޮތްވެސް ބައްލަވައިލެއްވުން ކީއްތޯއެވެ.
ގޮޅީގެ ބޮޑުމިނަކީ 8 ފޫޓް 5 ފޫޓެވެ. މުދައު ރައްކައުކޮށް ޑިސްޕްލޭކޮށްގެން 40 އަކަފޫޓުގެ ގޮޅީގެ ތެރޭގައި އަޅުގަޑުމެން ގޮނޑިއެއް ބަހައްޓައިގެން ތިބޭ ޙާލު ބައްލަވައިލެއްވެވުމަށެވެ.
ކުއްޔަކީ 3000 ރުފިޔާއެވެ. (ކޮވިޑުގަ ވަނީ 2000 އަށް ކުޑަކޮށްދީފަ) މިއީ އަކަފޫޓަކަށް ގާތްގަނޑަކަށް މަހަކު 75 ރުފިޔާއެވެ. ދެން މަނިކުފާނު ބައްވަލައިލަދެއްވަންވީ ސަރުކާރުގެ އެންމެ ފެންވަރު ރަނގަޅު އިމާރާތްތައް ވެސް ކުއްޔަށް ދޫކޮށްފައި ހުރީ ހަމަ މިއަގުގަތޯއެވެ؟ އެންމެ ޒަމާނީ ފެންވަވަރަށް ތަރައްޤީ ކުރއްވާފައި ކުއްޔަށްދެއްވަނީ ހަމަ މިރޭޓުންތޯއެވެ؟ އެރޭޓުގައި ކުއްޔަށް ދެއްވާފައި ތަނެއް ހުރިނަމަ އެތަނެއް ވިދާޅުވެދެއްވުން އެދެމެވެ.

ދެން އޮތީ ގޮޅިކުރިމަތީގައި އިންނަ ނުރައްކާތެރި ޔެލޯލައިނެވެ. ދޯންޏަކުން ތަކެތި ގަނެގެން ގެންނަ ބާސްކެޓެއް ހުސްކޮށްލުމަށްފަހު ލައިނުން ބޭރުގައި ބަހައްޓަލިނަމަވެސް ބަލައި އަންނަންދެން މާރުކޭޓު ބޭރުގައި ސަރަހައްދުގައި ބަހައްޓައިލިނަމަވެސް ބާޒުތަކެއް އައިސް ޖަހައިގަނެގެން ގެންދާ އުޞޫލުން ގެންގޮސް ވައްދަނީ ސިޓީ ކައުންސިލު ގުދަނަކަށެވެ. ދޫކުރަން ބުނަނީ ބާސްކެޓަކަށް 60 ރުފިޔާ ދެއްކުމުންނެވެ. މިހާރުވެސް އެގުދަނުގައި އެހެރީ ދަނޑުވެރި ނިކަމެތިންގެ އެތައް ބައިވަރު ބާސްކެޓުތަކެއް ފައިސާ ނުދެއްކިގެން ނުނެރެވިފައެވެ.
ދަންޑުވެރިން ކުރާ މަސައްކަތް ވިއްކަން މަގުފަހިކޮށްދީ، ލުއިފަސޭހަގޮތްތައް ހޯދައިދޭން އަޅަމުން މިގެންދާ ފިޔަވަޅުތަކަށްޓަކައިވެސް މަނިކުފާނަށާއި މާލެ ސިޓީގެ މޭޔަރަށާއި ދަނޑުވެރިކަމާއިބެހޭ ވަޒީރަށް ފަށްފަށުން ތަޢުރީފް ޙައްޤުނޫންތޯއެވެ!
ވީމާ ދަތުރުވެރިންގެ މާރުކޭޓުގައި ކަންކަން ހިނގަމުން މިދާ ގޮތް، މަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިންނަށާއި މާރުކޭޓުގައި ގޮޅި ހިންގާ މީހުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ގިނަގުނަ އިނާޔަތްތައް ބައްލަވައިލައްވަން ވަޑައިގެން އަޅުގަނޑުމެންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައި ދެއްވެވުން އެދި ވަރަށް ޚާއްޞަ ދައުވަތެއް މަނިކުފާނަށް އަރުވަމެވެ.