އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުން އަވަސްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު އާރާސްތުކުރުމަށްޓަކައި ދިވެހިރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ 107.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއު ބިނާވެފައި ވަނީ، ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމުގެ ބޭނުމުގައި ވާލްޑް ބޭންކުން މިހާރުވެސް ކުރިއަށް ގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުއަބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށެވެ. މި ދެ މަޝްރޫއުވެސް ފަރުމާކުރެވިފައި ވަނީ، ކުޑަ ޖަޒީރާ ޤައުމެއްގެ ހައިޞިއްޔަތުން ދިވެހިރާއްޖެ އަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީއަކަށް ވާނެ ގޮތަށެވެ. ހަމަ އެއާއިއެކު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަން ފެށުމުން، ތެލަށް ބަރޯސާވުން ކުޑަވެ އަދި އޭގެ ސަބަބުން ރާއްޖެ އިން ޖައްވަށް ބޭރުކުރާ ވިހަ ކާބަންގެ މިންވަރު މަދުވާނެ އެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަވަހަށް އަރައިގަތުމަށާއި އިޤްތިޞާދު އާރާސްތުކޮށް، ކާރިޡާތަކަށް ތައްޔާރުވެފައި އޮންނަ މިންވަރު ވަރުގަދަކުރުމަށްޓަކައި ވާލްޑް ބޭންކުން މިދަނީ އެހީގެ ޕްރޮގްރާމަށް ބަދަލުތައް ގެންނަމުން. އެރައިޒް އަދި އެސްޕަޔާ މަޝްރޫއުވެސް ވަނީ ކޮވިޑް-19 ގެ ގޮންޖެހުންތަކުން އަރައިގަތުމަށް ވާލްޑް ބޭންކުން ގެންގުޅޭ ވިސްނުމާ ގުޅިފައި،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "އިއާދަކުރަނިވި ހަކަތަ އަށް އިންވެސްޓްކުރާނެ އަމިއްލަ ވިޔަފާރިވެރިން ގެނައުމަށް އެސްޕަޔާ އިން މަސައްކަތްކުރިއިރު، އެރައިޒް މަޝްރޫއުގެ ދަށުން އެކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ހަކަތަ އުފައްދަން ބޭނުންކުރާ އެންމެ ޒަމާނީ އީޖާދުތަކާއި އުފައްދާ ހަކަތަ ރައްކާކުރާނެ ވަޞީލަތްތަކާއި އަދި ކަރަންޓް ފޯރުކޮށްދޭ ވިއުގައިގެ ފެންވަރު މަތިކުރެވިގެންދާނެ،" ފާރިސް އިތުރަށް ވިދާޅުވި އެވެ.
އާ މަޝްރޫއުގެ ބޭނުމަކީ މާލެ ސަރަހައްދާއި އެ ނޫން ވެސް ދިވެހިރާއްޖޭގެ ހިސާބުތަކުގައި އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، އެ ހަކަތަ ކަރަންޓް ވިއުގައިގެ ތެރޭގައި ބޭނުންކުރެވޭ ވަރު އިތުކުރުމަށްޓަކައި ކަރަންޓް ވިއުގަ ހަރުދަނާކުރުމެވެ. އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ޤާއިމްކުރެވޭ އަވިން ހަކަތަ އުފައްދާ ނިޒާމުތައް މެދުވެރިކޮށް ޖުމްލަ 42.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ. މިއީ، އިއާދަކުރަނިވި ވަޞީލަތްތައް މެދުވެރިކޮށް 2020 ގެ ނިޔަލަށް 51 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކަނޑައަޅާފައި ލަނޑުދަނޑި އަށް ވާޞިލްވުމަށް ދެވޭ ވަރަށް ބޮޑު ބާރެކެވެ.
ވާލްޑް ބޭންކް ގްރޫޕުގައި ހިމެނޭ މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) އަދި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ ވަޞީލަތްތަކާއި ތަޖުރިބާ ބޭނުންކޮށްގެން، އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ޚާއްޞަ އިނާޔަތްތައް ފޯރުކޮށްދެވޭނެ އެވެ. އޭގެ ތެރޭގައި، އުފައްދާ ހަކަތަ ގަންނަ އަގު ކުޑަކުރުމަށްޓަކައި ދެވޭ އިނާޔަތްތަކާއި ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ މެކޭނިޒަމެއް ޤާއިމްކުރުން އަދި އިންވެސްޓްމަންޓް ގެރެންޓީ ފޯރުކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުވަމުންދާ ވަރަކަށް އެ ހަކަތަ ބޭނުންކުރެވޭ ވަރު ފުޅާކުރުމަށްޓަކައި މިހާރު ހުރި ކަރަންޓް ވިއުގުތަކުގެ ފެންވަރު މަތިކުރެވިގެންވެސް ދާނެ އެވެ. ހަމަ އެއާއިއެކު، ކުޑަ އަގެއްގައި މެދުކެނޑުމެއް ނެތި ކަރަންޓް ފޯރުކޮށްދިނުމަށާއި އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް އުފައްދާ ހަކަތަވެސް ބޭނުންކުރެވޭ ގޮތަށް ބެޓެރީ ނިޒާމުތަކެއް އައްޑޫ ސިޓީ އާއި އެހެނިހެން ބައެއް ރަށްރަށުގައި ޤާއިމްކުރެވޭނެ އެވެ.
މި މަޝްރޫއުގެ ދަށުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ މުވައްޒަފުން ތަމްރީން ކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ އެހެނިހެން ބައެއް ވަޞީލަތްތައް ކަމަށްވާ ވައި އަދި ހައިޑްރޮޖަން ފަދަ ވަޞީލަތްތަކާއި، ކަރަންޓުން ހިންގާ އެއްގަމު އުޅަނދުފަހަރު ޗާޖުކުރެވޭ ސްޓޭޝަންތައް އަދި 'ވެހިކަލް-ޓު-ގްރިޑް-' ފަދަ އާ އީޖާދުތަކުގެ އަޖުމަބެލިގެންވެސް ދާނެ އެވެ. ހަމަ އެއާއިއެކު، މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ފަންނީ އެހީގެ ޕެކޭޖުގެ ދަށުން، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅިގެންދާނެ އެވެ. އޭގެ ތެރޭގައި، ހަކަތައިގެ ދާއިރާގައި އަންހެނުންނަށް މިހާރަށް ވުރެ ގިނަ އަދި ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި އަންހެން ދަރިވަރުންނަށް ޚާއްޞަކޮށް ވޯކްޝޮޕްތައް ހިންގުން އަދި އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެ އެވެ.
"ތެޔޮ އެތެކުރުމުގައި ދިމާވާ މައްސަލަތަކާއި ތެލުގެ ބާޒާރުގައި އަގަށް އަންނަ ބަދަލުތަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން ދިވެހިރާއްޖެ އަށް ވަނީ އެތެރެކުރާ ތެލަށް ބޮޑު އަގެއް ދައްކަންޖެހިފައި. އޭގެ ސަބަބުން، ރާއްޖޭގެ ރަށްތަކުގައި ހަކަތަ އުފެއްދުމަށް ކުރާ ހޭދަ ވަރަށް ބޮޑުވޭ. މިއީ އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވާންޖެހޭ އެއް ސަބަބު،" މި މަޝްރޫއަށް ވާލްޑް ބޭންކުން ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރުން ކަމަށްވާ އަމިތު ޖައިން އަދި ޖޫންކިޔަން ސޮންގް ވިދާޅުވި އެވެ. "މި މަޝްރޫއުގެ ސަބަބުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް ނޫން ދާއިރާތަކަށްވެސް އިންވެސްޓް ކުރެވި އަދި އެހެނިހެން އިޤްތިޞާދީ މަސައްކަތްތަކާ ގުޅޭ ގޮތުން ދިރާސާކުރުމަށް ހިތްވަރުލިބިގެންދާނެ. އަދި އިއާދަކުރަނިވި ހަކަތަ އުފައްދާ ވަޞީލަތްތަކާއި އެ ނޫންވެސް ތަފާތު ފަހުގެ އީޖާދުތައް މެދުވެރިކޮށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، ތަނަވެސްކުރެވޭނެ. އިއާދަކުރަނިވި ހަކަތަ އުފެއްދުމުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ދިވެހިންގެ ހުނަރު ފުޅާކުރުމުން، މި މަޝްރޫއު ނިމުމުންވެސް އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" އަމިތު އަދި ޖޫންކިޔަން އިތުރަށް ވިދާޅުވި އެވެ.
އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ، ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީ އޮފް އެންވާރަމަންޓް އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަވަނީ 107.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން ލޯނު ދޭ ވާލްޑް ބޭންކުގެ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެ އެވެ. ވާލްޑް ބޭންކް ގްރޫޕުގެ ބޭރުން މި މަޝްރޫއަށް، ކްލީން ޓެކްނޮލޮޖީ ފަންޑުން 30 މިލިއަން ޑޮލަރު، އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރު އަދި އާންމު ވިޔަފާރީގެ އުޞޫލުން ދޭ 45 މިލިއަން ޑޮލަރު ލިބޭނެ އެވެ.
- ވޯލްޑް ބޭންކް