ސުޕާރީ އާއި އެކު ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން 12 ބާވަތެއް ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، 2021 އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކޮށްފިއެވެ.
އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ 22 ވަނަ ދުވަހުތަސްދީގު ކުރައްވާފައިވާއިރު މި އިސްލާހުގައިވާ ގޮތުން، ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ލިސްޓައަކާއެކު، އެކި މަރުހަލާ ތަކަކަށް ބަހާލައިގެން، އެތަކެތި އެތެރެކުރުން މަނާކުރުމުގެ އިހުތިޔާރު ރައީސަށް ލިބިވަޑައިގަންނަވާނެ އެވެ. އަދި، އެތަކެތީގެ، ލިސްޓެއް ތައްޔާރުކޮށް އޭގައި ހިމެނޭ ތަކެތި ބޭނުންކުރުން މަނާ ކުރާނެ ތާރީހާ އެކު އަންނަ އަހަރުގެ ކުރިން ގެޒެޓުގައި ޝާއިއު ކުރަން ވެސް ބަޔާން ކޮށްފައިވެއެވެ.
ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރި ބާވަތްތައް:
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2022)
- 1 ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2023)