ލިބިވަޑައިގަންނަވަމުން ދިއަ ބޮޑު އާމަދަނީ ދޫކޮށްލައްވައި އަތޮޅަށް ޚިދުމަތްކުރައްވަން ވަޑައިގެންނެވި ޑރ. މުހައްމަދު ސޯލިހް އަށް ގައުމީ އިނާމު ލިބިވަޑައިގެންފިއެވެ.
ސ. ހުޅުދޫއަށް އުފަން ޑރ. މުހައްމަދު ސޯލިހުއަށް ސިއްހީ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ 15 އަހަރުވަންދެން ޞިއްޙީ ދާއިރާގެ ހިންގުމުގެ މަތީ ފަންތީގައި މަސައްކަތްކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ 26 އަހަރު ދުވަހު ކްލިނިކަލް ކެއާގެ ދާއިރާއިން ވެސް ތަޖުރިބާ ހޯއްދަވާފައެވެ.
ޑރ މުޙައްމަދު ޞާލިޙް މާސްޓަރ އޮފް ސަރޖަރީ (ޖެނެރަލް ސަރޖަރީ) ހާސިލުކުރައްވާފައި ވަނީ ނޭޕާލުގެ ތްރިބުވަން ޔުނިވަރސިޓީ ޓީޗިންގ ހޮސްޕިޓަލުންނެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ނޮޓިންގހަމް ޔުނިވަރސިޓީއިން މާސްޓަރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ ރާއްޖޭން ބޭރުގައި ހިންގާފައިވާ ޞިއްޙީ ދާއިރާއާ ގުޅޭ އެތަކެއް ތަމްރީނު ޕްރޮގްރާތަކެއް ފުރިހަމަކުރައްވާ، އެތަކެއް ވަރކްޝޮޕްތަކާއި ކޮންފަރެންސްތަކުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ޑރ މުޙައްމަދު ޞާލިޙު ވަނީ މެޑިކާ ހޮސްޕިޓަލުގެ ޗީފް ސަރޖަން އެއްގެ މަޤާމު ފުރުއްވާފައެވެ. ހަމަ އެއާއެކު، އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އިތުރު އެހެން ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ އިސް މަޤާމުތައް ވެސް ޑރ އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ.
ޑރ މުޙައްމަދު ޞާލިހަކީ މޯލްޑިވްސް އެންޓި ޑޯޕިންގ އެސޯސިއޭޝަނގެ ރައީސްއެވެ. އަދި އެ މަނިކުފާނަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއާއި، މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އަދި މޯލްޑިވިއަން މެޑިކަލް ސްޓޫޑެންޓް އެސޯސިއޭޝަންގެ އެއް ބާނީއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ގެ މަޤާމް އަދާކުރައްވަމުން ގެންދަވާ ޑރ. ޞާލިޙަކީ ޕްރިންސިޕަލް މަރްޙޫމް ޙަސަންމާހިރު ގެ އަރިހުން ތަރުބިއްޔަތުވެވަޑައިގެންނެވި އީޕީއެސްއެސްގެ އިސްދަރިވަރެކެވެ.