ކޮވިޑާ ގުޅިގެން ރާއްޖޭގެ މަސައްކަތްތެރިންނަށް ދޭ އެހީ ވާލްޑް ބޭންކުން އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 55ސ
ކޮވިޑާ ގުޅިގެން ރާއްޖޭގެ މަސައްކަތްތެރިންނަށް ދޭ އެހީ ވާލްޑް ބޭންކުން އިތުރުކޮށްފި

ވޮޝިންޓަން، ޖެނުއަރީ 25، 2021 – ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް ދެމުންގެންދާ އެހީ ފުޅާކުރުމަށްޓަކައި އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.

އިތުރަށް ހަމަޖެއްސި މި ފައިސާ ހަރަދުކުރާނީ، 12.8 މިލިއަން ޑޮލަރުގެ ފައިސާއާ އެކު މިދިޔަ އަހަރުގެ ޖޫން މަހު ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ފުޅާކުރުމަށެވެ. އެގޮތުން، ސަރުކާރުން ތަޢާރަފްކޮށްފައިވާ 'ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމް' ދިގުދަންމާލާން ނިންމާފައިވާ މުއްދަތުގެ ތެރޭގައިވެސް، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކާއި ދިވެހިރާއްޖޭގައިވެސް ވައިރަސް ފެތުރިފައިވާ މިންވަރުގެ ސަބަބުން، ފިނިމޫސުމުގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމަށް ހޮޓާތަކާއި ރިސޯޓްތަކުން އަންދާޒާކުރޭ. ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ ކުޑަ މުސާރައަކާ އެކު ޗުއްޓީގައި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ވަނީ ގެއްލިފައި. މި ކާރިޡާގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "އިތުރު ފައިސާއާއެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ ވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށްވެގެންދާނެ."

'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ފެށިގެން މިހާތަނަށް އައިއިރު، ހާލުގައި ޖެހިފައިވާ މަސައްކަތްތެރިންގެ ދިރިއުޅުން ސަލާމަތްކުރުމުގައި ވަރަށް ބޮޑު ދައުރެއް ވަނީ އަދާކޮށްފަ އެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް، ކޮވިޑް-19 ގެ ކާރިޡާގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ސަތާރަ ހާހެއްހާ މަސައްކަތްތެރިންނަށް ގާތްގަނޑަކަށް ޖުމްލަ 10.3 މިލިއަން ޑޮލަރު ވަނީ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދީފަ އެވެ. ހަމަ އެއާއެކު، ހޭލުންތެރިކުރުމާއި، ޝަރުތުތައް ލުއިކޮށްދިނުން އަދި އެހެނިހެން ގޮތްގޮތުން ފަސޭހަކޮށްދިނުން ފަދަ ޚާއްސަ ފިޔަވަޅުތައް މެދުވެރިކޮށް، އަންހެނުންނާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ފަދަ އާއްމު ގޮތެއްގައި ނުރަސްމީ ދާއިރާތަކުގަ އާއި ރަސްމީ އެއްބަސްވުންތައް ނެތް ގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަހައްމިއްޔަތުކަން ދެމުންގެންދެ އެވެ. 

ވަގުތީ ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކުރިމަގުގައި ކުރިމަތިވެދާނެ ލޮޅުންތައް ކުޑަކުރުމުގެ ޤާބިލްކަން، މި މަޝްރޫއުގެ ދަށުން އިތުރުކުރެވިގެންދާނެ އެވެ. ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މިފަދަ އެހީތެރިކަން ފޯރުވައިދެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކައުންސިލްތަކަށް އިތުރު މަޞްޢޫލިއްޔަތުތައް ދިނުމުގެ ގޮތުން އިދާރީ ކަންކަން ހަރުދަނާ ކުރެވޭނެ އެވެ. ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ޚާއްސަ މުޅިން އާ އިންޝުއަރެންސް ޕްރޮގްރާމެއް ތަޢާރަފްކުރެވި، ވަރަށް ތަފްޞީލީ ގޮތެއްގައި އެކަށައެޅޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޤައުމީ އޮނިގަނޑެއް އެކުލަވާލެވޭނެ އެވެ. މީގެ އިތުރުން، މިހާރު ހުރި ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އެފަދަ އެހެނިހެން ޕްރޮގްރާމްތަކުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ޕްރޮގްރާމްތައް މުރާޖަޢާކުރެވޭނެ އެވެ.

"ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ދުވެލި ހީނަރުވުމުގެ ސަބަބުން ކުރިމަތިވާ ބޮޑެތި އިޤްތިޞާދީ މައްސަލަތައް ކުޑަކުރުމުގައި މި މަޝްރޫއުން މިހާރުވެސް ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައި،" ސީނިއާ އިކޮނޮމިސްޓް އަދި މި މަޝްރޫއަށް ވާލްޑް ބޭންކުން ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރު ތޯމަސް ވޯކާ ވިދާޅުވި އެވެ. "އިތުރު ފައިސާއާ އެކު އިންކަމް ސަޕޯޓް އެލަވެންސް ޕްރޮގްރާމް ފުޅާކުރުމަކީ، ކޮވިޑް-19 ގެ ކާރިޡާއިން އަރައިގަތުމަށްޓަކައި ވާލްޑް ބޭންކުން ދޭ އެހީތެރިކަން ބިނާކޮށްފައިވާ މައި އެއް ތަނބުކަމަށްވާ 'ފަޤީރު އަދި ހާލުގައި ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް ރައްކާތެރިކުރުން' އާ ގުޅިލާމެހިފައި."

'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ކުރިއަށް ގެންދަނީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ. މި މަޝްރޫއަށް އިތުރަށް ހަރަދުކުރުމަށް ފާސްކޮށްފައިވަނީ ޖުމްލަ 21.6 މިލިއަން ޑޮލަރެވެ. މި ފައިސާ ހަމަޖެހިފައިވަނީ، ތަރައްޤީވަމުން އަންނަ ޤައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގަ އެވެ. އިތުރަށް ހަމަޖެހުނު ފައިސާއާ އެކު، 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' އަށް ޖުމްލަ ހޭދަކުރެވޭނީ 34.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި، މީގެ ކުރިން އައިޑީއޭ އިން ފޯރުކޮށްދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ހިމެނެ އެވެ.  

ކޮވިޑް-19 އާ ދެކޮޅަށް ވާލްޑް ބޭންކުން ރާއްޖެ އަށް ދެމުންގެންދާ އެހީތެރިކަން 

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވާލްޑް ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހު ދިވެހިރާއްޖެ އަށް ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއް ވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ. ޖުމްލަ 148 މިލިއަން ޑޮލަރުގެ އަގުހުރި 10 މަޝްރޫއެއް ވާލްޑް ބޭންކުން މިވަގުތު ރާއްޖޭގައި ހިންގަ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ވާލްޑް ބޭންކް ގްރޫޕުން ދެމުންގެންދާ އެހީތެރިކަން 

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް އިދާރާ ކަމަށްވާ ވާލްޑް ބޭންކް ގްރޫޕުން އަންނަނީ، މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތައް ވަރުގަދަކުރުމަށް ތަރައްޤީވަމުން އަންނަ ވަރަށް ފުޅާދާއިރާއެއްގައި އަދި އަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޞިއްހީ ދާއިރާ އަށް އެހީތެރިވުމަށް ކޮންމެހެން ބޭނުންވާ އާލާތްތަކާއި ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، ވަޒީފާތައް ހިމާޔަތްކުރުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ވެސް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 15 މަސްދުވަހަށް ބެހިގެންދާ ގޮތަށް ވާލްޑް ބޭންކް ގްރޫޕުން 160 ބިލިއަން ޑޮލަރާ ހަމައަށް އެހީތެރިވެދޭނެ އެވެ. މި އެހީގެ ބޭނުމަކީ، ފަޤީރުންނާއި އަޅާލުން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދީ، އަދި އިޤްތިޞާދު ކޮޅަށް ޖެހުމެވެ. މީގެ ތެރޭގައި، ހިލޭ އެހީ އާއި ލުއި ގޮތްތަކެއްގެ މަތިން ދޫކުރެވޭ ލޯނު ހިމެނޭ ގޮތަށް، އައިޑީއޭ އިން ފޯރުވައިދޭ އިތުރު 50 ބިލިއަން ޑޮލަރުވެސް ހިމެނެ އެވެ.

މިއަދު އޮންލައިން