ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢުއެއް ހިންގުމަށް ވޯލްޑްބޭންކުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 50ސ
ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢުއެއް ހިންގުމަށް ވޯލްޑްބޭންކުން ފާސްކޮށްފި

ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢުއެއް ހިންގުމަށް ވޯލްޑްބޭންކުގެ ބޯޑުން ފާސްކޮށްފިއެވެ.

11 ޑިސެމްބަރު 2020 ވީ ހުކުރު ދުވަހު ވޯލްޑްބޭންކުގެ އެގްޒެކްޓިވް ބޯޑުން ފާސްކުރީ އެކްސަލރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) މަޝްރޫއެވެ.

ޖުމްލަ 107.4 މިލިއަން ޑޮލަރުގެ އެރައިޒް މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމާއި، އިއާދަކުރަނިވި ހަކަތަ ގްރިޑަށް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބޭނުންވާނެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމާއި، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ.

މި މަޝްރޫޢަށް ލިބިފައިވާ 107.4 މިލިއަން ޑޮލަރުގެ ތެރެއިން ވޯލްޑްބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑާ) އިން ދެނީ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ. އަދި އެހެން ކޯ-ފައިނޭންސިން އެޖެންސީސްތަކުގެ ތެރެއިން ކްލީން ޓެކްނޮލޮޖީ ފަންޑް (ސީ.ޓީ.އެފް) އިން 30 މިލިއަން ޑޮލަރު ލޯނު އަދި ހިލޭ އެހީ މި މަޝްރޫއަށް ހަމަޖެހިފައިވެއެވެ. ސީ. ޓީ. އެފްގެ 30 މިލިއަން ޑޮލަރުގެ ތެރެއިން 7 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ހަމަޖެހިފައިވާ ފައިސާއެވެ. އަދި މީގެ އިތުރުން، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އިން 20 މިލިއަން ޑޮލަރު ވަނީ ލޯނު އެހީގެ ގޮތުގައި ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މުޅި ޖުމްލައިގެ ތެރެއިން، ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް 45 މިލިއަން ޑޮލަރު ލިބޭނީ ޕްރައިވެޓް އިންވެސްޓްމަންޓްތަކުގެ ގޮތުގައެވެ.

މި މަޝްރޫޢު ހިންގާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން، ސަރުކާރު ހިއްސާވާ ކަރަންޓް އުފައްދާ ކުންފުނިތަކާއި ގުޅިގެންނެވެ. 

އެރައިޒް މަޝްރޫޢުގެ މަސައްކަތްތައް 4 ކޮމްޕޯނަންޓަކަށް ބެހިފައިވެއެވެ. މިގޮތުން، ފުރަތަމަ ކޮމްޕޯނެންޓް އިން މަސައްކަތް ކުރެވިގެންދާނީ ސޯލަރ ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ބޭނުންވާ މާލީ ރައްކާތެރިކަމާއި ޔަޤީންކަން ފޯރުކޮށްދީ، މިދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތައް އިތުރުކުރުމަށެވެ.  މިގޮތުން، މިހާރުވެސް ވޯލްޑްބޭންކްގެ އެހީގައި ރާއްޖޭގައި ހިންގާ "އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިވަބަލް އެނާރޖީ" (އެސްޕަޔަރ) މަޝްރޫޢޫގެ ދަށުން، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން އެކުލަވާލެވުނު އިންވެސްޓްމެންޓް ފްރޭމްވަރކް އަށް ފެތޭނެހެން، އިންޑިޕެންޑެންޓް ޕަވަރ ޕްރޮޑިއުސަރ (އައި.ޕީ.ޕީ) މޮޑެލްގައި، އެރައިޒް މަޝްރޫޢިން މުޅި ޖުމްލަ 36 މެގަވޮޓު ސޯލާ ޕީވީގެ އިންވެސްޓްމެންޓް ރާއްޖެއަށް ގެނެއުމަށްވަނީ ހަމަޖެހިފައެވެ. 

ދެވަނަ ކޮމްޕޯނެންޓްގެ ތެރެއިން، މި މަޝްރޫޢުގެ ދަށުން ސޯލާ ޕީވި ހަރުކުރެވޭ ރަށްތައް ހިމެނޭ ގޮތަށް، ކަރަންޓު ވިއުގައަށް އިއާދަކުރަނިވި ހަކަތަ ފޯރޮކޮށްދެވޭ ނިސްބަތް އިތުރު ކުރުމުގެ ގޮތުން އެކަމަށް ބޭނުންވާ ބެޓަރީ އެނޭރޖީ ސްޓޯރޭޖް ސިސްޓަމްތައް މި މަޝްރޫޢޫގެ ދަށުން ޤާއިމްކުރެވިގެން ދާނެއެވެ. މިކަމުގެ ސަބަބުން މިހާރު ރާއްޖޭގެ ގްރިޑްތަކަށް ކަރަންޓު ބޭނުންކުރެވޭ އެންމެ މަތީ މިންވަރު އިތުރުކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން، ގްރިޑްގެ ސްޓެބިލިޓީ އާއި މުޅި ކަރަންޓު އުފައްދާ ނިޒާމުތަކުގެ ޖުމްލަ އެފިޝަންސީވެސް ރަނގަޅުވެގެންދާނެއެވެ.

ތިންވަނަ ކޮމްޕޮނެންޓް ޚާއްސަކުރެވިފައި ވަނީ އިޢާދަކުރަނިވި ހަކަތަ ކަރަންޓު ވިއުގައާއި ގުޅުވާލުމުގައި ހުރި ދަތިތައް ފިލުވުމަށްޓަކައި، ރަށްރަށުގެ ކަރަންޓު ނިޒާމުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް،  އެކަށީގެންވާ ގޮތަށް ބޭނުންކުރެވޭނެފަދަ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށެވެ. މިގޮތުން ކަރަންޓު ވިއުގާގެ ބައެއް ބައިތައް އަޕްގްރޭޑް ކުރުމާއި ، ސޯލާ ނިޒާމު އަދި ޖަނެރޭޓަރތަކުގެ ފުރިހަމަ ޕްރޮޑަކްޝަން މަޢުލޫމާތުތައް ވަގުތުން މޮނިޓަރކޮށް ސޯލާ ޕީވީ-ޑީސަލް ހައިބްރިޑް ކަރަންޓު ނިޒާމުތައް ހަރުދަނާ ގޮތެއްގައި އޮޕަރޭޓް ކުރުމަށް ރަށްތަކުގައި ޒަމާނީ ސްޕަރވައިޒަރީ ކޮންޓްރޯލް އަދި ޑޭޓާ އެކުއިޒިޝަން ނިޒާމުތައް އެރައިޒް މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭނެއެވެ. އަދި މީގެ އިތުރުން، އިލެއްކްޓްރިކް ވެހިކަލް ޗާޖުކުރެވޭނެ އިންފްރާސްޓްރަކްޗަރ ފަދަ ގްރިޑް މެދުވެރިކޮށް ދެވެދިނޭ އެހެން ޚިދުމަތްތައް ޕައިލެޓްކުރުމަށްވެސް ވަނީ ރޭވިފައެވެ.

މި މަޝްރޫޢުގެ ހަތަރުވަނަ ކޮމްޕޯނަންޓް ގެ ދަށުން، ހަކަތައިގެ ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތަކަށް ރާއްޖޭގެ ހަކަތަ އާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކޮށް، އެ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ހިންގުމާއި، ރެގިއުލޭޓަރީ ކަންކަން ރަނގަޅު ކުރުމާއި ގުޅޭ ކަންތައްތައް މި މަޝްރޫޢުން ކުރެވިގެންދާނެއެވެ. މީގެ ދަށުން، ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ހިމެނޭގޮތަށް ޕަވަރ ސިސްޓަމްތައް އޮޕަރޭޓްކޮށް މެއިންޓެއިންކުރުމުގެ ތަމްރީނު ދިނުމުގެ އިތުރުން، ކުރިއަރަމުން އަންނަ ހަކަތައިގެ އިތުރު ޓެކްނޮލޮޖީތަކާއި ގުޅޭ ފީޒިބިލިޓީ ސްޓަޑީޒް ހެދުމާއި ޕައިލޮޓް ސްކޭލް މަޝްރޫޢޫތައް ހިންގުމަކީވެސް އެރައިޒް މަޝްރޫޢޫގެ އަމާޒެކެވެ.  މިގޮތުން، ފްލޯޓިންގެ ސޯލާރ ޕީވީ އާއި އިލެކްޓްރިކް ވެހިކަލް އިތުރުކުރެވިދާނެ މިންވެރުވެސް ބެލުމަށް ރޭވިފައިވެއެވެ.

 

އެރައިޒް މަޝްރޫޢު ހިންގާނީ ފިޔަވަހިތަކަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސަކަށް ސަބް-ޕްރޮޖެކްޓެއް އެކުލަވާލެވިގެންނެވެ. މިގޮތުން، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 21 މެގަވޮޓްގެ ސޯލާރ ޕީވީ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ރާއްޖޭގެ 6  ސަރަޙައްދެއްގައެވެ. އެރަށްތަކަކީ އައްޑޫ ސިޓީ (ހިތަދޫ، ހުޅުދޫ މީދޫ، ފޭދޫ އަދި މަރަދޫ)، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރެވެ.

މިފިޔަވަހީގައި 2 ލޮޓެއް ހިމެނިފައިވާއިރު،  ޖުމަލް 10 މެގަވޮޓް ހިމެނިފައިވަނީ ފްލޯޓިންގ ސޯލާރ (މޫދު ސޯލަރ) ގެ ނިޒާމެއް ޢާއިމްކުރުމަށެވެ. އަދި ބާކީ 11 މެގަވޮކީ ބިމުގައާއި ޢިމާރާތްތަކުގެ ފުރާޅުތަކުގައި ޤާއިމުކުރާ ސޯލާ ޕީވީގެ ނިޒާމެވެ. މި 6 ސަރަހައްދުގައި ޤާއިމްކުރެވޭ ސޯލާރ ޕީވީގެ ނިޒާމުތަކުން ރަށްތަކުގެ ޕީކް ޑީމާންޑުގެ (ދުވާލު ގަޑީގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ އަދަދުގެ) %70 އިންސައްތައިގެ ކަރަންޓް އުފެއްދޭނެއެވެ. މި ފިޔަވަހި ނިމުމުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 9 މިލިއަން ލީޓަރު (ގާތްގަނޑަކަށް 49،000 ފީފާ) ގެ  ޑީސަލް ސަލާމަތްވެގެންދާނެއެވެ.

އެރައިޒް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހޮވާލެވިފައިވާ އާބާދީ ބޮޑެތި ރަށްތަކުގައި ޤާއިމްކުރާ 21 މެގަވޮޓްގެ ސޯލަރ ޕީވީގެ ޕްރިކޮލިފިކޭޝަން އަށް އިއުލާންކުރެވި މިހާރު ކުރިއަށްދަނީ ޝައުޤުވެރިކަން ފާޅުކުރި ފަރާތްތައް ކޮލިފައިވޭތޯ ބެލުމުގެ މަރުހަލާއެވެ. މީގެ ކުރީން ވޯލްޑްބޭންކުގެ އެހީގައި ކުރިއަށްދާ އެސްޕަޔަރ ޕްރޮޖެކްޓްއިން ހުޅުލެ – ހުޅުމާލެ ލިންކް ރޯޑްގައި 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމެއް ޤާއިމްކުރުމަށް ވަނީ މި އަހަރުގެ ނޮވެމްބަރ މަހު ތެރޭ ތައިލެންޑްގެ އެންސިސް ކުންފުންޏާއި އެކު ސޮއިކޮށްފައެވެ.

އެރައިޒް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ލ. އަތޮޅުގެ ރަށްތަކާއި ޅ. ނައިފަރާއި އަދި ކުޑަހުވަދޫގައި އިތުރު 9 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމެއް ޤާއިމުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެންވަޔަރަންމަންޓް މިނިސްޓަރީންދަނީ ކުރަމުންނެވެ. އެރައިޒް މަޝްރޫޢުގެ ތިނަވަނަ ފިޔަވަހީގައި މަދުވެގެން 6 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމްކުރުމަކީވެސް މި މަޝްރޫޢުގެ އަމާޒެކެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާއިރު، އަދި ކޮވިޑް ކާރިސާގެ ސަބަބުން ރާއްޖެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އަދި ވަކީން ޚާއްސަކޮށް ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު ކުރިއަރެމެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން