އަޅުގަނޑު ރަށުގައި ހުއްޓާ އަޅުގަނޑުގެ ބާލިޣްވެފައި ހުރި އަންހެން ދަރިފުޅުގެ ބަނޑުގައި އާދައާ ޚިލާފަށް ރިހެން ފެށިއެވެ. ރަށުން ދެވެންހުރި ޞިއްޙީ ފަރުވާ ދިނުމަކުން ވެސް ލުޔެއް ނުލިބުނެވެ. އެހެންވެ ބައެއް މީހުން ދިން ލަފާގެމަތިން ރުޤްޔާކުރާކަމަށް ބުނާ މީހެއްގެ ގާތަށް ގެންދިއައިމެވެ. އެއީ ބަންގްލަދޭޝް މީހެކެވެ.
އޭނާ ބުނީ އަޅުގަނޑު ހުއްޓައި ފަރުވާނުކުރެވޭނެކަމަށެވެ. ފަރުވާކުރެވޭނީ ދަރިފުޅު އެކަނި އޭނާ ގާތު ބަހައްޓައިގެންކަމަށެވެ. އަޅުގަނޑު ވަގުތުން ދަރިފުޅު ގޮވައިގެން އެނބުރި ގެއަށް ދިއައީއެވެ. އެއަށްފަހު ދަރިފުޅަށް ކުޑަކޮށް ރަނގަޅުވެ އުޅެލެވޭވަރުވުމުން އަޅުގަނޑަކީ މާލޭގައި މަސައްކަތްކުރާ މީހަކަށްވާތީ މާލެއައީއެވެ. އަންނަމުން އައީ ދަރިފުޅުގެ ބަނޑުގައި އިތުރަށް ރިއްސި ނަމަވެސް އޭނާ ގާތަށް ފަރުވާ ހޯދަން ނުގެންދަން ވަރަށް ގަދައަށް ބުނެފައެވެ.
އަޅުގަނޑު މާލެއައިތަނާ ފެނުނު ހުވަފެނަކާއި ގުޅިގެން ހަމައެރޭ ފަތިހު އަނބިމީހާއަށް ގުޅީމެވެ. އަދި ރުޤްޔާކުރާ މީހާގެ ގާތަށް ދަރިފުޅު ގެންދިއައީ ކީއްވެގެންތޯ ސުވާލުކުރުމުން އަނބިމީހާއަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ. އެއީ އޭނާ ވަރަށް ސިއްރުން ކުރިކަމެއް އަޅުގަނޑަށް އެކަމުގެ ހޫނުކަންމަތީގައި އެނގުމުންނެވެ.
އަނބިމީހާ ކިޔައިދިނެވެ. "އަލުން ބަނޑުގައި ރިއްސަން ފެށުމުން ހިތަށް ކެތް ނުކުރެވިގެން ގިނަބައެއްގެ ލަފާގެމަތިން ގެންދެވުނީއެވެ. އޭނާ ހުންނަ ގެއަށް ދެމައިން ދިއުމުން ފުރަތަމަ ވެސް ދެމައިންނަށް ކޮފީ ދިނީއެވެ. އެއަށްފަހު ދަރިފުޅު ގޮވައިގެން ފަރުވާދޭން ކޮޓަރިއަށްވަނީއެވެ.
އިރުކޮޅަކުން ދަރިފުޅު ރޮމުން ކޮޓަރިން ނުކުތުމުން ގޮވައިގެން އައީއެވެ. ދަރިފުޅަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ދަރިފުޅު ގާތު ބުނީ އޭނާގެ ބަނޑުގައި ޖިންނިއެއް އެބަ އުޅޭކަމަށާއި ބަނޑުން ޖިންނި ނެރެވޭނީ ޖިމާޢުވެގެންކަމަށެވެ. އެހެން ބުނުމުން ގަތްބިރުން ރޮމުން ދަރިފުޅު ކޮޓަރިން ނުކުތީއެވެ."
ރަށަށް ފުރި ފުރަތަމަ ބޯޓުން އަޅުގަނޑު ރަށަށްދިއައިމެވެ. އަދި އޭނާ ވަގުތުން ރަށުން ނުފޭބިނަމަ ސިފައިން ގެނުވައިގެންވެސް ރަށުން ބާލާނެ ކަމުގެ އިންޒާރު ދިނުމުން އޭނާ ބޯޓަކަށް އަރައިގެން މާލެއައީއެވެ.
މިއީ މިއަދުނޫހަށް ބައްޕަ ދިން މައުލޫމާތެވެ. ބައްޕައަކީ ދިވެހިންގެތެރެއިން އެންމެ ގިނަފަހަރު ޙައްޖާއި ޢުމުރާވެވުމުގެ ނަޞީބު ލިބިފައިހުރި އެކެކެވެ. ވީމާ އޭނާގެ ދަރިފުޅާއިމެދު ކަންތައްވީގޮތް ﷲ ތަޢާލާ އޭނާއަށް ހުވަފެނުގައި ދެއްކެވީކަމަށް ޤަބޫލުކުރެވެއެވެ.
ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ މައިންބަފައިންނަކީ ތަޤްވާވެރިންކަމުގައިވާނަމަ ދަރިންގެ ކަންކަން ﷲ ތަޢާލާ ހުވަފެނުގައި ނަމަވެސް ދަރިންގެ ކަންކަން ދައްކަވާކަމެވެ. ދެވަނަކަމަކީ ރުޤްޔާކުރުމުގެ ނަމުގައި ހިންގާ މަކަރުވެރި ކަންކަމަށް ބެލެނިވެރިންވެސް އަދި އެންމެންވެސް މިހާރަށްވުރެ ހޭލުންތެރިވާންޖެހިފައިވާކަމެވެ.
މަޙްރަމަކާއި ނުލައި ޝަރުޢީ ރުޤްޔާކުރުން ހުއްދަނޫންކަން އެންމެންނަށް ވެސް އެނގެން އެބަޖެހެއެވެ. އެނޫން ގޮތަކަށް އެއްވެސް ކަމެއް ކުރާނަމަ އެކަމެއް އެކުރަނީ އިސްލާމް ދީނުގައި ރުޤްޔާކުރަން އޮތް ގޮތަށް ނޫންކަން ދެނެގަނެ އެފަދަ މީހުންގެ މަކަރުވެރިކަމުން ސަލާމަތްވާން އެބަޖެހެއެވެ. އަދި އެފަދަ މީހުންނަށް ބިރުނުގަނެ އެމީހުންގެ ކަންކަން ފަޟީޙަތްކޮށް އެންމެންނަށް އަންގަންވެސް އެބަޖެހެއެވެ. މީގެ އިތުރުން އެމީހަކީ ރުޤްޔާކުރުމުގެ ހުއްދަ ދީފައި އޮތް މީހެއްކަންވެސް ބަލައިލަން އެބަޖެހެއެވެ.