ކުޑަކުދިން އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުންކަމަށް ކުރެހުމުގެ މުބާރާތެއް ބާއްވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކުޑަކުދިން އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުންކަމަށް ކުރެހުމުގެ މުބާރާތެއް ބާއްވަނީ!

ކުޑަކުދިން އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުންކަމަށް ކުރެހުމުގެ މުބާރާތެއް ބާއްވަން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން ނިންމައިފިއެވެ.

އަންނަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ "ސޭފަރ އިންޓަނެޓް" ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ މި މުބާރާތުގައި ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު 4 ފެބުރުއަރީ 2021 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ތީމެއްގެ ގޮތުގައި ''އިންޓަނެޓްގެ ރައްކާތެރިކަން'' ކަނޑައަޅާފައިވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިން ވީހާވެސް ބޮޑަށް އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުން ކަމަށާއި މި މުބާރާތަކީ ކުރެހުމެއްގެ ޒަރިއްޔާއިން ރައްކާތެރި އިންޓަނެޓް މުހިއްމުކަން އެކުދިންނަށް ދެނެގަނެވި، އިންޓަނެޓުގައި މިހާރު ކުޑަ ކުދިންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކާއި، ލިބޭ ގެއްލުންތަކާއި، މިފަދަ މުހިއްމު ކަންކަން އެކުދިން އަމިއްލަޔަށް ދެނެގަތުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން ވަނީ ބުނެފައެވެ.

މި ކުރެހުމުގެ މުބާރާތުގެ އުމުރުފުރާ ތަކަކީ 7 އަހަރުން ދަށުގެ ކުދިންނާއި، 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށާއި އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ކުރެހުމުގެ ފޮޓޯއެއް ނެންގެވުމަށްފަހު ކޮމިއުނިކޭޝަން ނިސްޓްރީއިން ފޯރުކޮށްދީފައިވާ އޮންލައިން ފޯމަށް ގޫގުލް އެކައުންޓު މެދުވެރިކޮށް ލޮގިން ކުރުމަށްފަހު، އޭގައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ކުރެހުން އެއަށް އަޕްލޯޑު ކުރެވޭނެއެވެ.

މި މުބާރާތް ކުރިއަށްގެންދެވޭނީ 25 ޖަނަވަރީ 2021އިން 4 ފެބުރުއަރީ 2021ގެ 16:00ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވާނެއެވެ. މުބާރާތުގައި ހުށަހެޅޭ ކުރެހުންތައް ޖަޖުކުރާނީ މިނިސްޓްރީއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތުން ވަނަ ހާސިލުކުރާ ކުދިން އިއުލާން ކުރެވޭނީ 9 ފެބުރުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ ރޭ މިނިސްޓްރީއިން ސޭފަރ އިންޓަރނެޓް ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައެވެ.

މިއަދު އޮންލައިން