އާއަހަރުގެ ފުރަތަމަ ދުވަހުގެ ވަކިވަގުތެއް ވެހިކަލް ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އާއަހަރުގެ ފުރަތަމަ ދުވަހުގެ ވަކިވަގުތެއް ވެހިކަލް ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

އާއަހަރުގެ ފުރަތަމަ ދުވަހުގެ ވަކިވަގުތެއް ވެހިކަލް ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މިކަމާގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މިއަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރު ފަތުރު  ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއްކަމަށާއި އަދި މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވި ވާތީ މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާކަމަށެވެ.

މިގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ކައުންސިލުން ވަނީ 2021 ވަނަ އަހަރުގެ ޖެނައަރީ މަހުގެ 01 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން 8:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ 01 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 8:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ ޢިއުލާން ކުރާކަމަށެވެ.

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިއުލެންސް
  3. ޙާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޙާއްސަ ކުރެވިފައިވާ ސައިކަލް
  4. ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޙިދުމަތް
  5. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

      މި އެންގުމާ ޙިލާފްވާ ފަރާތްތައް 5/2009 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައިވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން